ތަފާތު ލޯތްބެއް (35)

ތެޅިފައިވާ ބިއްލޫރިތަކުގެ ތެރެއިން ނެގި ތަސްވީރު މާކަސް އަތުގައި ލެއްވިއެވެ. ހިތަށް ކުރި އަސަރުން ހަގީގަތް ކިޔައިދޭނެ ހިތްވަރު ނުލިބިފައި ހުރެފައިވެސް ގޮސް ހިފައިލެވުނީ މާކަސްގެ އަތުގެ މުލައްދަނޑީގައެވެ.

"މާކް.....ބުނެފީމެއްނު އަންނާށޭ. ތީ ކޮންކަމެއް. މޮޔައަކު ރޯންފަށާއިރަށް އަޅާލަން ވެއްޖެއްޔާ ސަލާމަތެއް ނުވާނެ........................" ނަތާލީ ތުންފިތައިލިއެވެ.

މާކަސްއަށް ނަތާލީގެ ޖުމްލަތައް އިވުނުކަމެއް ނޭގެއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ތަސްވީރަށެވެ. އޭނަ ކުޑައިރު މަންމައާއިއެކު ނަގާފައިވާ ތަސްވީރު ފެނުމުން ލޯ ފެންކަޅިވެއްޖެއެވެ. މާކަސް ސުވާލުގެ ނަޒަރަކުން ބަލައިލިއިރު މަންމަވެސް ރޮނީއެވެ. މިއީ ހަމަ އޭނަގެ މަންމަހެއްޔެވެ. އެ މަންމަ ހާދަ ހިއްކެވެ. ހާދަ ނިކަމެތިވެއްޖެއެވެ. މަންމަ އެތާ ހުރި ސޯފާއަށް ތިރިވީ ކޮއްޅަށް ހުރުމަށް ދެފައި ނުކުޅެދުމުންނެވެ. އެމަންޒަރު ފެނުމުން ކެތްނުކުރެވިގެން ކެމީލާ ކައިރީގައި އިށީނެވެ. ސޯފިއާގެ ގައިގާ އަތް ވަށައިލިއެވެ.

"ޕްލީޒް ޑޯންޓް ކްރައި ސޯފީ....."

ކުޑައިރުގެ ހަދާންތައް އާވާން ފެށުމާއިއެކު މާކަސްގެ ހިތް ރޮއްވާލައިފިއެވެ. ކޯތާފަށް މައްޗަށް ފައިބައިގެން ދިޔަ ކަރުނަ ތިކިން އޭނަގެ ހިތަށް ކޮށްފައިވާ އަސަރުތައް ސާބިތުކޮށްދިނެވެ. އޭނަގެ ފިޔަވަޅުތައް އަޅަންފެށުނީ ސޯފިއާއާއި ދިމާލަށެވެ.

"މަމް.....މަމް..ފޮގިވް މީ މަމް......." މާކަސް ކުޑަކަކޫ މައްޗަށް ތިރިވަމުން ސޯފިއާގެ އުނގުގައި ބޯ އަޅައިލިއެވެ. ސޯފިއާ އޭނަގެ އިސްތަށިގަނޑުގައި ފިރުމަންފެށިއެވެ. ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މާކަސް ބަލިކަށިވެ ނިކަމެތިކަމާއިއެކު މަންމަގެ އުނގުގައި އޮވެ ކަރުނަ އޮއްސީ ކުޑަކުއްޖެއް ފަދައިންނެވެ. ކަރުނަ އޮއްސުމުން ފިރިހެންވަންތަކަމަށް އުނިކަމެއް އަންނާނީއެއް ނޫނެވެ. އެތައް ޒަމާނެއްފަހުން އުފަން މައިމީހާއާއި ދިމާވުމުން ހިތަށް ކުރުވީ ބަޔާން ނުކުރެވޭފަދަ އަސަރެކެވެ. އޭރުވެސް މާކަސްގެ އަތުތެރޭ އޮތީ މަންމައާއި އޭނަގެ ތަސްވީރެވެ. ސޯފިއާ ބުނީ މާކަސް ގެއިން ފިލައިގެން ދިޔަސް އެކަމާ މާފުކޮށްފި ކަމުގައެވެ. އެކަމުގައި އޭނަވެސް ކުށްވެރިވާތީއެވެ. ނުލަފާ ބައްޕައަކާއި ދޮންމަންމައެއްގެ ވަކިތަކުގެ ދަށަށް އެ ކުޑަ ފުރާނަ ދޫކޮށްފައި ދެވުނުކަމުން އޭނަ އެތައްފަހަރު އެކަމާއި އަމިއްލަ ނަފުސް ކުށްވެރިކޮށްފިއެވެ. މަންމައާއި ދަރިފުޅުގެ ޖަޒުބާތީ ވަގުތުތައް އެންމެ ކައިރިން ފެނި ލޮލުން ކަރުނަ އައި ކެމީލާ އެތަނުން ދިޔައީ އެ ދެ މީހުންނަށް ވަގުތުދީފައެވެ.

ކެމީލާ ފެންޑާއަށް ނުކުތްއިރު ނަތާލީ ހުރެފައި ބަލައިލީ ހަށަން ބަދެލަމުންނެވެ. ހަރުކަށި ނަޒަރެކެވެ. މަސްހުނި އިހުސާސްތަކަށްވުރެ ގަދަކޮށްލީ ނަފްރަތެވެ. ހުރިހާ އުދާހެއް ބޭރުކޮށްލީ ކެމީލާއަށެވެ. ކެމީލާ އެ ފޮޓޯ ހިފައިގެން އައިގޮތަށް މަންޒަރު ބަދަލުކޮށްލުމުން ރުޅީގެ އަމާޒުފަތްގަނޑަކަށް އޭނަ ވާނެ ނޫންހެއްޔެވެ.

"ހާދަ ދެއްކުންތެރިއޭ. މާކަސްގެ މަންމައަށް މާ ހެޔޮކަމަށް ހެދި ޑްރާމާ ކުޅެން ތީ އޭނަގެ ކާކު. ފިރިހެނުންނާއިހެދި އުޅުމުގެވެސް ދެވަނައެއް ނެތް އަންހެނެއް. ފުރަތަމަ ކައިޒާން ދެން ނާޔަލް މިހާރު މާކަސް. މާކްއަކީ ތަސައްރަފު ފުރިފައި ހުރި ވިސްނޭ ފިރިހެނެއް. ކަލޭގެ ސިހުރުގައި ޖެހޭވަރަށްވުރެ މާކަސް ކުޅަދާނަ. ދިސް އިޒް ޓޫ މަޗް....ކަލޭ އައިފަހުން އަހަރެމެންގެ އެންމެންގެ ދިރިއުޅުމަށް ވީގޮތެއް ނޭގޭ. އަހަރެން ނުލާހިކު ލޯބިން ގެންގުޅުނ ފިރިހެން ދަރިފުޅާއި މަށާއި ދޭތެރެ ޖައްސާ ވަކިކޮށްފި. ކޮންފަދަ ސުންޕާ އަންހެނަކާއި ނާޔަލް އާއި ޖެހުނީ. އެކުއްޖާގެ އުފާވެރިކަން ފޭރިގެންފި. ބަލިކަށިކޮށްލައިފި. ކަލޭ އައުމުގެ ކުރިން ދުނިޔެ މުށުތެރެއަށް ލައިގެން އޭނަ އުޅުނީ އެހާވެސް ޕަވަރފުލް. ދުނިޔޭގައި ނެތްހާ އުފާވެރި ހިތްހަމަޖެހޭ އުފާވެރި ޒުވާނެއްގެ ގޮތުގައި އަހަރެން ނާޔަލް ބޮޑުކުރީ. އެކަމަކު. ކަލޭ. ކަލޭ. ސުންޕާ ގަނޑު އަހަރެންގެ ނާޔަލްގެ ދިރިއުޅުން ހަލާކުކޮށްލައިފި.........." ނަތާލީ ތުން ފިތާލަމުން އިނގިލިދިއްކޮށްލިއެވެ.

