ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު 3-2 ސެޓުން ބަލިކޮށް ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގެ ކުރީ ކޮޅު ފޮނަދޫއިން ވަނީ މޮޅު ކުޅުމެއް ދައްކައި ފުރަތަމަ ސެޓު ގެންގޮސްފައެވެ. އެ ސެޓު ފޮނަދޫއިން ގެންދިޔައީ 25-15 އިންނެވެ.
ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، ފުލުހުން ދެވަނަ ސެޓަށް ނުކުތީ އާ ހިތްވަރާކާ އެކުއެވެ. އެގޮތުން ޕޮލިހުންގެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިޔާ ހައްވާ ރާޝިދާގެ މޮޅު ކުޅުމާ އެކު އެ ޓީމުން ވަނީ އެ ސެޓު 19-25 އިން ގެންގޮސްފައެވެ.
ފޮނަދޫ އިން ތިން ވަަނަ ސެޓު ފެށީ ވަރުގަދަ ކޮށެވެ. ނަމަވެސް އެ ސެޓުގެ މެދުތެރެއިން ފުލުހުން ވަނީ ކުޅުން ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޕޮލިހުން ވަނީ ސްކޯ އަނބުރާލައި އެ ސެޓު ވެސް ގެންގޮސްފައެވެ. އެ ސެޓު ފުލުހުން ގެންދިޔައީ 17-25 އިންނެވެ.
ޕޮލިހަށް ހަތަރު ވަނަ ސެޓު ކާމިޔާބުކޮށްގެން މޮޅުވެން އޮތް ނަަމަވެސް، ފޮނަދޫ އިން ވަނީ ފަހު ވަގުތާ ޖެހެންދެން ވަރުގަދަ ކުޅުމެއް ދައްކައިފައެވެ. ފޮނަދޫއިން އެ ސެޓު ގެންދިޔައީ 26-24 ގެ ކުޑަ ތަފާތުންނެވެ.
ހަތަރު ވަނަ ސެޓު ފޮނަދޫއަށް ލިބުމުން އެ ޓީމަށް އާ ހިތްވަރެއް ލިބުނު ނަމަވެސް، ފުލުހުން ފަހު ސެޓަށް ނުކުތީ ވަރުގަދަ އަޒުމަކާ އެކުއެވެ. އެ ޓީމުން ވަނީ ހައްވަގެ މޮޅު ކުޅުމާ އެކު، ފަހު ވަގުތާ ޖެހެންދެން ހިތްވަރުކޮށް، 08-15 އިން ސެޓު ގެންގޮސް ޗެމްޕިއަންކަން ހޯދައިފައެވެ.
ފުލުހުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އެ ޓީމުގެ ހައްވަ އަށެވެ. އަދި އޭނާ ވަނީ ޑްރީމް ޓީމުގައި ވެސް ހިމެނިފަ އެވެ.
ޑްރީމްޓީމުގައި އޭނާގެ އިތުރުން ހިމެނުނީ ޕޮލިސްގެ ނުހާ އާއި ފޮނަދޫގެ ޝައްފައާއި ޖޫޒާންއާއި މާޖިދާ އާއި ސަހާ އަދި ކްލަބް ވެމްކޯގެ ޝައުފާ އާދަމްއެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ޝަހާ އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޕޮލިހެވެ.
އެންމެ ފަހުން ދެ މުބާރާތުގައި ވެސް ޕޮލިސް ވަނީ ފައިނަލުގައި ކުޅެފައެވެ. ދެފަހަރު ވެސް ޕޮލިސް ވަނީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުން އަތުން ބަލިވެފައެވެ.