ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލާފައިވާތީ އެކުންފުނިން ބަދަލުގައި 200 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ދިޔުމުން އެކުންފުންޏާ އެކު އަލުން އެއްބަސްވުމެއް ހަދަން ނިންމައިފި އެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން މިދިޔަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި އުވާލީ އިމާރާތްކުރަން ޖެހޭ ފްލެޓްތަކުގެ މަސައްކަތް، ކަނޑައަޅާފައިވާ މުއްދަތުގައި ނުފެށުމުންނެވެ. އެއްބަސްވުން އުވާލުމުގެ ބަދަލުގައި 200 މިލިއަން ޑޮލަރު ހޯދަން ޓާޓާ ކުންފުނިން ހުށަހެޅީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށެވެ.
ޓާޓާ ކުންފުންނާ އެކު ކުރިން ހެދި އެއްބަސްވުމުގެ ދަށުން އެކުންފުނިން ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފްލެޓު އަޅަން އެއްބަސްވި އެވެ. އެކަމުގެ ބަދަލެއްގެ ގޮތުން އޯޑިއޯން އާއި ނާދީ ހުރި ބިމުގައި މަތީ ފެންވަރުގެ ފްލެޓް އަޅާ ވިއްކަން ޓާޓާ އަށް ވަނީ ހުއްދަ ދީފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން، ޅ. ޅޮއްސަލަފުށިގައި ރިސޯޓެއް ހަދަން ވެސް ޓާޓާ އަށް ދިނެވެ.
އެއްބަސްވުން އުވާލި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން ސަރުކާރުން މިހާރު ވަނީ އެއްބަސްވެފަ އެވެ. އަލަށް ޓާޓާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިހާރު އޯޑިއޯންގެ ބަދަލުގައި ކުރީގެ ކުނިކޮށިން ބިމަކާއި ނާދީ ހުރި ބިން ދޭން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ރިސޯޓެއް ހަދަން ރަށެއް ވެސް ދޭން ވަނީ ނިންމާފަ އެވެ.
މީގެ ކުރިން ވެސް އިންޑިއާގެ ކުންފުންޏަކާ ދެކޮޅަށް ދިވެހި ސަރުކާރަށް ވަނީ އާބިޓްރޭޝަނެއް ނާކާމިޔާބުވެފަ އެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ޖީއެމްއާރްއާ ހަވާލު ކުރަން ހެދި އެއްބަސްވުން އުވާލި މައްސަލައިގަ އެވެ. އެފަހަރު ސަރުކާރުން ޖީއެމްއާރް އަށް 271 މިލިއަން ޑޮަލަރު ދޭން ޖެހުނެވެ.