"ލިސެން ކެމީލާ އަހުމަދު ޔާސިރު. މިހިސާބުން ނާޔަލް ކިޔާ މީހަކު ދިރިއުޅުމަށް އައިކަން ހަނދާން ނައްތާލާ. އިތުރަށް އަހަރެންގެ ނާޔަލްގެ އަންބެއްގެ ގޮތުގައި ހުރެގެން ނުވާނެ. އަޑުއިވޭތަ މިހިރަ ގޮތްކޮޅު ބޮޑު އަންހެނާ. މިގެއިން ދޭ. މިބުނަނީނު ތި ސުންޕާ މޫނު މަށަށް ނުދައްކާށޭ. ގެޓް އައުޓް.........." ނަތާލީގެ އަޑު ބާރުވާން އުޅެފައިވެސް ވާހަކަދެއްކީ ދަތްތަކަށް ބާރުކޮށްލައިގެން ހުރެއެވެ. ކަރުފަޅައިގެން ދާހާ ވަރަށް ހަޅޭއްލަވާ ކެމީލާގެ މޫނު ނޮޅާލާންވެސް ބޭނުންވިއެވެ. ނަމަވެސް ކެތްތެރިވެލީ އޭނަގެ އިއްޒަތާއި ގަދަރަށް އުނިކަމެއް ލިބިދާނެތީއެވެ. އޭނަދެކޭގޮތުން ތަހުޒީބު މުޖުތަމައެއްގައި އުޅޭ މީހުން ގެ ވަކި އުސޫލުތަކެއް ހުންނާނެއެވެ. ނާތަހުދީބު މީހުންގެ ދަރަޖައާއި އެއް ހަމަޔަށް އަންނާން މިޖެހުނީ ކެމީލާގެ ސަބަބުންނެވެ.

ކެމީލާއަށް އަނގަމަތީ އަތް އަޅައިލެވުނީ މާކަސްއާއި އަޅުވާ ކިޔުމުންނެވެ. ދުވަހަކުވެސް މާކަސްއާއި ދޭތެރޭ އެފަދަ ނަޒަރަކުން ދެކެފައި ނުވާއިރު އޭނަ ޚާއްސަވީ ހަމައެކަނި ކައިޒާންގެ އެންމެ ގާތް އެކުވެރިޔާއަށް ވީތީއެވެ. މާކަސްވެސް އެފަދަ ރޮގަކުން ވިސްނާހެނެއް ހިޔެއްނުވެއެވެ. ފިރިހެނުންގެ ދަހިވެތި ނަޒަރު އޭނައަށް ހުއްޓޭއިރު މާކަސް އެފަދަ ނަޒަރަކުން ބަލާފައެއް ނުވެއެވެ. ވާހަކަދައްކާއިރު "ސިސް" ކިޔުމުން ގާތްގޮތެއް އިހުސާސްވެއެވެ. އޭނަ ދެކެނީ ފަހަރިއެއްގެ ނަޒަރުންކަން ޔަގީނެވެ. ނަތާލީ މިގޮތަށް އަޅުވާކިޔުމުން ލަދުގަނެ ދެރަވެސްވިއެވެ. ދޮގު އިލްޒާމް އެޅުވުމުން ނަތާލީއަށް ލިބެނީ ކޯންޗެއްހެއްޔެވެ.

"ނޫނީ އަހަރެން ދުވަހަކު ނާޔަލްއަށްވެސް ހިތް ހެވެއް ނުކުރާނަން. އޭނައަށް ކިރިޔާވެސް ލޯތްބެއް އޮތިއްޔާ ދުރަށް ދޭ. އަހަންނަށް ކެމީލާގެ މާމައާއި އުލާ ޑިޕޯޓްކޮށްލުމުގެ ބާރުވެސް ލިބިފައިވޭ. އާއިލާއާއި ވަކިވެ މުދަލާ އިއްޒަތާއިހެދި ބޫތުކެޔަސް ތި ވަރު ތަންކޮޅެއް ބޮޑުކަން ނޭގޭ. ކެމީލާ ނާޔަލްއާއި ވަކިވެގެން މިގެއިން ނުގޮސްފިއްޔާ އައި ވިލް ޑިސްޓްރޯ ޔޯ ފެމިލީ......................"

ނަތާލީގެ އަޑުގައިވި އިންޒާރުގެ ސަބަބުން ކެމީލާގެ ހިތުގައި ބިރުވެރިކަން ހިނގާލައިފިއެވެ. ނަތާލީގެ ނުބައި ނުލަފާކަމާއި ބާރުގެ ބޭނުންކޮށްގެން އޭނަގެ އާއިލާއަށް ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެއެވެ. އެ ދެލޮލުން ފެނުނު ނަފްރަތުގެ އާވިން ކެމީލާވެސް ފިއްސާލަފާނެފަދައެވެ. އެހާވެސް ނަފްރަތު އެދެލޮލުން ފާޅުވާން ހުއްޓެވެ. ދުވަހަކުވެސް ނަތާލީގެ ހިތުން ކެމިލާއަށް ޖާގައެއް ނުލިބޭނެއެވެ. އެއަށްވުރެ ނަތާލީގެ ހިތް ހަރެވެ. އެއީ ހިލައިން އުފެދިފައިވާ ހިތެކޭ ތަފާތެއް ނެތެވެ. ހަމްދަރުދީއެއް އިންސާނިޔައްތުގެ ކަންފުޅެއްވެސް އޭނަގެ ނެތެވެ. ކެމީލާ ހުރީ ދޭން ޖަވާބެއް ނޭގިފައެވެ.

"އަހަރެން މިވާހަކަ ދައްކަނީ ތީނައާ. އަޑެއް ނީވޭތަ؟ " ނަތާލީ ކެމީލާގެ މޫނުމަތީ އަތް ހިންގައިލިއެވެ.

"އޯކޭ ލޭޑީ ނަތާލީ. އަޅުގަނޑު މިގެއިން ގޮސްދާނަން...."

