މާލޭގެ އެއްވެސް ރަށްވެއްސަކަށް ބޯހިޔާވަހިކަން ނުލިބި ނޯންނާނެ: އިބޫ

އިދިކޮޅު ކެންޑިޑެޓް އިބޫ "މާފޮޅެ ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި -- ސަންފޮޓޯ/ ފަޔާޒު މޫސާ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި މާލޭގެ އެއްވެސް ރަށްވެއްސަކަށް ބޯހިޔާވަހިކަން ނުލިބި ނޯންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

މާފަނު ދެކުނު ދައިރާގެ "މާފޮޅޭ ޖަގަހަ" ހުޅުއްވައި ދެއްވުމަށް ފަހު މިރޭ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މާލޭގެ ވަރަށް ގިނަ ގޭގެއަށް ދޮރުން ދޮރަށް ހިނގިއްޖެ ކަމަށާއި މާލޭގެ ރައްޔިތުންނަށް އެންމެ ދަތިކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ބޯހިޔާވަހިކަމުގެ ދަތިކަން ކަން ކަަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި އިރާދަކުރެއްވިއްޔާ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަޑައެޅިގެން ދާއިރު މާލޭގެ އެއްވެސް ރަށްވެއްސަކަށް ބޯހިޔާވަހިކަން ނުލިބިއެއް ނުހުންނާނެ،" އިބޫ ވިދާޅުވި އެވެ.

މާލޭގެ މަލަމަތިން ރީތި އުސް އިމާރަތްތައް ފެނިވަޑައިގަތަސް ކަމަށާއި ގޭގެއަށް ވެދެވަޑައިގަތުމުން ފެނިވަޑައިގަތީ އެމަންޒަރު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މާލޭގައި ހާލުގައި ދިރިއުޅޭ ރައްޔިތުންނަށް ގޮތެއް ފެންނަންދެން ބޯހިޔާވަހިކަން ހިލޭ ފޯރު ކޮށްދެއްވާނެ ކަމަށެވެ. އަދި ކުލި ދައްކައިގެން ދިރިއުޅޭ ފަރާތްތަކަށް އަގު ހެޔޮކޮށް ބޯހިޔާވަހިކަން ފޯރު ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްލެޓަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ކުޑަކޮށް، އިންޓްރެސްޓު ހަ ޕަސެންޓަށްވުރެ ބޮޑު ނުވާނެ ގޮތަށް ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާސްކުރާ އުސޫލުން ލޯނު ދޫކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"އެގޮތުން ދޫކުރާ ލޯނު އެއީ ދިގު މުއްދަތުން ދައްކާ ހަލާސް ކުރެވޭ ލޯނަކަށް ހަދާނަން. އެންމެ ބޮޑުކޮށް ހަ ޕަސެންޓް އިންޓްރަސްޓުގައި މަހަކު 5000 ރުފިޔާ ލޯނު އަބުރާ ދައްކާ ގޮތަށް ލޯނު ދޫކުރެވިގެން ދާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ މިރޭ ބޯހިޔާވަހިކަމުގެ ސިޔާސަތު އިއުލާން ކުރެއްވިއިރު ބޯހިޔާވަހިކަމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ރައީސް ޔާމީން ވަނީ ހިޔާ މަޝްރޫއު އިފްތިތާހު ކޮށް ހުޅުމާލޭގައި 80،000 ރައްޔިތުންނަށް ފުލެޓް އަޅުމަށް ނިންމަވައި، އެކަމުގެ އަމަލީ މަސައްކަތް ފައްޓަވާފައެވެ. އަދި އެ ފުލެޓްތަކަށް ކުރިމަތިލުމަށް ވަނީ މިހާރު ހުޅުވާލާފައެވެ. ފުލެޓުތަކަށް ކުރިމަތި ލުމުގެ މުއްދަތު މިހާރު ވަނީ އަންނަ އަހަރު ޖެނުއަރީ މަހަށް އިތުރުކޮށްފައެެވެ.

މިރޭ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިއްތިހާދުގެ ވެރިކަމެއްގައި އިންސާފު ގާއިމު ކޮށްދެއްވާނެ ވާހަކަ އިބޫ ތަކުރާރު ކުރެއްވި އެވެ.

ރާއްޖޭގެ މިނިވަންކަމަށް 53 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވިލިމާލެ2ގެ ނަމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިއުލާން ކުރައްވާފައެވެ.

އެ މަޝްރޫއުގެ ދަށުން ދޫކުރާނީ ގޯތި ކަމަށާއި ގޯތި ދޫކުރަނީ ފުށި ދިއްގަރު ފަޅު ހިއްކައިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫއުގެ ދަށުން ފުށި ދިއްގަރު ފަޅުން ފެށިގެން ގޮސް ވިލިމާލެއިން މާލެއާ ހަމައަށް ބުރިޖަކުން ގުޅުވާލުމަށް ވަނީ ނިންމާފައެވެ.

އެ މަޝްރޫއަށް ކުރިމަތިލުމަށް ހުޅުވާލުމުން 5000 އަށް ވުރެ ގިނަ ރައްޔިތުން ވަނީ ފޯމް ހުށަހަޅާފައެވެ.

comment ކޮމެންޓް