ޓާޓާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުންތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހިއްސާކޮށްފިއެވެ.
ގާކޮށީގައި އިމާރާތްކޮށްފައިވާ މާލޭ ސްކޮޔާ ފްލެޓުގައި ދިރިއުޅޭ މީހަކު "ސަން" އަށް ބުނީ އެމީހުންނަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ދައްކާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި ނަމަވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެދުނީ އެޗްޑީސީގެ އެމްޑީ އާ ބައްދަލުކުރަން އެޕޮއިންޓްމެންޓަކަށް. މިއަދު އެޕޮއިންޓްމެންޓު ލިބުނީ، އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހިއްސާ ކުރަން މިއަދު ފުރުސަތު ލިބުނީ،"
އޭނާ ބުނީ ފްލެޓުގެ ލިފްޓު މެއިންޓެއިން ނުކުރާތީ ލިފްޓަށް މައްސަލަ ދިމާވާ ކަމަށެވެ.
"އިއްޔެވެސް މީހުން އަރާ ތިއްބާ ލިފްޓު ކޮންޓްރޯލު ނުވެގެން ތިރިއަށް ދިޔައީ،" ލިފްޓު މެއިންޓެއިން ނުކުރުމުގެ ޝަކުވާ ގާކޮށި ފްލެޓުގައި ހުންނަ އެޗްޑީސީގެ މެއިންޓެނެންސް އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި އެތައް ދުވަހެއް ވީއިރުވެސް އެކަމަށް އިޖާބަ ދީފައިނުވާކަމަށް އޭނާ ބުންޏެވެ.
މީގެއިތުރުން އެޕާޓްމެންޓުތަކުގެ ފާޚާނާގެ ފްލަޝްޓޭންކުތަކަށް ލޮނުފެން ނާރާ މައްސަލަވެސް އެޗްޑީސީ އަށް ހުށަހަޅާފައިވާކަމަށް ފްލެޓުގައި ދިރިއުޅޭ މީހުން ބުންޏެވެ.
"ފްލަޝްޓޭންކަށް ފެންނާރާ މައްސަލައާ، މަތީ ފްލޯގެ ފާޚާނާތަކުން ތިރީ ފްލޯތަކަށް ފެން ލީކުވުން، ފާޚާނާ ބެދުން ފަދަ މައްސަލަތައްވެސް މެއިންޓެނެންސް އަށް ހުށަހެޅުމުން އެކަމަށް އިޖާބަދީފައެއް ނުވޭ. އެ ހުރިހާކަމެއް އަޅުގަނޑުމެން އެޗްޑީސީ އަށް ހިއްސާކޮށްފީން،"
ޓާޓާ ފްލެޓުގައި ދިރިއުޅޭ މީހުން ބުނީ މެއިންޓެނެންސް ފީގެ ނަމުގައި ކޮންމެ އެޕާޓްމެންޓަކުން މަހަކު 1272 ރުފިޔާ ނަގާ ކަމަށެވެ.
"ސެކިއުރިޓީ އަށާ މެއިންޓެނެންސް އަށް ނަގާ ވަރު އެއީ. އެކަމަކު ސެކިއުރިޓީވެސް މެއިންޓެނެންސް ނުބަލަހައްޓާ. ލިފްޓުތަކަށް އަރާ ބައެއް މީހުން ލިފްޓަށް ގެއްލުންދޭ މައްސަލަ ބަލަންވެސް އެދިފައިވާނީ. އެކަމަށްވެސް ހައްލެއް ނުލިބުން. ކެމެރާ ހަރުކޮށްފައި ހުންނަނީ ލިފްޓުގައި،"
އެޗްޑީސީ އާ ހިއްސާކުރި މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރާނެކަމަށް އެމްޑީ ވިދާޅުވިކަމަށް އެމީހުން ބުންޏެވެ.
"ވިދާޅުވީ މިހާރުން މިހާރަށް ލިފްޓުގެ މައްސަލަ އާއި ފްލަޝްޓޭންކުތަކުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް،"
ބައެއް ކަންތަކަށް ވަގުތު ނަގާފާނެ ކަމަށް އެޗްޑީސީ އިން ބުނިކަމަށް އެމީހުން ބުންޏެވެ.