"މިގެއަކުން ނޫން ދާންވީކީ. މަގޭ ނާޔަލްގެ ދިރިއުޅުމުން ފެއްސިގެން ދާންވީ. މާކަސްއާއި ހިތާވާންވީކީ ނޫން އަދި. އެގިއްޖެތަ؟ ނާޔަލްއަށް ސިހުރުހަދާ މޮޔަކޮށްލައިގެން ތިމާ މީހާ ތިހުންނަނީ އުފަލުން ހެވިފައެއްނު. ކައިޒާންއާއިހެދި އުޅުނު މީހާއަށް ނާޔަލްގެ މުއްސަދިކަން ފެނުނީމަ ތިހިރީ ރަގަޅަށް މޮޔަވެފައި. ދުވަހަކު ތިކަހަލަ އަންހެނެއް ނުދެކެން. ބުރުގާ އަޅާފައި މާ ސޯލިހު މީހެއްކަމަށް ހެދިގެން އުޅޭއިރު ލޮލުން ފެންނަ ކޮންމެ ފިރިހެނަކާއި ހިތާވެގެން ފަހަތުން ދުވަނީ. ނާސިންނޭ ކިޔަނީ ތި ވައްތަރަށް އުޅޭ އަންހެނުންނަށް......." ނަތާލީގެ މަލާމާތުގެ ޖުމްލަތައް އަޑުހަން ހުރީ ބަރުވެފައިވާ ހިތަކާއިއެކުގައެވެ. މައުސޫމްކަމުން ފުރިފައިވާ ދެލޯ ބޮޑުކޮށްލައިގެންނެވެ. ނަމަވެސް ލޮލުން ކަރުނައިގެ އަސަރެއް ނުފެނއެވެ.

"އަހަންނަށް ދެން ކަލޭ މިގެއިން ފެނިގެން ނުވާނެ.." ނަތާލީގެ އުސް ހައިހީލް މާބްލްމަތީ ޖެހޭ އަޑުން ތަނުގެ ހިމޭންކަން މުގުރައިލިއެވެ. މާކަސްއަށް އިންތިޒާރުނުކޮށް ދިޔައީ އޭނައަށް މޫނުދައްކަން ލަދުންކަން ނޭގެއެވެ. މާކަސްގެ މަންމައަށް ނިކަމެތިކޮށް ހެދީ މާކަސްގެ ކުރިމަތީގައެވެ. ލޯބިވާ މަންމައާއި ދޭތެރޭ އެހާ ނިކަމެތިކޮށް ކަންތައްކުރި މީހަކަށް މާކަސް މާފު ދޭނެހެނެއް ހިޔެއްނުވެއެވެ.

ރޭގަނޑުގެ އަނދިރިކަން ވަށާލުމާއިއެކުހެން ބަގީޗާގައިވާ ލައިޓްތައް ދިއްލާލެވިއްޖެއެވެ. އޮރެންޖް އަލިތަކުން މުޅި ބަގީޗާގައިވާ ގަސްތަކަށް އަލި ފޯރުކޮށްލަދިންއިރު ބަހާރު މޫސުމްގެ ގަސްތަކާއި މާމެލާމެލި ފެންނަލެއް ޗާލުވެފައި ހިތްފަސޭހައެވެ. ޗެރީ ބްލޮސޮމްތަކަށް އަލި އެޅިފައިވާއިރު ފެންނަލެއް ހިތްގައިމުކަން ބަލާބަލާ ފޫހިނުވާހާވެއެވެ. އޮރެންޖާއި ނޫކުލައިގެ އެތައް ސަތޭކަ ތަރިތައް ފިޔަޖަހަމުން އުޑުމަތި ފަޅުފިލުވާލާފައިވިއެވެ. މާމެލާމެލީގެ މީރުވަހުން ފަޒާ ހުވަދުލެވިފައެވެ. ފިނި ފިނި ރޯޅިތައް ޖިސްމުގައި ބީހިލުމުން ހީކަރުވާގޮތް ވިނަމަވެސް ކެމިލާ އިނީ ޕޯޓިކޯގައިވާ ކައުޗްގައި އިށީދެލައިގެންނެވެ. ކޮފީތަށީގެ އާވިން ކޮންމެވެސްވަރެއްގެ ހޫނުކަމެއް އިހުސާސްވިއެވެ. އެކަނިވެރިކަމުގެ ތަސްވީރެއްހެން ހިމޭނުން އިންދާ ސޯފިއާ ގޭތެރެއިން ނުކުމެގެން އައެވެ. ކެމީލާގެ ގާތުގައި އިށީދެލިއެވެ. ސޯފިއާގެ މަޑު ފެހިކުލައިގެ ދެލޮލުން މިރޭ ފެންނަނީ އުފާވެރިކަމުގެ ވިދުވަރެވެ.

"އަލްހަމްދުލިﷲ. މާކާސް ބުނި މަންމާއޭ އަހަންނާއިއެކު ދާން ހިގާށޭ....." ސޯފިއާ ހީލިއެވެ.

"ކީއްވެ ނުދިޔައީ؟ ސޯފީ ނެތަސް އަހަންނަށް މެނޭޖްކުރެވިދާނެ..." ކެމީލާ މަޑުމަޑުން ބުނެލިއެވެ. އެދެމީހުންނަށް އެއްގެއެއްގައި އެކީ އުޅުމުގެ ފުރުސަތު ކުޑައެވެ. އޭނައަކީވެސް ދުވަސްކޮޅެއްގެ މެހުމާނެކެވެ. ނާޔަލް އައުމަށްފަހު އޭނައަށް މިގެއަކު ނުހުރެވޭނެއެވެ.

"އަހަރެން ބުނިން ނަތާލީއާއިއެކު މާކް އުޅޭހާ ހިނދަކު މަންމަ ނުދާނަމޭ. މާކް ބުނާގޮތުން އޭނައަށް ނަތާލީއަކީ މުހިއްމު މީހެއް. މާކް ބުނީ ނަތާލީއަށް މަންމަ ކާކުކަން ނޭގޭތީއޭ އެހެން އުޅުނީ. އޭނަ ލޯބިވާ ކޮންމެ މީހެއްދެކެ ނަތާލީ ލޯބިވާނެއޭ. އަހަރެން ބުނިން މަންމައަކަށް ކެމީލާއާއި މިގެ ދޫކޮށްލާފައި އެހާ ފަސޭހައިން ނުދެވޭނެއޭ. މާކް އަމިއްލަ ދިރިއުޅުމެއް ފަށާ މަންމައަށް ކަމޭހިތާ ޅީދަރިއަކު ހޯދަދިން ދުވަހަކުން ގޮސްދާނަމޭ. ކެމީލާ. އަހަންނަށް މިއަދު ލިބިފައިވާ އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެ. ނާޔަލްއާއި ކެމީލާވެސް އަމިއްލަ ދަރިންފަދަ. ދުވަހަކު މިގެ ދޫކޮށްފައި ދާކަށް ޚިޔާލެއްނުކުރަން. ނާޔަލް މިގެއިން ނުނެރެންޏާ އަބަދަށް ހުންނާނަން އިންޝާﷲ...." ސޯފިއާ ހިނިތުންވެލިއެވެ. ކެމީލާވެސް ބޭނުމީ އަބަދަށްޓަކާ ސޯފިއާ ނާޔަލްގެ ޚިދުމަތުގައި ހުރުމެވެ. އޭނަ ގެ ބަލަހައްޓާގޮތަށް އެހެން މީހަކަށް އެ މަސައްކަތް ނުކުރެވޭނެއެވެ. އެހާ މީރުކޮށް ކައްކަން އެނގޭނެ އެހެން ޚާދިމާއެއް ވާނެހެނެއް ހިޔެއްނުވެއެވެ. ދަންނަނީ ހަމައެކަނި އެމެރިކަން ކާއެއްޗެހީގެ ރެސިޕީތަކެއް ނޫނެވެ. އިޓޭލިއަން ޗައިނީޒް އިންޑިއަންފަދަ ހުރިހާ ކެއްކުމަކަށް އެހާ މޮޅެވެ. ސޯފިއާ ނާޔަލްގެ ޚިދުމަތުގައި އަބަދަށްޓަކާ ހުންނާނެ ވާހަކަ އިވިފައި ކެމީލާގެ ބޮލުން އެތައް ޓަނެއްގެ ބުރަދަން ލުއިވިއެވެ. ސޯފިއާފަދަ މީހަކު ހުރެއްޖެއްޔާ ނާޔަލްއަށް ކިތަންމެހާވެސް ފަސޭހަވާނެއެވެ. އޭނަ ނެތުމުގެ އުނިކަން ފިލާނެއެވެ.

