ނަވާރަ އަހަރުން ދަށުގެ އޭފްސީ ވިމެންސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ގައުމީ 19 އަހަރުން ދަށުން އަންހެން ފުޓުބޯޅަ ޓީމު ރޭ ކިރިގިސްތާނަށް ފުރައިފި އެވެ.
ނަވާރަ އަހަރުން ދަށުގެ އޭފްސީ ވިމެންސް ޗެމްޕިއަންޝިޕު ކުރިއަށް ގެންދަނީ ހަ ގްރޫޕަކަށް ގައުމުތައް ބަހާލައިގެންނެވެ. ރާއްޖެ ހިމެނޭ ސީ ގްރޫޕުގައި ފަސް ޓީމު ހިމެނޭ އިރު ދެން ހުރި ގްރޫޕުތަކުގައި ހިމެނެނީ ހަތަރު ޓީމެވެ.
ރާއްޖެއާ އެކު ގްރޫޕް ސީގައި ހިމެނެނީ ކިރިގިސްތާން، އުޒްބެކިސްތާން، ޔޫއޭއީ އަދި ގުއާމް އެވެ.

ކިރިގިސްތާނަށް ފުރި ގައުމީ 19 އަހަރުން ދަށުގެ އަންހެން ޓީމު-- ފޮޓޯ: އެފްއޭއެމް
މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ ގުއާމްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހޯމަ ދުވަހު ރާއްޖެ ޔޫއޭއީއާ ދެކޮޅަށް ނުކުންނަ އިރު، ބުދަ ދުވަހު ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ކިރިގިސްތާނާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅޭނީ ކިރިގިސްތާނުގެ ޑޮލެން އޮމުރުޒަކޮވް ސްޓޭޑިއަމްގަ އެވެ. ގްރޫޕް އޭގެ މެޗުތައް ލުބުނާނުގެ ޖުނެއިއާ މުނިސިޕަލް ސްޓޭޑިއަމްގައި ކުޅޭ އިރު ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ތައިލެންޑުގެ ޗޮންބުރީ ސްޓޭޑިއަމްގަ އެވެ. ގްރޫޕް ޑީގެ މެޗުތައް ތަޖިކިސްތާނުގެ ރިޕަބްލިކަން ސެންޓްރަލް ސްޓޭޑިއަމްގައި ކުޅޭ އިރު އީގެ މެޗުތައް ކުޅޭނީ ވިއެޓްނާމްގަ އެވެ. ގްރޫޕް އެފްގެ މެޗުތައް ކުޅޭނީ މިޔަންމާގެ ތުވުއްނާ ސްޓޭޑިއަމްގަ އެވެ.