ޝަރަފާއި ކަރާމާތާ އެކު ރައީސް ޔާމީން ބަލި ގަބޫލު ކުރައްވާ: ރައީސް މައުމޫން

ކުރީގެ ރައީސް މައުމޫން: ޝަރަފާއި ކަރާމަތާ އެކު ރައީސް ޔާމީން ބަލި ގަބޫލު ކުރެއްވުމަށް ގޮވާލެއްވި --- ފޮޓޯ ސަން

ޝަރަފާއި ކަރާމަތާ އެކު ބަލި ގަބޫލު ކުރައްވައި ފިތުނަ އަކަށް ގައުމު ވައްޓާ ނުލުމަށް ރިޔާސީ އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސް އަބްދުﷲ ޔަމީނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.

އިއްޔެ މައުމޫން ފައުންޑޭޝަންގައި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ (އިބޫ)އާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން ވިދާޅުވީ އެބޭފުޅުން ތިއްބެވީ ދޫދެއްވާ ގޮތަށް ނޫން ކަމަށާއި ރައްޔިތުންގެ ބަސް ރައްޔިތުން ވަރަށް ސަރީހަކޮށް ބުނެފި ކަމަށެވެ. އަދި އެބަހާ އެކު ކުރިއަށްދާން ޖެހޭ ކަމަށާއި ރައްޔިތުންގެ ބަސް ދެމެހެއްޓުމަކީ ދިވެހި ރައްޔިތުނާއި ރައީސް ޔާމިން އަދި ސަލާމަތީ ބާރުތަކުގެ މައްޗަށް އޮތް ވާޖިބެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގޮވާލަން އެއްވެސް ފަރާތަކުން އިންތިހާބުގެ ނަތިއްޖާއާ މެދު ޝައްކު އުފެދޭ ގޮތަށް މަސައްކަތް ނުކުރެއްވުމަށް. ވަރަށް ރީތިކޮށް މިކަން ގެންދަވާށޭ. ޝަރަފާއި އިއްޒަތާއި ކަރާމަތާ އެކު ކާމިޔާބު ނުވި ބޭފުޅަކު އެކަން ގަބޫލުކުރައްވާ،" ޖަލު ހުކުމްގައި ހުންނެވުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންވެ ނޫސްވެރިންނާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

ކުރީ ރޭ ޕީޕީއެމް އިން ބޭއްވި މުޒާހަރާގައި އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމިން އިންތިހާބާ މެދު ސުވާލު އުފައްދާފައި ވަނިކޮށް މައުމޫން މިސާލު ނެންގެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނެވެ. އެގޮތުން ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށް ކުޑަ ތަފާތަކުން ބަލިވިމުން، މައުމޫންގެ އަރިސް ބައެއް ބޭފުޅުން، އެ ނަތީޖާ ގަބޫލުނުކުރެއްވުމަށް ދެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ. ނަމަވެސް ގައުމީ މަސްލަހަތު އިސް ކުރައްވައި އެރޭގެ ދަންވަރު ބަލި ގަބޫލުކުރައްވައި، ނަޝީދަށް ގުޅުއްވައި މަރުހަބާ ދެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ.

"އޭރުގެ ނަތީޖާ މާ ގާތް، މިހާރުގެ ނަތީޖާ މާ ތަނަވަސް، އޭރު އަށް ޕަސެންޓް އުޅުނީ ތަފާތު. މިހާރު ބައްލަވާ، އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 58 ޕަސެންޓް، ޔާމީނަށް ލިބިވަޑައިގަތީ 42 ޕަސެންޓް، 16 ޕަސެންޓްގެ ތަފާތު،" މިފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާގައި ހުރި ތަފާތު ކިޔައިދެއްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.

"އޭރު އަޅުގަނޑު މައްސަލައެއް ނުޖައްސަން. އަޅުގަނޑު ކޮންމެހެން މޮޅު ވާހަކައެއް ދައްކަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ މިއެއްޔޭ ކަންތައް އޮންނަންވީ ގޮތަކީ ޑިމޮކްރަސީއެއްގައި. އެންމެ ވޯޓަކުން ބަލިވިޔަސް ބަލި ގަބޫލުކުރާށޭ، މައްސަލަ ނުޖައްސާށޭ."

ރާއީސް މައުމޫން އިތުރަށް ވިދާޅުވީ ވޭތުވެދި ޔަތާގައި ހެދުނު ގޯސްތައް ތަކުރާރުކުރަން ބޭނުން ނުވާ ކަމަށާއި ކޯލިޝަން ސަރުކާރު ދަމަހައްޓާނެ ކަމަށެވެ.

comment ކޮމެންޓް