އަނިޔާވެރިން ވީ ޖަލުގައި: ނިހާން

ޕީޕީއެމް އިން ބޭއްވި ޕުރެސް ކޮންފަރެންސްއެއްގައި ނިހާން --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އަނިޔާވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވާތޯ އިދިކޮޅުން ދުއާ ކުރި ކަމަށާއި، މިހާރު ހުރިހާ އަނިޔާވެރިން ވީ ޖަލުގައި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އދ. މަހިބަދޫ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމަށް މަހިބަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ވިދާޅުވީ އިސްލާމީ މަރުކަޒު ދޮށަށް އެއްވެ އެމްޑީޕީ އިން އަނިޔާވެރިންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާކުރި ކަމަށެވެ.

"ދުއާ އަކީ ﷲ އިޖާބަކުރައްވާނެ ކަމެއްކަން އަޅުގަނޑުމެންނަށް އެނގޭ. ހުރިހާ އަނިޔާވެރިން ޖަލަށް. ދެން ކޮންކަމަކާތޯ އަނިޔާވެރިކަން އަޅުގަނޑުމެންނަށް މި މާނަކުރަނީ؟" ނިހާން ވިދާޅުވީ ހުރިހާ އަނިޔާވެރިން ޖަލަށް ލާފައިވާ ކަމަށެވެ.

މަހިބަދޫގައި ވާހަކަ ދައްކަވަމުން ނިޙާން ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންނަށްވީ ވައުދުގެ 99 ޕަސެންޓް ފުރިހަމަކޮށްދެއްވާފައިވާ ކަމަށެވެ. ރައީސް އަކީ ވައުދަށް އިހުތިރާމު ކުރައްވާ ބޭފުޅެއް ކަމަށް ވެސް ނިހާނު ވަނީ ވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ހަތަރު އަހަރާއި ނުވަ މަސް ތެރޭ ޕީއެސްއައިޕީގެ ދަށުން 88.8 ބިލިއަން ރުފިޔާ ހަރަދުކުރި އިރު، ޖުމްލަ 120 ބިލިއަން ރުފިޔާ ރައްޔިތުންނަށް ގެނެސްދެވިފައިވާ ކަމަށެވެ.

"އެހެން ބަޔަކު އަޅުގަނޑުމެންނާ ހަމައަށް ވާރުތަކުރި ދަރަނި ދައްކަމުން އެދަރަނީގެ މައްޗަށް އަޅުގަނޑުމެން ވެސް ވެވޭނެ މިންވަރަކުން ދުނިޔޭގެ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ލޯނު ނަގައިގެން ރައްޔިތުން ބޭނުންވާ ތަރައްގީއަށް ފައިސާ ހޯދަމުން އެ ފައިސާއާ އެކު އެކުހެން، އެ ފައިސާ އިން ގައުމުގެ މާދަމާ ތަރައްގީ ކުރާނެ އެސެޓު އުފައްދަމުން،"

ނިހާން ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ސަރުކާރަށް ވާރުތަކުރި ދަރަނި ދައްކަވަމުން، އެސެޓު ވެސް އުފައްދަވަމުން ކަމަށެވެ.

comment ކޮމެންޓް