އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ހައްޔަރުކުރި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އާއި މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް އަދި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ކްރިމިނަލް ކޯޓުން އިއްޔެ މިނިވަންކޮށްފި އެވެ.
ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެ ހަތަރު ބޭފުޅުން ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން މިނިވަން ކުރީ އަޑުއެހުމެއް ބޭއްވުމެއް ނެތި އެވެ.
އެ ބޭފުޅުންގެ ބަންދު ރިވިއުކުރަން ވަކީލުން ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވުމުން، އެ ކޯޓުން ވަނީ އެކަމުގައި ޕްރޮސިކިއުޓާ ޖެނެރަލް ދެކޭ ގޮތް ހޯދުމަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ޖަވާބުގައި ޕީޖީއިން ބުނެފައި ވަނީ އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުކުރަން ފުލުހުން ބޭނުންވީ ހެއްކަށް ނުފޫޒު ފޯރުވަދާނެތީ ކަމަށާއި ނަމަވެސް އެ ސަބަބު މިހާރު ނެތް ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ އަޑުއެހުމެއް ބޭއްވުމެއް ނެތި އެ ހަތަރު ބޭފުޅުން ދޫކޮށްލުމަށް އަމުރު ކުރައްވައިފަ އެވެ. އަޑުއެހުމެއް ނުބޭއްވި ނަމަވެސް ގާޒީގެ ނިންމެވުން އެ ބޭފުޅުންނަށް ރަޖިސްޓްރާ ސާފުކޮށްދެއްވާފައިވެ އެވެ.
އެ ހަތަރު ބޭފުޅުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި މެމްބަރު އަބްދުﷲ ރިޔާޒާއި އަހުމަދު ފާރިސް މައުމޫން ވެސް ރޭ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.
ރައީސް މައުމޫނާއި ފާރިސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި ހަސަން ސައީދުގެ ބަންދު ރޭ ގާޒީ ރިވިއު ނުކުރެއްވި އެވެ. ކުރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މީޑިއާއަށް ވިދާޅުވީ އެ ބޭފުޅުންގެ ބަންދު ރިވިއު ނުކުރީ އެކަމަށް ވަގުތު ނެތުމުންނާއި ބަންދު ރިވިއު ކުރި ނަމަވެސް އެބޭފުޅުން ހުކުމް ތަންފީޒު ކުރަމުންދާތީ އެކަމުން ނަތީޖާއެއް ނުނިކުންނާތީ ކަމަށެވެ.
މެމްބަރު އަބްދުﷲ ރިޔާޒްގެ ހުކުމް ތަންފީޒުކޮށް ނިމުމުން ވެސް އޭނާ ބަންދުން ދޫނުކޮށް ހުރުމަށް ފަހު އިއްޔެ ވަނީ އޭނާ ވެސް ބަންދުން ދޫކޮށްލައިފަ އެވެ.