ރައީސް ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން: އަދުރޭ

އަދުރޭ (ވ)، ރައީސް އަބްދުﷲ ޔާމީނުގެ ދެކަނބަލުންނާއެކު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް އަބްދުﷲ ޔަމީން ގައުމު ދޫކޮށް ނުފިލާނެ ކަމަށް ޕީޕީއެމް ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ރައިސް ޔާމިން ގައުމު ދޫކޮށް ފިއްލަވަން އުޅޭކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވާ މިއަދު ކުރި ޓްވީޓެއްގައެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލުތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އަދި ރައިސް އިސްކުރައްވަނީ ދީނާ ގައުމިއްޔަތުކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީނަކީ ދިވެހި ތާރީހު ދުށް އެންމެ ހިދުމަތްތެރި ރައީސްކަމަށާއި، ރާއްޖެ ދެމިއޮތްހާ ހިނދަކު އެމަނިކުފާނުގެ ހިދުމަތްތަކަށް ފަނޑުކަމެއް ނާންނާނެކަމަށެވެ.

އަދުރޭ މިހެން ވިދާޅުވި އިރު އެމްޑީޕީ ޗެއާޕާސަން، ހަސަން ލަތީފު ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ ރައީސް ޔާމިނަށް ފިލައިގެން ނުދޭވޭނެ ކަމަށާއި އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

މި ދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު، ދެވަނަ ފަހަރަށް ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން މިއަދު ވިދާޅުވީ ރައީސްކަމުގެ ހައިސިއްޔަތު ގެލުނު ކަމުގައިވީ ނަމަވެސް ރައްޔިތުންގެ ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށާއި ގައުމަށް ހެޔޮ އެދޭ ރައްޔިތެއްގެ ގޮތުގައި ހުންނަވާނެ ކަމަށެވެ.

comment ކޮމެންޓް