ރާޅު ބޯއީގެ "އަނެބައްޕަ" ވަރަށް އަސަރުގަދަ!

"އަނެބައްޕަ" ލަވައިގެ ޕޯސްޓަރެއް...

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ލަވަ ކިޔުންތެރިޔާ މުހައްމަދު ނަޒީހު (ރާޅު ބޯއީ)އަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ހަދިޔާގެ ގޮތުގައި ލަވަތައް އަޑު އިއްވަދެމުން އަންނަ ފަންނާނެކެވެ. އެގޮތުން މިހާރުވެސް އަންނަނީ އަމިއްލާ ރާގުގެ ހަ ލަވަ ހިމެނޭ ސޯލޯ އަލްބަމެއްގެ މަސައްކަތް ކުރަމުންނެވެ.

އެ އަލްބަމްގައި ހިމެނޭ "ރާޅޭ" ކިޔާ ލަވައެއް މީގެ ކުރިން ވަނީ ދައްކާލާފައެވެ. ބޮޑު ތަރުހީބެއް ލިބުނު އެ ލަވައަށް ލިބުނު ތައުރީފުވެސް އިންތިހާއެވެ. އަނެއްކާވެސް ނަޒީހު މިވަނީ އެހެން ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. މިފަހަރު ނިޔާވެފައިވާ ނަޒީހުގެ ލޯބިވާ ކާފަގެ ހަނދާނުގައި "އަނެބައްޕަ"އެވެ.

ކ. މާފުއްޓަށް އުފަން ނަޒީހު "ސަން" އާ ވާހަކަދައްކަމުން ބުނީ އޭނާ މިފަހަރު ނެރުނު ލަވަ ހާއްސަކުރީ ލޯބިވާ ކާފައަށް ކަމަށެވެ. އަދި ކާފައަކީ އަބަދުވެސް ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް ކަމަށާއި ކާފަ ދެކެ އަބަދުވެސް ލޯބިވާ ކަމަށް އޭނާ ބުންޏެވެ.

"މީގެ ދިހަ ވަރަކަށް އަހަރު ކުރިން ކާފަ ނިޔާވީ، ކާފަ ދެކެ ވަރަށް ލޯބިވޭ އަބަދުވެސް، އެންމެންވެސް ލޯބިން ކާފަޔަށް ކިޔާ އުޅުނީ އަނެބައްޕަ، އެހެންވެ އެ ނަމުން ލަވައަށް ނަން ދީ، ކާފަގެ ހަނދާނުގައި މި ލަވަ ނެރުނީ،" އައިޑޮލްގެ ފަހުން ވެސް އީދު ޝޯތައް ވެސް ދެމުން އަންނަ ނަޒީހު ބުންޏެވެ.

ކާފަގެ ހަނދާނުގައި ނެރެފައިވާ ލަވައިންވެސް ނަޒީހު އޭނާގެ ކާފަ ދެކެ ވާ ލޯބި ނިކަން ރަނގަޅަށް ހާމަވެއެވެ. ކާފަގެ ސަކަ މިޒާޖާއި ހިތް ހެޔޮކަން ލަވައިން ކިޔައިދެއެވެ. އަސަރުގަދަ ލަވައެކެވެ.

މި ލަވައަކީ އޭނާ ހަދަމުން އަންނަ ސޯލޯ އަލްބަމްގައި ހިމެނޭ ހަ ލަވައިގެ ތެރެއިން ދެވަނަ ލަވައެވެ. ޔޫޓިއުބުގައި މިލަވަ އާންމުކުރުމުން ލަވައަށް ލިބެމުންދާ ތަރުހީބު ބޮޑުވިއެވެ. މިހާރު "ލަވަފޮށި"ންވެސް "އަނެބައްޕަ" އަޑު އަހާލެވޭނެއެވެ.

comment ކޮމެންޓް