އިންތިހާބުގައި ދިވެހިން ދެއްކީ ޑިމޮކްރަސީގެ ނަމޫނާއެއް: ޑރ. އަލީ ނަސީރު

ޑރ. އަލީ ނަސީރު އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަނީ

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރާއްޖެ އިން ދެއްކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށް ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ އދ.ގެ 73 ވަނަ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން އަލީ ނަސީރު އިއްޔެ ވިދާޅުވީ އިންތިހާބުގައި ވޯޓުލުމަށް ވޯޓު ލިބުމުގެ ހައްގު ލިބިގެންވާ 89 ޕަސެންޓު މީހުން ނިކުތް ކަމަށެވެ. މިއީ ރާއްޖެ އިން ޑިމޮކްރަސީގެ މަގުގައި ކުރާ ދަތުރުގައި ލިބުނު ކާމިޔާބީއެއް ކަމަށް ޑރ. އަލީ ނަސީރު ވިދާޅުވި އެވެ.

އިންތިހާބަށް ފަހު މިހާރު ކުރިއަށް ދަނީ ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންތައް ކަމަށާއި އެކަން ވެސް އަމާންކަމާ އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް ޑރ. އަލީ ނަސީރު ވިދާޅުވި އެވެ.

ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކަށް އަލިއަޅުވާލައްވާ ސަފީރު ވިދާޅުވީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގައި ހުރިހާ ގައުމެއްގެ އަޑު އެއްވަރަކަށް އިއްވުމަށް ފުރުސަތު ދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަައް ހޯދައިދިނުމަށާއި ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބޭއްވުމަށް ވެސް ސަފީރު ވަނީ ގޮވާލައްވައިފަ އެވެ. އަދި ސީރިއާގައި ހިނގަމުންދާ ހަނގުރާމައަށް ސުލްހަވެރި ނިމުމެއް ގެނައުމަށާއި، މިޔަންމާގެ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ވެސް ޑރ. އަލީ ނަސީރު ގޮވާލެއްވި އެވެ.

comment ކޮމެންޓް