މާރާމާރިތަކާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފިން: ފުލުހުން

އައްޑޫ ސިޓީ އާއި މާލޭގައި ހިންގި މާރާމާރިތަކާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި 14 އަހަރުގެ ކުއްޖަކު މަރާލާފައިވަނިކޮށް ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ނުރައްކާތެރި މާރާމާރިތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހޮނިހިރު ދުވަހުގެރޭ އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި ހާދިސާ އާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފަ އެވެ. މީގެ އިތުރުން މާރާމާރި ހިންގަން އުޅުމުގެ ތުހުމަރުގައި ރޭ ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ރޭ ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ ފިހާރައަކުން ވަޅިތަކެއް ގަނެގެން ސައިކަލުތަކެއްގައި ގޮސް ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލު ޝެޑުގައި ޕެޓުރޯލު އަޅަން މަޑުކޮށްގެން ތިއްބައި އެމީހުންނަށް ފުލުހުން ފެނުމުން ފިލަން މަަސައްކަތް ކުރަނިކޮށެވެ. އެމީހުން ހައްޔަރު ކުރީ ވަޅިތަކާ އެކު ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ތަހުގީކު ކުރަމުންދާއިރު ރޭ ތޫނު އެއްޗަކުން ހަމަލާދީ ކުއްޖަކު މަރާލި ހާދިސާގައި ސީދާ ކިތައް މީހުން ހައްޔަރުކޮށްފައިވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އިއްޔެ އާއި ހޯމަ ދުވަހުގެރޭ ވެސް ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. ހޯމަ ދުވަހުގެ ރޭ ޒަހަމްވި ޒުވާނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސް އެވެ.

comment ކޮމެންޓް