ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީންއަކަށް ޑރ. ޝީޒާ އަލީ

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ މަގާމު ޑރ. ޝީޒާއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ގައުމީ ޔުނިވާސިޓީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރުކަން ކިޔަވައިދިނުމަށް އެކުލަވާލައިފައިވާ ސްކޫލް އޮފް މެޑިސިންގެ ޑީންއަކަށް ޑރ. ޝިޒާ އަލީ ހަމަޖައްސައިފި އެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޑީންކަމުގެ މަގާމް ޝީޒާއާ ހަވާލުކޮށްދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް އެވެ.

ޑރ. ޝީޒާ ވަނީ 1995 ވަނަ އަހަރު އެމްބީބީއެސް ހައްދަވައި އަދި 2003 ވަނަ އަހަރު ސްޕެޝަލައިޒް ޑޮކްޓަރަކަށް ވެވަޑައިގެންފަ އެވެ. އޭނާ ސްޕެޝަލައިޒްވެވަޑައިގެންނެވީ ލޮލުގެ ދާއިރާއިންނެެވެ.

ޑރ. ޝީޒާ ވަނީ އައިޖީއެމްއެޗުގައި ކޮންސަލްޓަންޓެއްގެ އިތުރުން ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އޭގެ އިތުުރުން ސްކޫލް އޮފް މެޑިސިންގެ ޕްރޮޖެކްޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތްކުރައްވާފައިވެ އެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ މަގާމު ޑރ. ޝީޒާއަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ޝީޒާ ވާހަަކަ ދައްކަވަނީ-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝީޒާ ވިދާޅުވީ ސްކޫލް އޮފް މެޑިސިން އަކީ މުޅިން އަލަށް ފަށާ ސްކޫލަކަށް ވާތީ ގިން ގޮންޖެހުންތަކެއް ވެސް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ގޮންޖެހުންތައް ވީހާ ވެސް މަދުކުރުމުގެ ގޮތުން އެ ޔުނިވާސިޓީގެ ދަށުން އަލަަށް ހުޅުވާލެވުނު އެހެން ސްކޫލުތަކުގެ ތަޖުރިބާގެ އަލީގައި ދުރާލާ މަސައްކަތް ކުރާނެ ކަމަށް ވެސް ޑރ. ޝީޒާ ވިދާޅުވި އެވެ.

"އަޅުގަނޑު އެންމެ އިސްކަމެއް ދޭނެ އެއް ކަމަަކީ ސްކޫލު އޮފް މެޑިސިންގައި އެންރޯލްކުރެވޭ ދަރިވަރުންނަކީ ކާމިޔާބުކަމާއެކީ ކޯސް ފުރިހަމަކުރާނެ ދަރިވަރުންނަށް ހެދުން. ހަމައެއާ އެކު ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންނަކީ ދުނިޔޭގެ ފެންވަރުގައި މިފަދަ ސްކޫލުތަކާއި ކޯސްތަކާއި ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގަންނާނެ ކޯސްތަކަށް ހެދުން." ޑރ. ޝީޒާ ވިދާޅުވި އެވެ.

އެމްއެންޔޫއިން ހުޅުވާލި އެމްބީބީއެސް ކޯހަށް 37 ދަރިވަރުން މިހާރު ވަނީ ހޮވައިފަ އެވެ. އަދި ވަރަށް އަވަހަށް އެ ކޯސް ކިޔަވައިދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

comment ކޮމެންޓް