ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ފައިސާ ހޯދަން ނުގުޅަން: ހައުސިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ ފްލެޓުތައް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ބޯހިޔާވަހިކަމުގެ މަޝްރޫއު ހިޔާގެ ދަށުން ފްލެޓު ލިބުނު މީހުންނަށް ފައިސާ ހޯދުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ގުޅަމުން ނުދާކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.

ހިޔާ ފްލެޓުތަކަށް ފައިސާ ދެއްކުމަށް ހައުސިންގެ ނަމުގައި ގުޅަމުންދާކަމަށް ފްލެޓު ލިބުނު ބައެއް މީހުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ފައިސާ ހޯދުމަށް ހައުސިން މިނިސްޓްރީއިން ނުގުޅާނެ ކަމަށެވެ.

"އަދި މި މިނިސްޓްރީގެ ފަރާތުން ރަސްމީ ލިޔުމެއް ފްލެޓު ލިބިފައިވާ ފަރާތަށް ހަވާލުކުރުމާއި ފްލެޓު ލިބުނުކަމުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭ ހިސާބުން ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް މިމިނިސްޓްރީއިން އެފަރާތަކާ ދެމެދު ނުފަށާނެ ކަމަށާއި މި މިނިސްޓްރީއިން ފައިސާ ބަލައިގަތުމުގެ އެއްވެސް މަސައްކަތެއް މިވަގުތު ކުރިއަށްގެންދިއުމަށް ނިންމާފައިނުވާނެކަމަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.

އޮޅުވާލައިގެން ވަކި މަގުސަދެއް ހާސިލުކުރުުމަށް ހައުސިން މިނިސްޓްރީގެ ނަމުގައި ފޯނުކޮށް ރައްޔިތުންނަށް އޮޅުވާލުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެފަދަ ކޯލުތަކާއި އެސްއެމްއެސް އަދި އީމެއިލްތަކަށް ސަމާލުވުމަށް ހައުސިން މިނިސްޓްރީއިން ވަނީ އެދިފައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 24 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވީ ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާނު ކުރުމަށްފަހު ފްލެޓު ލިބޭ މީހުންނާއެކު އެއްބަސްވުން ހަދާނީ އެޗްޑީސީއިން ކަމަށެވެ. އަދި ފައިސާގެ ކަންތައް ކުރިއަށް ގެންދާނީ ވެސް އެ ކުންފުނިން ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް