އިންތިޚާބު ބާތިލް ކުރަން ނުޖެހޭކަމަށް ސުޕްރީމު ކޯޓުން ހުކުމްކޮށްފި

ސުޕްރީމު ކޯޓުގެ އަޑުއެހުމަށް އިދިކޮޅު އިއްތިހާދުގެ ލޯޔަރުން ވަޑައިގަންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލު ކުރަން ނުޖެހޭ ކަމަށް ސުޕްރީމު ކޯޓުން ހުކުމް ކޮށްފި އެވެ.

އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުންނެވެ. ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅީ އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ އިންތިހާބު ބާތިލުކުރުމަށް އެދި އެވެ.

މިއަދު އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނީ، ރިޔާސީ އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށެވެ. އެގޮތުން އިންތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން އެކަށީގެންވާ ގާނޫނީ އަސާސުތަކެއް އަދި ގަރީނާއެއް ދައްކާފައި ނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

އެކަަށީގެންވާ ވަރަށް ހެއްކާއި ގަރީނާއެއް ނެތް

އެފަދަ މައްސަލަތަކުގައި އެ މައްސަލަ ސާބިތު ކުރުމުގެ ބުރަ އުފުލަން ޖެހެނޭނީ މައްސަލަ ހުށަހަޅާ ފަރާތުން ކަމަށްވާ އިރު، ރައީސް ޔާމީން ފަރާތްޕުޅުން ގިނަ ގުނަ ކަންތައްތަކެއް ފާހަގަކުރި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެ ކަންތައްތައް ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ނުވާކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ވޯޓު ކަރުދާސް ޗާޕުކުރަން އެމް7 ކުުންފުންޏާ ހަވާލު ކުރުމަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހެއްގެ ކުންފުންޏަށް އެ ފުރުސަތު ދިނުން ކަމަށް ނުބެލެވޭނެ ކަމަށާއި ވޯޓު ކަރުދާސް ޕްރިންޓު ކުރުން އެ ކުންފުންޏާ ހަވާލު ކުރުމަކީ ވަކި ފަރާތަކަށް ފައިދާވާ ގޮތަށް ކަންތައް ކުރުން ކަމުގައި ބެލެވޭނެ އެއްވެސް ގަރީނާއެއް ނެތް ކަމަށް ހުކުމުގައި ފާހަގަ ކުރި އެވެ.

އެ މައްސަލާގައި ވޯޓު ކަރުދާސް ރައްކާ ކުރަން ބެހެއްޓި ކޮޓަރީގެ ސެކިއުރިޓީއާ މެދު ރައީސް ޔާމީންގެ ފަރާތްޕުޅުން ސުވާލު އުފައްދާފައިވެ އެވެ. އެ ކަމާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ އެ ކޮޓަރީގެ ސެކިއުރިޓީ ރަނގަޅަށް ބަލަހައްޓާފައިވާ ކަމަށް އިލެކްޝަންސް އިން ދައްކާފައިވާ ވާހަކަތަކަށް މޯލްޑިވްސް ޕޮލިސް ސާވިސެސް އިން އިންތިހާބުގެ ކުރިން ވެސް އަދި ފަހުން ވެސް ދެކޮޅު ހަދާފައި ނުވާކަން އެނގެން އޮންނަ ކަމަށެވެ. ވޯޓު ކަރުދާސް ބެހެއްޓި ކޮޓަރި އަކީ ފުލުހުން ސެކިއުރިޓީ ބެލެހެއްޓި ކޮޓަރިއެކެވެ.

ދެލި ފޮހެވޭ ކަރުދާހަކުން ވޯޓު ކަރުދާސް ޕްރިންޓު ކުރި ކަމަށާއި ލިޔެވޭ އަނގޮޓި އަކުން ވޯޓަށް ބަދަލު ގެނައި ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލާގައި ބުނެފައިވާ އިރު އެކަމާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ ވޯޓުލާ ކޮން މަރުކަޒެއްގައި ކަމެއް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ބުނެފައި ނުވާ ކަމަށެވެ. އަދި ވޯޓަށް ބަދަލު ގެނައީ އަނގޮޓި ނުވަތަ ގަނޑު ބޭނުންކޮށްގެން ކަމެއް ވެސް ފާހަގަކޮށްފައި ނުވާ އިރު އިލެކްޝަންސް ކޮމިޝަނުން ގަލަން ދީގެން ވޯޓުލި މީހުންގެ އަދަދާއި އަމިއްލަ ގަލަމުން ވޯޓުލި މީީހުންގެ އަދަދުގެ ރެކޯޑު ބަލަހައްޓާފައި ނުވާކަން ވެސް ހުކުމުގައި ފާހަގަ ކުރި އެވެ. ހުކުމުގައި ބުނީ އެފަދަ ވަސީލަތްތައް ބޭނުންކޮށްގެން ވޯޓު އޮޅުވާލަން މަސައްކަތް ކުރި ކަމުގެ އެއްވެސް ގަރީނާއެއް ނެތް ކަމަށެވެ.

