ފޭސްބުކްގެ ޗެއާމަން ކަމުން އެ ޕްލެޓްފޯމުގެ ކޯ ފައުންޑަރު މާކް ޒަކަބާގް ދުރުކުރުމަށް މަސައްކަތް ފަށައިފިއެވެ.
ފޭސްބުކް އަށް ފަންޑު ކުރާ އިންވެސްޓަރުންތަކެއް އިސްނަގައިގެން ފޭސްބުކްގެ ޑިރެކްޓަރުންގެ ބޯޑާ ބައްދަލުކޮށް ޒަކަބާގް އެމަގާމުން ދުރުކުރުމަށް ގޮވާލާ ޕެޓިޝަނެއް ވަނީ ހަވާލުކޮށްފައެވެ.
އިންވެސްޓަރުން ބޭނުންވަނީ ޗެއާމަންގެ މަގާމަކީ ޒަކަބާގުގެ ނުފޫޒު ނެތް މަގާމަކަށް ހަދާށެވެ. އޭނާ އަކީ ފޭސްބުކްގެ ސީއީއޯ ވެސް މެއެވެ. ފޭސްބުކްގެ ހިއްސާގެ ބޮޑުބަޔަކީ އަދިވެސް މާކްގެ ހިއްސާއެވެ.
ފޭސްބުކްގެ ޗެއާމަންގެ މަގާމު ސީއީއޯ އަދި ފައުންޑަރުގެ ނުފޫޒުން މިނިވަންކުރަނީ ޝެއާ ހޯލްޑަރުންނާއި މުވައްޒަފުން ޔޫޒަރުންނަށްވެސް އެންމެ ފައިދާވާނެ ގޮތަކީ އެއީކަމަށް ވާތީ ކަމަށް ޕެޓިޝަނުގައި ވެއެވެ.
މީގެ ކުރިންވެސް ޒަކަބާގް މަގާމުން ދުރުކުރުމަށް އިންވެސްޓަރުންގެ ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ. ފޭސްބުކް އިން އެފަހަރު ބުނެފައިވަނީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަކީ މިނިވަން ގުނަވަނެއް ކަމަށެވެ.
ފޭސްބުކް ޒަކަބާގްގެ ނުފޫޒުން މިނިވަންކުރުމަށް ގޮވާލާފައިވަނީ އިންތިހާބުތަކުގެ ނަތީޖާ އަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވަނިކޮށެވެ.
މީގެ އިތުރުން ޔޫޒަރުންގެ ޒާތީ މައުލޫމާތު ތާޑް ޕާޓީ އެޕްތަކަށް ލިބުމާއި، 30 މިލިއަން ޔޫޒަރުންގެ ޒާތީ މައުލޫމާތު ފޭރިގަތުމުގެ ތުހުމަތުވެސް ވަނީ ފޭސްބުކްގެ މައްޗަށް ކޮށްފައެވެ.