ރައީސް ޔާމިން އިސްކޮށް ހުންނަވާގެން ގައުމު ހަލަބޮލި ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް މިމަހު 23 ވަނަ ދުވަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
މިއަދު މައުމޫން ފައުންޑޭޝަންގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެެރިންނަށް މައުލޫމަތު ދެއްވަމުން އިބޫ ވިދާޅުވީ ރައްޔިތުން ރައްޔިތުންގެ ނިިންމުން ނިންމައިފި ކަމަށާއި އެ ނިންމުމާ އެކު ރައްޔިތުން ތިބީ ކުރިއަށް ދާން ކަމަށެވެ. އަދި ރާއީސް ޔާމިން އިސްވެ ހުންނަވައިގެން ގައުމު ހަލަބޮލި ނުކުރެެއްވުމަށް އިބޫ ރައީސް ޔާމިން އަށް އިލްތިމާސް ކުރެއްވި އެވެ.
އިބޫ ވިދާޅުވީ ރައީސް ޔަމީން ވަނީ އިންތިހާބު ގަބޫލު ކުރައްވައި ބަލި ގަބޫލު ކުރައްވާފައި ކަމަށާއި އަދި އިންތިހާބު ވެފައިވާ ރައީސްގެ ހައިސިއްޔަތުން ހުރިހާ ބޭފުޅުންނަށާއި ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ ނިންމުން ދެމެހެއްޓުމަށް ގޮވާލާ ކަމަށެވެ.
"އިހުލާސްތެރިކަމާއެކުގައި، ރައީސް ޔާމީނަށް މިއަދު ދަންނަވާލަން ބޭނުން ވަނީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން، މާހައުލު ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރައްވާށޭ. އެއަކަށް އަޅުގަނޑުމެންނެއް އަދި ރައްޔިތުން ވެސް ތިބީ ތަންދޭކަށެއް ނޫނޭ،" އިިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އިންތިހާބަށް ކުރިމަތިލީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ އެކު ކަމަށާއި ނަމަވެސް ކޯލިޝަން ޕާޓީތަކުން ކުރި މަސައްކަތްތަކާ އެކު އިންތިހާބުގެ ކަންތައްތައް ނިމިގެން ދިޔައީ މިނިވަންކަމާ އެކު އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ކޮންމެ ފޮޓެއް ކައިރީގައި އޮފިޝަލުންނާއި އޮބްޒާވަރުން ތިބި. ކޮންމެ ފޮއްޓެއް ގުނާ ނިމި ކަން ހިނގި ގޮތުގެ ރިޕޯޓު އެބަ އޮތް. ވަރަށް ސާފުކޮށް އެނގެން އެބަ އޮތް އެއިން އެއްވެސް ދާއިރާއެއްގައި ވޯޓަށް ނުފޫޒު ފޯރާ އެއްވެސް ކަމެއް ނެތް ކަން،" އިންތިހާބުގެ ވޯޓު އޮޅުވާލި ކަމަށް ޕީޕީއެމް އިން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި އިބޫ ވިދާޅުވި އެވެ.
އިންތިހާބު އިދިކޮޅު ކޯލިޝަންއަށް ކާމިޔާބު ކުރެެއްވުމަށް ޖަލުގައި ހުންނަވައިގެން ރައީސް މައުމޫން ކުރެއްވި މަސަކަތަށް އިބޫ ޝުކުރު އަދާ ކުރައްވައި އިންތިހާބު ކާމިޔާބުވީ ރައީސް މައުމޫނުގެ މަސައްކަތްޕުޅުން ކަންވެސް އިބޫ ފާހަގަ ކުރެއްވި އެވެ. އަދި ކޯލިޝަން ދަމަހަށްޓާނެ ކަމުގެ ޔަގީން ކަަން ވެސް އިބޫ ދެއްވި އެވެ.