މިއަދު ހުކުމް ކުރި ވަގުތު ސުޕްރީމް ކޯޓު ސަރަހައްދުގައި މީހުން އެއްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އިލެކްޝަންސްގެ ކޮމްޕްލައިންސް ބިއުރޯ ހުއްޓާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓާ ގުޅިގެން ރައްޔިތުންނަށް މައްސަލަ ހުށަނޭޅޭ ކަމަށެވެ. ނަމަވެސް އިލެކްޝަންސް އިން ވަނީ އެ ބިއުރޯ ފުރިހަމައަށް މަސައްކަތް ކުރި ކަމަށް ބުނެ އެކަމަށް ދެކޮޅު ހަދައިފަ އެވެ. މިއަދުގެ ހުކުމުގައި ބުނެފައި ވަނީ އީސީ އިން ބުނިގޮތާ ހިލާފަށް ކަންތައްތައް ވެފައިވާކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސާބިތު ކުރެވިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ވޯޓު ބޫތު ބެހެއްޓީ ވޯޓަށް ނުފޫޒު ފޯރާ ގޮތަކަށް ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކުރި މައްސަލައާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ އެގޮތަށް ބޫތު ބަހައްޓާފައި ވަނީ ކޮން މަރުކަޒެއްގައި ކަމެއް ވެސް ރައީސްގެ ފަރާތްޕުޅުން ބުނެނުދެވޭ ކަމަށެވެ.

ޔޫވީ ލައިޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގެ ސައްހަކަން ބަލާފައި ނުވާ ކަމަށް ބުނާ މައްސައާ ގުޅިގެން ހުކުމުގައި ބުނެފައި ވަނީ އެގޮތަށް ކަންތައް ކުރުމަކީ އެއްވެސް ގާނޫނަކުން ލާޒިމު ކުރާ ކަމެއް ނޫން ކަމަށެވެ.

އަދި ބައެއް ވޯޓު ފޮށިތަކަށް އިތުރަށް ވޯޓުލާފައިވާ ކަމަށް ބުނާ އިރު އެކަން ހިނގައި ދިޔަ ގޮތް އިލެކްޝަންސް އިން ކިޔައިދިން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އަދި އެކަން އެއް ފޮށީގައި ހިނގުމަކީ އެހެން ފޮށިތަކުގައި އެކަން ހިނގި ކަމުގެ ދަލީލެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން ބައެއް މީހުން ވޯޓުލާ މަރުކަޒަށް އަތް ދަބަސް ފަދަ ތަކެތި ވެއްދި އިރު އެއީ އިތުރު ވޯޓު ވެއްދުމުގެ ދަލީލެއް ނޫން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވޯޓުގެ ނަތީޖާ ބާތިލު ކުރަން ޖެހޭނީ ވޯޓުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ކަމެއް ހިނގާފައިވާ އިރު ކަމަށް އެނގެން އޮންނަ އިރު، އެފަދަ ކަމެއް ހިނގާފައިވާ ކަމުގެ އެއްވެސް ދަލީލެއް އަދި ގަރީނާއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާކަން ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޖިނާއީ ތަހުގީގެއް ކުރަން ނުޖެހޭ

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މައްސަލާގައި އެދިފައި ވަނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތައް އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ތަހުގީގު ކުރުމަށް އެދިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން އެ ތަހުގީގު ކުރިއަށް ގެންދިޔުމަށް އެ މައްސަލާގައި އެދުނެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ އިންތިހާބާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަންތައްތަކަކީ ހީތަކާއި ވަހުމްތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކަށް ތުހުމަތުގެ ދަރަޖަ ވެސް ނުދެވޭނެ ކަމަށެވެ. އިދިކޮޅު އިއްތިހާދުން ވެސް ބުނެފައި ވަނީ އެ ވާހަކަތަކީ ހިޔާލީ ވާހަކަތެއް ކަމަށާއި އެކަންތައް ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އެންގުމުގެ ބާރު އެ ކޯޓަށް ލިބިގެންވާ ކަމަށެވެ. މީގެ އިތުރުން ބޮޑު ޖިނާއީ މައްސަލަައެއްގެ ތުހުމަތު ކުރެވޭ ހާލަތެއްގައި އެކަންކަން ތަހުގީގު ކުރުމުގެ ބާރު ޕީޖީއަށް ވެސް ލިބިގެންވާކަން ފާހަގަ ކޮށްފައިވެ އެވެ.

އެކަންކަން ތަހުގީގު ކުރުމާ ގުޅޭ ގޮތުން ވެސް މިއަދު ވަނީ ހުކުމުގައި ގޮތެއް ނިންމާފަ އެވެ. މިއަދުގެ ހުކުމުގައި ބުނެފައި ވަނީ އެ ހުރިހާ މައްސަލައެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިރު އެކަންކަން ސާބިތު ކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ގަރީނާއެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެހެން ހުރިހާ މިނިވަން މުއައްސަސާއެކޭ އެއްފަދައިން އިލެކްޝަންސް ކޮމިޝަން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ޖަވާބުދާރީ ކުރެވޭނެކަން ހުކުމުގައި ފާހަގަ ކުރެ އެވެ.

ރައީސް ޔާމީންގެ ފަރާތުން ކޯޓަށް މައްސަލަ ވެއްދި ވަކީލު އަދި ޖޭއެސްސީގެ މެމްބަރު ރޭނިސް ސަލީމް (މ)ގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް، ރައީސް ޔާމިންގެ ފަރާތްޕުޅުން ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ތަކެއްޗަށް ބަލާއިރު އެ މައްސަލަ ތަހުގީގު ކުރަން ކަމާ ބެހޭ އެއްވެސް އިދާރާއަކަށް އަންގަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް މިއަދުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

މިއަދު ސުޕްރީމް ކޯޓުން ހުކުމް އިއްވުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ސުޕްރީމް ކޯޓު ކުރިމައްޗަށް އެއްވެ އުފާފާޅުކޮށްފަ އެވެ. މިއަދުގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުުގެ އެއްވެސް މެމްބަރަކު ނުވަންނަވަ އެވެ. އަދި ސަރުކާރުގެ އެއްވެސް މެމްބަރެއް ވަޑައެއް ނުގަންނަވަ އެވެ.

comment ކޮމެންޓް