ގަނާ ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް---

އަންހެން ކުއްޖަކާ މެދު ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ހައްޔަރު ކުރި 18 އަހަރުގެ އަންހެން މީހާ އާއި 17 އަހަރުގެ އަންހެން ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ދެމީހުންގެ ބަންދަށް 15 ދުވަސް ޖެހީ ޖުވެނައިލް ކޯޓުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ގަނާ ކުރުމުގެ ހާދިސާ ހިންގި އިރު ހައްޔަރު ކުރި ދެމީހުންގެ ވެސް އުމުރަކީ 17 އަހަރެވެ.

ގަނާ ކުރާ މަންޒަރު ފެންނަ ވީޑިއޯގައި ފެނިގެން ދަނީ ދިވެހި ތިން އަންހެން ކުއްޖަކު ގްރޫޕު ހަދާލާފައި އެހެން އަންހެން ކުއްޖަކަށް އަނިޔާކޮށް، ހުތުރު ބަހުން ވާހަކަ ދައްކައި، މާރާމާރީ ހިންގާ މަންޒަރެވެ. އެގޮތުން އަންހެން ކުއްޖާގެ މޫނު މަތީގައި ޖަހައި "އޮރިޔާން ކުރާނެ" ކަމުގެ އިންޒާރު ދިނެވެ.

ގަނާ ކުރުމުގެ ޝިކާރައަކަށްވި ކުއްޖާ މިދިޔަ މަހުގެ ތެރޭގައި ގެއްލިގެން ހޯދަން ވެސް ފުލުހުން އިއުލާނު ކުރި އެވެ. އެ ކުއްޖާ ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އަމިއްލައަށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ) އަށް އަމިއްލަ އަށް ހާޒިރުވެފަ އެވެ.

ވީޑިއޯ ދައުރުވުމާއެކު ގިނަ ބަޔަކު ވަނީ އެ އަނިޔާ ލިބުނު ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވާލައިފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ވެސް ގިނަ ބަޔަކު ގޮވާލި އެވެ.

comment ކޮމެންޓް