އިންތިޚާބާ ގުޅޭ މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލްކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް އިއްވުން މިއަދު 1:00އަށް ސުޕްރީމު ކޯޓުގައި ތާވަލު ކޮށްފިއެވެ.

އިންތިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް ސުޕްރީމު ކޯޓަށް ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ފަރާތްޕުޅުންނެވެ.

އެ މައްސަލާގައި ބުނެފައިވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރި ކަމަށާއި އިންތިޚާބު ބާތިލް ކޮށްދިނުމަށެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.

މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފައި ވަނީ މައްސަލާގައި ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅުއްވި ސިއްރު ހެކި ބަލައި ނުގަތުމަށެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވާ ވަކީލު ހުސެއިން ޝަމީމް ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައި ވަނީ އިހުތިމާލުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ހަގީގަތް ނަފީ ކުރުމަށް އިހުތިމާލުތަކެއް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދު ތަމްސީލު ކުރައްވާ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ވަކާލާތު ކުރައްވާ ފަރާތްތަކުން ބާޑަން އޮފް ޕްރޫފް ފުރޮޅާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅި އިރު މައްސަލައާ އެކު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

މައްސަލަ ރައްދުވާ ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނާއި އިދިކޮޅު އިއްތިހާދުގެ ފަރާތުން އެދިފައި ވަނީ އިންތިހާބު ބާތިލު ކުރަން ޖެހޭ އަދި ތަހުގީގު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑައެޅުމަށެވެ.

comment ކޮމެންޓް