އިސްލާމްދީން ނޫން ދީންތަކަށް ހިތްވަރުލިބޭފަދަ ކަންތައް ދަނީ އާންމުވަމުން: އިސްލާމިކް މިނިސްޓްރީ

މާލޭގެ ސުޓޭޑިއަމް ސަރަހައްދުގައި ބޮޑު އީދު ނަމާދު ކުރުން-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

އިސްލާމްދީން ނޫން އެހެން ދީންތަކަށް ހިތްވަރު ލިބޭފަދަ ކަންތައް ރާއްޖޭގައި އާންމުވަމުން ދާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތްﷲގެ މަތިވެރި ޒާތުފުޅަށާއި އިސްލާމުދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމާއި ރަސޫލު ބޭކަލުންގެ ޝަހުސު ހާމަކޮށް ކުޅެފައި ހުންނަ ފިލްމުތަކާއި ވީޑިއޯތަކާއި އޯޑިއޯ އަދި ކާޓޫނުތަކާއި ފޮޓޯދެއްކުމާއި ހާމަކޮށް ފެތުރުން އާންމުވެފައިވާކަމަށެވެ. އަދި ރަހިމުގެ ގުޅުންތަކާއި އާއިލީ ގުޅުންތައް ކެނޑިގެން ހިނގައިދާނެފަދަ އަމަލުތައް ކުރުންވެސް މި ފަހަކަށް އައިސްފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

"މިކަމުގެ ސަބަބުން ދިވެހިންގެ ގައުމީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް ބުރޫއަރައި އެފަދަ ކަންކަމަށް ހިތްވަރުދީ ރާއްޖޭގައި މާތްވި އިސްލާމްދީން ނޫން އެހެނިހެން ދީންތަކަށް އަޅުކަން ކުރުމަށް ހިތްވަރުދީ ބާރުއެޅިގެންދާނެއެވެ،" އެ ބަޔާނުގައިވެއެވެ.

މިފަދަ އަމަލުތައް ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ކަންތަކުން ދުރުވުމަށް އިލްތިމާސްކުރާކަމަށްވެސް އިސްލާމިކް އެފެއާޒުގެ ބަޔާނުގައި ވެއެވެ.

"މި ކަންކަމަކީ އިސްލާމްދީނުގެ އަގީދާއާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ކަންތައްތަކެވެ،" އިސްލާމިކް އެފެއާޒުން ވަނީ ދީނީ ވަހުދަތު ހިިމާޔަތްކޮށް މުޖުތަމައުގެ ފޭރާން ހެޔޮގޮތުގައި ދެމެހެއްޓުމަށް މީޑިއާތަކަށާއި ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް