ވިލިނގިއްޔާއި ކޫއްޑޫ ގުޅުވައިލަދޭނަން: އިބޫ

އިބޫ ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ފައިލް ފޮޓޯ: އެމްޑީޕީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ގއ. ވިލިނގިއްޔާއި ޖެހިގެން އޮންނަ ކޫއްޑޫ ގުޅުވާލަދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދަޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެންޕެއިން ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިއްޔަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ، ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއްދާނެ ކަމެއް ނޫން ކަމަށެވެ.

"ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ހަރަދެއް ދާނެ ކަމެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެކަން [ވިލިނގިއްޔާއި ކޫއްޑު ގުޅުވާލަދިނުން] ތިޔަ ބޭފުޅުންނަށް ފެނިގެން ދަނެ،" އިބޫ ވިދާޅުވި އެވެ.

ނަމަވެސް ދެރަށް ދެމެދު ކުޑަ ކަނޑެއް އޮންނަ ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލަނީ ކޮން ގޮތަކުން ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ގާއިމްކޮށްފައިވާ ބްރިޖާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެ ބްރިޖުގެ އަގު އެމްޑީޕީ ސަރުކާރުން ބެލިއިރު، އަގަކީ 70 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މިއަދު އެ ބުރިޖު ނިންމައި ހުޅުވިއިރު އެތަނަށް 300 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުވެފައިވާ ކަމަށް އެނާ ވިދާޅުވި އެވެ.

ހުވަދު އަތޮޅަކީ ދުނިޔޭގެ އެންމެ ބޮޑު އަތޮޅުކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު ސީދާ އެ އެއަތޮޅުން ރާއްޖެއިން ބޭރަށް ދެވެން ޖެހޭ ކަމަށް ދެކޭ ކަމަށެވެ. އެގޮތުން އޭނާގެ ވެރިކަމެއްގައި ހުވަދު އަތޮޅުގައި އިންޓަނޭޝަނަލް ބަނދަރަކާއި އިންޓަނޭޝަނަލް އެއާޕޯޓެއް ގާއިމްކުރައްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.

ހުވަދު އަތޮޅަކީ މަސްވެރި އަތޮޅަކަށްވާއިރު އެ އަތޮޅުން ބާނާ މަސް ހަމައެކަނި ފިނި ކުރުމުގެ ބަދަލުގައި މަސް ބަންދުކުރާ ފެކްޓްރީއެއް އެ އަތޮޅުގައި ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިބޫ ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 14 ރަށަކަށް ވަޑައިގެންނެވިއެވެ.

comment ކޮމެންޓް