ކެމީލާ ވަކިވާން ބޭނުންވާހަކަ ބުނުމުން ނާޔަލް ބުނީ ފުރަތަމަ އޭނައާއިއެކު ޔޫރަޕަށް ގޮސްލުމަށެވެ. ކެމީލާއަށް އެއްބަސްވެވުނީ ކީއްވެކަމެއް ނޭގެއެވެ. ހިތާއި ނަފުސް އަރައިރުމުގައި ހުއްޓާ އެންމެފަހުން އިނދެވުނީ ފުރަންގޮސް ފްލައިޓްގައެވެ. ފްރާންސާއި ސްވިޒަލޭންޑްގައި ހުންނަ ނާޔަލްގެ ގޭގައި ބަހާރު މޫސުމްގެ ދުވަސްތަކެއް ހޭދަކޮށްލިއިރު ހިތުގައި ނާޔަލްއަށްޓަކާ ޚާއްސަ މަގާމެއް ދެވިއްޖެއެވެ. ދެމީހުންގެ "ހަނީމޫން" ފަދައެވެ. އެކުވެރިންހެން އުޅުނަސް ދެމީހުންގެ ހިތްތަކުގައި ވާ ޝުއޫރުތައް ތަފާތެވެ. ކެމީލާގެ ހިތް ގަބޫލުކުރަން ދެކޮޅުހެދިޔަސް ނާޔަލްއާއިއެކު ވުމުން ހިތަށް ހަމަޖެހުންލިބެއެވެ. ނާޔަލް ނެތި އެހާ ދުވަސްވުމަށްފަހު އަލުން ފެނުމުން އުފަލުން ހިތް ތެޅުނުވަރުވެސް އެހެން މީހަކަށް ނޭގޭނެއެވެ. އެހާ ބޮޑު އުފާވެރިކަމެއް ލިބުނެވެ. ލޯބީގެ ފޮނި އިހުސާސްތައް ދެވަނަފަހަރަށް ހިތުގައި އުފެދި ކުރިލާން ފެށީ ކެމީލާވެސް އެކަން ނުދެނެހުއްޓައެވެ. ކައިޒާންއަށްވުރެ ބޮޑަށް ނާޔަލްއަށްޓަކާ އެހިތުގައި އުފެދުނު އިހުސާސްތައް ވަރުގަދަވިއެވެ. ނަމަވެސް އެކަން ހިތަށްވެސް ސިއްރުކުރަން ކެމީލާ މަސައްކަތްކުރިއެވެ. ހޫނު މޫސުމް ފެށެމުން ނާޔަލްއާއި ކެމީލާ އައީ އެމެރިކާއަށެވެ. ދަ ހެމްޕްޓަންސްގެ ފެހިކަން ގަދަކަމާއިއެކު ތަނުގެ ގުދުރަތީ ރީތިކަން ކެމީލާ އާޝޯޚުކުރުވިއެވެ. އެއީ މުއްސަދިންގެ މަންޒިލެވެ. ނާޔަލްއާއިއެކު ބީޗުގައި އެތައް ފޮޓޯތަކެއް ނެގުނެވެ. ރޭގަނޑު ބީޗުގައި ކުއިލްޓް މަތީ އޮށޯވެލައިގެން ތަރިތަކަށް ބެލުމާއި ހަނދުވަރު އަލީގައި އަތުގުޅުވާލައިގެން ހިނގާލާއިރު ދުނިޔޭގެ އެއްވެސް ފިކުރެއްނެތް ފަދައެވެ. ބައިސްކަލް ދުއްވާލަން ދިޔުމާއި މަސް ބޭނުމުގައި ވަގުތު ހޭދަކުރިއެވެ. އެކީ ކާން ދިޔުމާއި ކޮފީ ބޯން ޕޯޓިކޯގައި ވާހަކަދައްކާލަން ތިއްބަސް ހިތްހަމަޖެހެއެވެ.

ނާޔަލްއާއި ކެމީލާ ޗުއްޓީ ނިންމާލާފައި ނިއުޔޯކަށް އައިތަނާހެން ކުރިމަތިލާން ޖެހުނީ ހިތާމަވެރި ހާދިސާއަކާއެވެ. ނާޔަލްގެ މަންމަ ނަތާލީ އެކްސިޑެންޓެއްވެ ސިކުނޑިއަށް ލޭ އެޅި އޮޕަރޭޝަނެއްކުރާން ޖެހުނެވެ. ކާރު ދުއްވަން އިނީ މާކަސްއެވެ. އެހާ ބޮޑު ގެއްލުމެއް ނުލިބި އޭނަ ސަލާމަތްވިއެވެ. ނާޔަލްގެ ހިތާމަ އިންތިހާއަށް ބޮޑުވިއެވެ. މަންމަ އޭނައަށް ހިތްބުރަކޮށްގެން ހުރެ ދުނިޔެއާއި ވަކިވެގެން ގޮސްފިއްޔާ އޭނަގެ އާޚިރަތް އަބާއްޖަވެރިވެދާނެ ކަމަށް ހީކުރެވުނެވެ. ބާރުގަދަ ރޭޑިއޭޝަންތަކުގެ ސަބަބުން ވަރުބަލިވެ އަރާމުކުރަން ބޭނުންވިޔަސް ނާޔަލް ރެޔާއި ދުވާލު މަންމަ ކައިރީ އިނެވެ. ނާއީ އާއި ނޯޔާވެސް ލޯބިވާ މަންމައަށްޓަކާ ކަރުނަ އަޅާ ހިތާމަކުރިއެވެ. ލޯބިވާ ތިންދަރިން އެހެން ހުރިހާ ކަމަކަށްވުރެ މަންމަ އިސްކުރިއެވެ. ހުރިހާ ކުދިންގެ ދުޢާތަކުގެ ސަބަބުން ނަތާލީއަށް ޝިފާލިބުނެވެ. އެވަރުންވެސް ހޭ އަރައިގެން ނާޔަލްއާއި ވާހަކަދައްކަން ނަތާލީ އިންކާރުކުރިއެވެ. ނާޔަލް މަންމައަށް ގޮވާލުމުން ތުން ފިތާލައިގެން އިނީއެވެ.

ނާޔަލްއަށް ތަފާތު އުދަގޫތައް ވާން ފެށުމުން އެމްއާރުއައި ހެދިއިރު އެންމެ ކުރިން ހުރިވަރަށް ޓިއުމާ ބޮޑުވެ އަލުން އޮޕަރޭޝަނަކަށް ދާވަރުވެއްޖެއެވެ. ނާޔަލްއަށް އެ އިމޭޖްތައް ފެނި މިފަހަރު އެހާ އަސަރެއް ނުކުރިއެވެ. ދުނިޔެއަކީ މިހާ ކުޑަދުވަސްކޮޅެއްގެ އުފަލަށްވީއިރު އަބަދަށްޓަކާ މި ދުނިޔޭގައި އުޅުމުގެ މާނައެއް ނެތެވެ. ދުނިޔެއަށް އައީ ކުޅިވަރުކުޅެ މަޖާކުރާކަށް ނޫނެވެ. އަޅުކަން ކުރުމަށެވެ. އެމީހެއްގެ އަޖަލު ޖެހުމަށްފަހު ސިކުންތުކޮޅެއް ލަސްވުމެއްނެތި ޖެހޭނީ ހެއްދެވި ފަރާތުގެ ހަޟުރަތަށް ދަތުރުކުރުމަށެވެ. ބައެއް ފުރާނަތައް ގެންދަވަނީ ދުނިޔެއަށް ނޭވާ ނުލަނީހެވެ. ވިހެއުމަށްފަހު އިންސާނާ އަޅާކޮންމެ ފިޔަވަޅެއް އަޅަނީ މަރާއި ކައިރިއަށެވެ. ހިޔަނިފަދައިން މަރު އެމިހަކާއި އެކު ވާހިނދު އިންސާނާގެ އެއްވެސް ބާރެއް ނުފޯރައެވެ. ވީއިރު ނާޔަލްއަށްވެސް އެކަމާއި ދެކޮޅަށް ކުރާނެ އެއްވެސް ކަމެއްނެތެވެ. އޭނަ ބިލިއަނަރަކަށްވެ އެއްކޮށްފައިވާ ފައިސާއާއި މުދަލަކުންވެސް ފުރާނަ ސަލާމަތެއް ނުކުރެވޭނެއެވެ. އުފަލާއި ހިނިތުންވުންތައް ގުޅިފައިވާ އޭނަގެ ލޯބި ލިބުމަށްފަހު ވަކިވާން ޖެހުމަކީވެސް ވޭނެކެވެ. ކެމިލާއާއިއެކު ދެކުނުހާ ހުވަފެންތަކުގައި ކުލަ ނުޖެހި އަބަދަށްޓަކާ ވަކިވާ ދުވަސް ކައިރިވީއެވެ. ގްލިއޯބްލާސްޓޯމާގެ ނުރައްކާ އޭނައަށް އެނގެއެވެ. ކީމޯއާއި ރޭޑިއޭޝަން ކިތަންމެ ގަދަޔަށް ދިނަސް އެކަމުން ސަލާމަތް ވުމެއްނެތެވެ. ނަމަވެސް ފަރުވާކުރުކަމީވެސް އޮތްކަމެކެވެ. ނާޔަލް ދެވަނަފަހަރަށް އޮޕަރޭޝަން ކުރުވަން އެއްބަސްވިއެވެ. ނަމަވެސް އާއިލާއަށް ސިއްރުކުރަން މިފަހަރުވެސް ނިންމިއެވެ.

ނާޔަލް ކެމީލާ އަދި އާއިލާ އެންމެން ކައިރީގައި ބުނީ ކޮންމެހެން ކުރަން ޖެހޭ ދަތުރެއްގައި ޖާމަނީއަށް ދާން މަޖުބޫރުކަމަށާއި އޭނައަށް ހިތް ހެޔޮކުރަން އެދުނެވެ.

ނާޔަލް މިފަހަރުވެސް އޮޕަރޭޝަން ކުރުވީ ކުރިން އޮޕަރޭޝަން ކުރުވި ހޮސްޕިޓަލުގައެވެ. ޕްރޮޓޯން އަދި އިމިއުނޯތެރަޕީ ނެގިއެވެ. އެފަރުވާތަކުގެ ނުގުޅޭ އަސަރުތަކުން ކުރީފަހަރަށްވުރެ ބަލިވިއެވެ. ނަމަވެސް ނާޔަލް ކިތަންމެހާވެސް "ޕޮޒިޓިވް" އެވެ. އޭނަ ތަވައްކަލު ކުރީ މާތް ﷲއަށެވެ. އޭނަ ދުޢާއަކީ އޭނައަށް އެންމެ ރަގަޅު ގޮތަށް ކަންތައް މެދުވެރިކުރެއްވުމަށެވެ. ފަރުވާ ހުއްޓުމުން މަޑުމަޑުންގޮސް ހަމަޔަކަށް އެޅި ކުރީގެ ނާޔަލް ވުޖޫދަށް އައުމުން އާއިލާކައިރިއަށް ދާން ނިންމިއެވެ. އެހާ ގިނަ ދުވަސްވާންދެން ދުރުގައި އުޅުނަސް ނާޔަލް ކެމީލާއަށް ގުޅައިގެން ވާހަކަ ދައްކައެވެ. ނޫނީ މެސެޖްކޮށްލައެވެ. ނަމަވެސް އެދޭތެރޭގައި ފާރެއް އުސްވަމުންދާފަދަ އިހުސާސްތަކެއް ކުރެވި ކެމީލާގެ ހިތުގައި ކޫރުންތަކެއް އެޅެންފެށިއެވެ. އެހާ ލޯބި ލިބުމަށްފަހު އަލުން ދުރަށް ދާކަށް ފަސޭހައެއްވެސް ނޫނެވެ. ނާޔަލްގެ ގޭގައި އުޅެމުންދާއިރު ދޭތެރެއަކުން ނަތާލީގެ ހަރުކަށި މެސެޖެއް އައުމުން އިތުރަށް ބިރުވެރިކަން ހިތަށް ވަދެއެވެ. ކެމީލާ ބުނަނީ ނާޔަލްގެ ކައިރީ ވަރިއަށް އެދިފައިވާ ކަމަށާއި ނާޔަލް އެ ދަތުރުން އެނބުރި އަންނަންދެން ގެ ބެލުމުގެ ޒިންމާ އޭނަގެ ބޮލުގައި އެޅިފައިވާކަމުގައެވެ. ނަތާލީ ގެ މެސެޖްތަކުން އުދަގޫވެ އޭނަ ނާޔަލްގެ ގާތުގައި ވަކިވާން ބޭނުން ވާ ވާހަކަ ބުނުމުން ނާޔަލް އެކަން ނެގީ ފިނިކޮށެވެ. އެނބުރި އައުމަށްފަހު އޭނަ ކެމީލާ މިނިވަން ކޮށްދޭނެކަމުގައި ބުނުމަށްފަހު ނާޔަލް މެސެޖް ކުރުން ހުއްޓާލައިފިއެވެ. ކެމީލާގެ ހިތަށް ކުރި އަސަރު ލަފުޒުތަކުން ބުނަން ކުޅަދާނައެއްނޫނެވެ. ތަކުރާރުކޮށް ހިތް ހަލާކުވާން ފެށުމުން ހިތްވަރު ހޯދީ ނަމާދުންނެވެ. ގުރުއާން ކިޔަވައިގެންނެވެ. އީމާންތެރިކަން މަތީ ސާބިތުކޮށްދެއްވުން އެދި ދުޢާކުރެވުނެވެ.

ނާޔަލް އެނބުރި އައިއިރު ޚަރީފު މޫސުމް ނިމި ފިނިމޫސުމްގެ ގަދަ ފިނިކަން ހުރިހާ ސަރަހައްދެއްހެން ހިސާރުކޮށްލައިފިއެވެ. އެހެން އަހަރުތަކަށްވުރެވެސް ފިނިގަދަހެން ހީވިއެވެ. ނާޔަލް އެންމެ ކުރިން ބައްދަލު ކުރީ މަންމައާއެވެ. މަންމަ ނާޔަލްއަށް މާފުނުކުރާން ނިންމައިގެން ހުރި ފަދައެވެ. މިފަހަރުވެސް އެންގީ ނާޔަލް ދަރިއެއްގެ ގޮތުގައި ބަލައިގަންނާނީ ކެމީލާ ވަރިކޮށްފައި އައުމުން ކަމުގައެވެ. ނޫނީ ހިތްހެޔޮކުރުމެއް ނެތް ކަމުގައެވެ. ނާޔަލް ދެން ބައްދަލުކުރީ ކައިޒާންއާއެވެ. ކައިޒާން ގާތު މިފަހަރު ނާޔަލް ބުނީ އޭނަ ކެންސަރާއި ހަގުރާމަކުރަމުންދާ ކަމަށާއި ދެވަނަފަހަރަށް އޮޕަރޭޝަންކުރުމަށްފަހު ހާލު އެހާ ރަގަޅު ނޫންކަމަށެވެ. ކެމީލާ އޭނަދެކެ ލޯބި ނުވާކަމަށާއި ވަކިވާން ބޭނުންކަމަށް ބުނެފައިވާ ކަމުގައެވެ. ނާޔަލް އެދުނީ އޭނަ ވަރިކުރުމުން ކެމީލާއާއި ކައިވެނިކޮށް އެކުއްޖާއަށް އުފާވެރި ހަޔާތެއް ހޯދަދިނުމަށެވެ. އޭނައަށް އެކަމަށް ނުކުޅެދިފައިވާ ކަމުގައެވެ. ކައިޒާންއަށް އަސަރުކުރިއެވެ. މިފަހަރު ނާޔަލް އެހާ އާދޭހާއިއެކު އެދުމުން ދެކޮޅު ހަދާނެ ހިތްވަރެއްވެސް ނުލިބުނެވެ.

އެހުރިހާ ވާހަކަތައް އަޑުއަހަން ފާރުގެ އަނެއް ފަރާތުގައި ހުރި އުލާ ދެލޯ ބޮޑުވިއެވެ. އޭނަގެ ބަސްއަހާ ދޮންތަ ހަގީގަތުގައި އެހާ ނުލަފާ ހިތްހަރު ކުއްޖަކަށް ވީހެއްޔެވެ. އެހެންމީހުނަށް ހެޔޮކޮށް އުޅުމަށް ނަސޭހަތްތެރިވާއިރު ދޮންތަ އެއުޅެނީ ތިމާގެ ފިރިމީހާ ގާތުން ވަރިއަށް އެދިގެންނެވެ. ނާޔަލް ކެންސަރު ޖެހިފައިވާއިރު މަރުވާންދެން އެކީ އުޅުނަސް ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ. ހާދަ ގޯހެވެ. އެހާ ލޯބިވާ ދޮންތަބެ އަށް ހަދައިލިގޮތުން އުލާ ދެރަވެ ހިތަށް އުދަގޫތަކެއްވިއެވެ.

"ނާޔަލް ބެ ކިހާ ރަގަޅު ކިހާ ހެޔޮ. މާމައަށްވެސް ހާދަ ހެވޭ. ކައިޒާންއަށް ވުރެ މާ ހެޔޮ. މާމަގެ އަނގައިގާ ލައްވާފައި ކުރީ ދުވަހު ކާންދިނީ. އަހަންނަށް ފޯނެއްވެސް ދިން. ކިހާ ރީތިކޮށް ވާހަކަދައްކާ. އަހަންނަށް ނާޔަލްބެ ދެކެ ލޯބިވެވޭއިރު ދޮންތަ ކީއްވެ އެހެން ހެދީ. ދޮންތަދެކެ ރުޅިއަންނާން ހައްގު. ދޮންތައާއި އަނގައިން ބުނާހިތެއްވެސް ނުވޭ. އެހާ ލޯބިވާ ބޭބެއަކު އަހަރެމެންނާއި ވަކިކޮށްލަން އެއުޅެނީ. އެހާ ރަގަޅު ބޭބެއެއް ދުވަހަކު ނުލިބޭނެ. ހާދަ ދެރައޭ. ކިހިނެއް މި ހިތާމައަށް ކެތްކުރާނީ........."

"ޔާ ﷲ. ނާޔަލްބެއަށް ޝިފާ ދެއްވާދޭވެ. އާމީން..." އުލާ ދެއަތް މައްޗަށް އުފުލާލާފައި ދުޢާކުރަމުންދިޔައިރު ކަރުނަތައް ނުހިފެހެއްޓުނެވެ.

އުލާ ގެއަށް ދިޔަގޮތަށް އޭނަގެ ހުރިހާ ޕްރޮފައިލް ތަސްވީރުތައް ކަޅުކޮށްލައިފިއެވެ. ސުވާލުތައް އަމާޒުވިނަމަވެސް ދެނެހުރިކަމަކަށް ނެހެދިއެވެ.

ސޯފިއާއާއި ކެމީލާ ބަދިގޭގައި ކާއެއްޗެއް ތައްޔާރުކޮށްލުމުގައި އަވަދިނެތި އުޅުނެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވުމުން އެނބުރި ބަލައިލިއިރު ދޮރުމަތީގައި ނާޔަލް ހުރިތަން ފެނިފާ ކެމީލާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ކަޅުކުލައިގެ ޓީޝަޓާކާއި ނޫޖިންސެއްލައިގެން ކަރުގައި ސްކާފް އޮޅާލައިގެން ހުރި ނާޔަލް ފެނުމާއެކު ހިތް ބަންޑުންވާގޮތްވިއެވެ. ދުވެފައިގޮސް ބައްދާލަން ހިތްއެދުނެވެ. ނަމަވެސް ނާޔަލްގެ ސީރިޔަސްކަން ފެނުމުން ކުރިއަށް އެޅި ފިޔަވަޅުވެސް ބިމުގައި ތަތްލިފަދައެވެ. ނާޔަލްގެ ލޮލުން މިއަދު ފެނުނީ ބީރައްޓެހިކަމެވެ. އެލޮލުގައި ފިނިކަމެއްވިއެވެ. ކެމީލާގެ ހިތަށް ނާޔަލް ފިތާލާފައި ބާރުކޮށްލިކަމުގެ އިހުސާސެއް ކުރެވުނެވެ. ނާޔަލް އިޝާރާތްކޮށްލުމުން ފަހަތުން ނުކުމެގެން އައިސް މަޑުކޮށްލީ ސިޓިންރޫމްގައެވެ.

