ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުން: ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޕިންގް -- ފޮޓޯ: އޭއެފްޕީ

ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި، ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 23ގައި ބޭއްވި ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޝީ ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ދުވަސްވީ ގުޅުން އިތުރަށް ވަރުގަދަ ކުރަން، އިބޫއާ އެކު މަސައްކަތް ކުރަން ޗައިނާއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާގައިވާ ގޮތުން ރައީސް ޝީ ވަނީ ތަފާތު ދާއިރާތަކުން، ޗައިނާ އާއި ރާއްޖޭގެ ރައްޔިތުންނަށް ފައިދާވާ ގޮތަކަށް ދެގައުމުގެ ގުޅުން ވަރުގަދަ ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ އަގު އެގައުމުން ވަޒަން ކުރާ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އިބޫއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ޝީ ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޝީގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ވަނީ އިބޫއަށް މަރުހަބާ ވިދާޅުވެފަ އެވެ.
comment ކޮމެންޓް