މިމަހު އެކަކުން ނުވަޔަކަށް ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ޑިފެންޑިން ޗެމްޕިއަން މެލޭޝިއާ އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެއެވެ.
މިއަދު ރާއްޖެއާ މެލޭޝިއާ ކުޅުނު މެޗުން މެލޭޝިއާ މޮޅުވީ 74-13ގެ ނަތީޖާއިންނެވެ.
މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓާގައި މެލޭޝިއާއިން 16 ޕޮއިންޓް ހޯދި އިރު، ރާއްޖެއަށް ހޯދުނީ ހަ ޕޮއިންޓެވެ. ދެވަނަ ކުއާޓާގައި ރާއްޖެއަށް އެންމެ ޕޮއިންޓެއް ހޯދުނު އިރު މެލޭޝިއާއިން ވަނީ އެ ކުއާޓާގައި 20 ޕޮއިންޓް ހޯދާފައިވެއެވެ. ތިންވަނަ ކުއާޓާގައިވެސް މެލޭޝިއާއިން 20 ޕޮއިންޓް ނެގި އިރު، ރާއްޖެއަށް ނެގުނީ ދެ ޕޮއިންޓެވެ. ހަތަރު ވަނަ ކުއާޓާގައި ރާއްޖެއިން ހަތަރު ޕޮއިންޓެވެ. އެ ކުއާޓާގައި މެލޭޝިއާއިން 18 ޕޮއިންޓް ނެގި އެވެ.
މެލޭޝިއާ އަކީ މުބާރާތުގެ ޑިފެންޑިން ޗެމްޕިއަންގެ އިތުރުން ނެޓުބޯޅައިގައި އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދެވަނައަށް ރޭންކު ކުރެވިފައިވާ ގައުމެވެ. ދުނިޔޭގެ ނެޓްބޯޅަ ފެޑަރޭޝަންގެ ރޭންކިންގައި އެގައުމު އޮތީ 25 ވަނައިގަ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ މެލޭޝިއާއިން ވަނީ ޖަޕާނުގެ މައްޗަށް ވެސް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. އެ މެޗުން އެގައުމު މޮޅުވީ 88-13 ނަތީޖާއިންނެވެ.
ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި 16 ގައުމެއް ހަތަރު ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާ އިރު، ރާއްޖެ ހިމެނެނެނީ ޖަޕާނާއި މެލޭޝިއާ ހިމެނޭ އޭ ގްރޫޕުގަ އެވެ.
އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދެން ރާއްޖެ ވާދަ ކުރާނީ ޖަޕާނާ އެވެ. އެ މެޗު އޮންނާނީ މާދަމާ އެވެ.