"ކެމް. ކައިޒާންއާއިއެކު ދާން ތައްޔާރުވޭ...." ނާޔަލްގެ އަޑުގައި ހަރުކަށި ކަމެއްވިއެވެ.

"ވަޓް؟ " ކެމީލާ ދެލޯ ބޮޑުކޮށްލިއެވެ.

"މިއޮތީ ވަރީގެ ފޯމް. ސޮއިކޮށްލުމަށްފަހު ފްރީވީ...." ނާޔަލްގެ ފަހަތުން ކެމީލާ ފިޔަވަޅު އަޅަމުންދިޔައިރު ހިތް ރޮމުން ދިޔައެވެ. އެތައް ދުވަހަކު އެކީ އުޅުމަށްފަހު މިގެއަށް ލޯބިޖެހި މިއީ އޭނަގެ އަމިއްލަ ގެކަމުގައި ދެކެން ފެށިތަނާހެން ނާޔަލް އޭނަ ދުރަށްލަނީއެވެ. ގެއިން ނެރެލަނީއެވެ. އޭނަ ހީކުރީ އޭނަ ނޫނީ ނަތާލީ ކިތަންމެ ބާރު އެޅިޔަސް ނާޔަލް ގޮތުގައި ހިފަހައްޓާނެކަމުގައެވެ. އޭނަގެ މިޒާޖާއި ގުޅެނީ އެގޮތެވެ. ކެމީލާދެކެ ލޯބިވާކަމަށާއި މަރުވަންދެން އެކީ އުޅެން ބޭނުންވާކަމުގައި ބުނާނެކަމަށެވެ. ނަމަވެސް ވީ އެހެނެއްނޫނެވެ. ނާޔަލް އޭނަ ވަރިކޮށްލަނީއެވެ. ނާޔަލް ސިޓިން ރޫމާއި އަރާ ހަމަވެފައި އެދުނީ އެފޯމުގައި ސޮއިކުރުމަށެވެ. ނާޔަލް ސޮއިކޮށްފައި އޮތްތަން ފެނިފާ ކެމީލާގެ ހިތް އަނެއްކާ ރޮއިގަތެވެ. ނަމަވެސް ހަދާންވީ ނަތާލީގެ މެސެޖްތަކެވެ. އިންޒާރުތަކެވެ. އޭނަގެ ސަބަބުން ނާޔަލްއަށް މަންމަގެ ރުހުން ނުލިބި ސުވަރުގެ ނުވަދެވިދާނެކަމުގެ ބިރު ހިތަށް އެރުމާއިއެކު ތުރުތުރުލާ އިނގިލިތަކުން ސޮއިކޮށްލެވުނެވެ. ނާޔަލް ކެމީލާއާއި ދިމާލަށް ބަލާވެސް ނުލާ ކައިޒާންއަށް ގުޅާފައި އެދުނީ ކެމީލާ ބަލާ އައުމަށެވެ.

ނާޔަލް އޭނަ ވަރިކޮށްލީހެއްޔެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ.

ދެރަވީވަރުން އިތުރު އެއްޗެއް ބުނެލުމަކާއި ނުލާ ކެމީލާ އަވަހަށް ކޯޓުލައިގެން ނުކުމެގެން ހިގައިގަތެވެ. އަތުގައި އޮތީ ވަރީގެ ފޯމެވެ. ތާޒާ ސްނޯ ވެހި ނުކަހާ ހުރުމުން މުޅި ހިސާބުގައި އޮތީ ބޯ ސްނޯގެ ދޫލައެކެވެ. ކެމީލާ ގޭޓާއި އަރާ ހަމަވިތަނާ ފަހަތުން އައިގޮތަށް އޭނަ އަނބުރުވާލުމުން ބަލައިލެވުނުއިރު ނާޔަލްއެވެ. ކަށިތައް މުގުރާލާހާ ބާރަށް އެންމެފަހުފަހަރަށް ކެމީލާގެ ގައިގާ ބައްދާލައިފިއެވެ. ހަލާކުވެފައިވާ ހިތަކާއިއެކުގައެވެ. ދެލޮލުން ކަރުނަ ނަޔަސް ހިތުގައި ކޫރުން އެޅިފައިވާކަން އެ ތޫނު ދެލޮލުގައިވާ އަސަރުތަކުން ހާމަކޮށްދިނެވެ. ކިތަންމެ ބާރަކަށް ބައްދާލިޔަސް ކުރިން އެހުންނަ ވަރުގަދަކަމެއް ނާޔަލްގެ ނެތްކަން އިހުސާސްކުރެވުނެވެ. ކުރިން ރާ ބުއިމުގެ ސަބަބުން ނާޔަލް ބަލިކަށިވީކަން ނޭގެއެވެ. އެންމެކުރިން ކެމީލާ އުޅުނީ އެއަތުގެ ތެރެއިން ނިކުންނާށެވެ. ދުރުކޮށްލަން އުޅެފައިވެސް އޭނައަށް ނާޔަލްގެ ކަނދުރާގައި އަތް އަޅާލަމުން ކައިރިކޮށްލާފައި އަމިއްލަ ގައިގާ ވި ބާރަކާއިއެކު ބައްދާލެވުނެވެ. އެންމެ ފަހު ފަހަރަށް ކަމަށް ހިތަށް އަރާފައެވެ. މިއީ ވަދާއުގެ ސަލާމަށްވީމައެވެ.

ކައިވެނީގެ ކުރީކޮޅު އެގޮތަށް ނާޔަލް ބައްދާލުމުން ދުރުކޮށްލާ ދެއަތުން މިއަދު ނާޔަލް ކައިރިކޮށްލީއެވެ. ނާޔަލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނާޔަލް ކެމީލާގެ ގައިން ދޫކޮށްލިއެވެ. ކެމީލާގެ ބީހުންތައް އެހޫނުކަން އަދި މިހާ ފުރިހަމަ އަންހެންކުއްޖެއް ދުނިޔޭގައި ލައްވާފައިވާކަން ގަބޫލުކުރަން ދަތިވިއެވެ. ނާޔަލް އޭނަގެ ގައިން ދޫކޮށްލިކަން ފާހަގަވީ އިރުކޮޅެއްފަހުންނެވެ. ކެމީލާވެސް ކަނދުރާއިން އަތް ވަކިކޮށްލުމަށްފަހު ފަހަތަށް އެއް ފިޔަވަޅު އެޅިއެވެ. ނާޔަލް އެންމެ މިނިޓަކަށްވެސް މަޑުކޮށްލުމެއްނެތި އަނބުރާލާފައި ބޯ ސްނޯ މަތީ ދިގު ފިޔަވަޅުތައް އަޅަމުން ހިނގައިގަތީ ގެއާއި ދިމާލަށެވެ. ނާޔަލްގެ އެންމެ ފަހުގެ ހިޔަނި ގެއްލެން ބަލަން ހުރުމަށްފަހު ފުން ނޭވައެއް ދޫކޮށްލުމުން ދުންކޮޅެއްހެން ފެތުރިގަތެވެ. ކެމީލާ ބާރަށް ހިނގާލާފައިގޮސް ކާރުގެ ކައިރީ މަޑުކޮށްލިއެވެ. ކާރުގެ ބިއްލޫރިތައް ތިރިކޮށްލުމުން ބަލައިލެވުނެވެ.

