ކުރިއާލާ އިއުލާނު ނުކޮށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ނުވިއްކަން އޭސީސީން އަންގައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހި -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހިން ވިއްކަން ހައުސިންގް މިނިސްޓްރީން ނިންމާފައިވާ 400 ގޯތި ވިއްކަން ވާނީ ކުރިއާލާ އިއުލާނުކޮށްގެން ފޯމު ހުށަހަޅަން އެކަށީގެންވާ ފުރުސަތު ދީގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ވޭތުވެދިޔަ ހަފްތާގައި ހައުސިންގް މިނިސްޓްރީން އިއުލާނު ކުރުމުން އޭސީސީން ވަނީ ވަގުތީ ގޮތުން އެކަން ހުއްޓާލަން އަންގާފަ އެވެ. އަދި މިއަދު އަލުން ގޯތި ވިއްކަން ފަށާކަން ހައުސިންގް މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފަ އެވެ.

އަލުން ގޯތި ވިއްކަން ފަށަނީ އޭސީސީން އެކަމަށް ހުއްދަ ދިނުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުން ހައުސިންގް މިނިސްޓްރީއަށް އަންގާފައިވާނީ ވަކި އުސޫލުތަކެއް ކަނޑައެޅުމަށް ފަހު އެ އުސޫލުތަކުގެ ދަށުން ގޯތި ވިއްކަން ކަމަށެވެ. އެގޮތުން ކުރިއާލާ އިއުލާނުކޮށް ފޯމު ހުށަހަޅަން އެކަށީގެންވާ ފުރުސަތު ދީގެން ގޯތު ވިއްކަން ފަށަން އަންގާފައިވާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އޭސީސީން ކަނޑައެޅި އުސޫލުތައް

  • މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކު ލަވާލުން
  • ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ އުސޫލު އާއްމުކޮށް ޝާއިއުކުރުމާއެކު ގޯތިދޫކުރުމަށް ކުރިއާލާ އިއުލާނު ކުރުން
  • ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުން
  • ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށްގެން ކުރިޔަށް ގެންދިޔުން

އޭސީސީން އެ އުސޫލަށް އަމަލު ކުރަން ހައުސިންގް މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް ގޯތު ވިއްކާކަން ކުރިއާލާ އިއުލާނުކޮށްފައެއް ނުވެ އެވެ. މިއަދު ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ވަނީ ފޯމު ދޫކުރަން ފަށާފަ އެވެ.

އަދި މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުސޫލެއް އެކުލަވާލައި ގެޒެޓް ކޮށްފައެއްވެސް ނުވެ އެވެ.

comment ކޮމެންޓް