"ކައިޒާން"

ކައިޒާން އޭނަގެ އިންތިޒާރުގައި ކާރުގައި މަޑުކޮށްލައިގެން އިނެވެ. އޭނަގެ ލޯތްބެވެ. އޭނަގެ ހުރިހާ ވެސް އެއްޗަކީ ކައިޒާންއެވެ. ލައިގެން ހުރި ކެހެރި ބޯ ކޯޓުގެ ހިމާޔަތާއެކުވެސް އޭނަގެ އަތްތިލަ ތުރުތުރުލާންފެށިއެވެ. ހީކަރުވާގޮތްވިއެވެ. ކެމީލާ ކާރުގެ ފަހަތު ސީޓަށް އަރާ ހަމަޖެހިލައިފިއެވެ. ކެމީލާގެ ސަމާލުކަން ކައިޒާންއަށް ލިބުނީ ދެފަހަރު މަތިން ކޮނޑުގައި ކޮށްޓާލުމުންނެވެ.

"ވަޓްސް ރޯންގް ކެމް؟ "

"ވަޓް" ކެމީލާ އެއް ބުމަ އަރުވައިލިއެވެ.

"ޔޫ ލުކް ވެރީ އައުޓް އޮފް އިޓް. ވަޓް ހެޕެންޑް؟ ޑިޑް ނާޔަލް ޑޫ ސަމްތިން؟"

"ނޯ ހީ ޑިޑްނޮޓް ޑޫ އެނީތިންގް.." ކެމީލާ ބުނެލީ ކިރިޔާ އިވޭވަރަށެވެ. ކައިޒާންއަށް ބަލައިލެވުނީ ގަބޫލުކުރަން ދަތިވެފައި ކަހަލަގޮތަކަށެވެ. ނާޔަލް ކެމީލާ ރުޅިއަރުވާ ދެރަކޮށްލާފަދަ ކަމެއް ކުރީކަން ޔަގީނެވެ.

"ޑިޑް ޔޫ ގެޓް ދަ ޑިވޯސް ޕޭޕާސް؟ " ކައިޒާން ނުތަނަވަސްކަމާއެކު ބުމައަށް ގޮތެއް ހަދައިލަމުން އަހާލައިފިއެވެ.

"ޔެސް...." ކެމީލާ އެ ލަފުޒުގެ އިތުރުން އެހެން އެއްޗެކެ ބުނެލާކަށް މަސައްކަތެއްނުކުރިއެވެ. ގަދަ ފިނީގެ ސަބަބުން ކަމަށް ވެދާނެއެވެ. ޔަގީނުންވެސް ވާހަކަދައްކާކަށް އޭނައަށް ފަސޭހައެއް ނުވިއެވެ. އުނގުގައި އޮތް ވަރީގެ ސެޓްފިކެޓާއި ދިމާލަށް ބަލައިލެވުނެވެ. އެންމެ ކުރިން އޭނަގެ ސޮޔަށެވެ. ދެން ނާޔަލް ކޮށްފައިވާ ސޮޔަށެވެ. އޭނަ ކުރެހުންތެރިއަކަށްވީމަ ތަފާތު އަދި ޚާއްސަ ސޮއެކެވެ. ވިސްނާލުމުން ނާޔަލްގެ ނަމުގެ އަކުރުތައް ހިމެނޭކަން އެނގުނެވެ. ސޮއި ނިންމާލާފައި ސީ އަކުރެއް އޮތެވެ. ކެމީލާގެ ނަން ފެށޭއިރު އޭނަ ކޭ އަކުރެއް ބޭނުންކުރާއިރު އައިޑީ އަދި ހުރިހާތަނެއްގައި ކޭ އޮތަސް ނާޔަލް އެނަން ލިޔަންޏާ ސީ ބޭނުންކުރާކަން އޭނަ ދަނެއެވެ. ނާޔަލްގެ ސޮއިގާ އޭނަގެ ނަންފެށޭ އަކުރު ބޭނުންކުރާނީ ހާދަ ޚާއްސަވީމައެވެ. ހިތަށްކުރީ ތަފާތު އުދަގޫ އިހުސާސްއެކެވެ. އެތެރެ އެތެރެއިން ކޮންމެވެސް އެއްޗެއް ކުދިކުދިވެ ހަލާކުވީފަދައެވެ. އެ އިހުސާސް މުޅި ހަށިގަނޑަށް ފެތުރިގެން ދިޔައިރު ހިތް ހިމޭންކަމާއިއެކު ރޮނީއެވެ.

"ވީ އާ ހިއާ. ލެޓްސް ގެޓް މެރީޑް އޭޒް ސޫން އޭޒް ޕޮސިބަލް.. އޯކޭ...." ކެމިލާގެ މާމައާއި ކޮއްކޮ ދިރިއުޅޭ ގެއާއި ހަމައަށް ކާރު މަޑުކޮށްލާފައި ހިނިތުންވެލަމުން ކައިޒާން ބުނެލައިފިއެވެ. ކެމީލާ ހިނިތުންވެލީ ކައިޒާންއަށް ރައްދު ދިނުމުގެ ގޮތުންނެވެ. ކާރުން ފައިބައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ކައިޒާން އިންތިޒާރުކުރީ ކެމީލާ އެނބުރި ބަލާލާނެކަމުގައެވެ. ކުރިން ހަދާހެން އެނބުރި ބަލާލާފައި ލަދުވެތި ހިނިތުންވުމެއް ދޭނެކަމުގައެވެ. އެކަމަކު މިފަހަރު އެހެނެއްނުވިއެވެ. ކެމީލާ އެހެނެއް ނެހެދިއެވެ. ކައިޒާން ނޭވާއެއް ލާފައި ތުންފަތުގައި ދަތްއެޅިއެވެ. އަދި ކާރު ދުއްވާލައިފިއެވެ. ކެމީލާއަށް ނާޔަލް ކެންސަރާއި ހަގުރާމަ ކުރަމުންދާކަން އެނގުމުން އޭނައާއިއެކު އަލުން ހަޔާތެއް ފަށަން އެއްބަސްވާނެ ހެއްޔެވެ. އެތައް ސުވާލުތަކެއް ސިކުނޑީގައި އެނބުރެން ފެށިއިރު ލޮލުގައި ކަރުނަ ތިކިތައް ވިދަންފެށިއެވެ.

(ނުނިމޭ... )

comment ކޮމެންޓް