ރޭ އައްޑޫ ސިޓީގެ ހިތަދޫގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް އިބްރާހިމް ދެއްކެވި ވާހަކަތަކަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންގް މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހޫނު ރައްދުތަކެއް ދެއްވައިފި އެވެ.
ޝައިޚް އިލްޔާސް ރޭ ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވަނީ، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ ހުއްދަ ކަމެއް ކަމަށާއި، އިންސާފު ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވެ ވަރަށް ދިގުކޮށް ވާހަކަދައްކަވައިފަ އެވެ.
"އަނިޔާވެރިކަމަށް ސަޕޯޓުކޮށް، މަގާމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް ޓަކައި، ވެރިންނާ ދެކޮޅަށް ނުކުތުމަކީ ޚަވާރިޖުންގެ ސިފައެކޭ ބުނެ ރައްޔިތުންނަށް އޮޅުވާ ނުލައްވާށޭ. މިކަމަށް އިންކާރުކުރަންޖެހޭނެ. ދިވެހި ހުރިހާ ރައްޔިތުންނަށް މި ގޮވާލަނީ ނުކުންނަވާށޭ އަނިޔާވެރިކަމާ ދެކޮޅަށް،" އިލްޔާސް ރޭ ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭނުގައި ހދ. ނޮޅިވަރަމަށް މިއަދު ހެނދުނު ވަޑައިގެން، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންގް މޭޓު ޑރ. މުހައްމަދު ޝަހީމް ނުސީދާކޮށް އިލްޔާސަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުން ވިދާޅުވީ، ތިމަންނާ ބުނާ އެއްޗަކުން ވެރިކަން ވެއްޓޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
"މިހާރަކު ވަހީ ބާއްވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ. ނަބީ ބޭކަލުންގެ ރިސާލާތްތައް މާތްﷲ ވަނީ މަތިވެރިކުރައްވާފައި. މިހާރަކު ނޫޅޭނެ މާ ބަރަކާތްތެރި ބައެއް. އެމީހުން ހީކޮށްގެން ނުވާނެ ތިމަންނާމެން ބުނާ އެއްޗަކުން ވެރިކަމެއް ވެއްޓޭނެ ކަމަކަށް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ މުސްލިމުން ވާންޖެހޭނީ ގައުމަށް ވަފާތެރި، ދީނަށް ވެސް އަމާނާތްތެރި ބަޔަކަށް ކަމަށެވެ.
"މުސްލިމު އިލްމުވެރިންނަކީ ފިތުނަ ފަސާދައަށް މަގުފަހިކޮށްދޭ ބަޔަކަށް ވެގެން ނުވާނެ. ނޭނގޭ ކަންކަމުގެ ވާހަކަ ދައްކަންޖެހޭ ބަޔަކަށް ވެސް ވެގެން ނުވާނެ،"
ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ދީނީ ބޭފުޅުން މިއަދު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ނަސާރާ ދީނު ފަތުރަން މަސައްކަތް ކުރި މީހުންނާ އެއްސަފެއްގައި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ އެ އިލްމުވެރިންނަށް ﷲއަށް ބިރުވެރިވުމަށް. ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތް ނުކުރެއްވުމަށް. ހައްގުގެ މަގަށް އެނބުރި ރުޖޫއަވުމަށް. އަދި އަދާވާތްތެރި ބާރުތަކަށް ރާއްޖޭގައި އިތުރު ބާރުވެރިކަން ލިބޭ ގޮތަށް ވެރިކަމުގެ ނިޒާމު ބައްޓަންކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ނުކުތުމަށް އިޚްލާސްތެރިކަމާ އެކު މި ގޮވާލަނީ،" އިލްޔާސްގެ ނަން ވިދާޅުނުވެ، ޝަހީމް ވިދާޅުވި އެވެ.
ރޭ ޖަލްސާގައި ޝައިޚް އިލްޔާސް ވިދާޅުވީ އޭނާ ހުންނެވީ ކެރިހުރެ، ރައްޔިތުންނާއި އިއްތިހާދާ އެކު ނުކުމެވަޑައިގެން ކަމަށެވެ.
"ކޯލިޝަނުން އަންނަ ވެރިކަމެއްގައި އެންމެން ވެސް މަގާމު އަދާކޮށްފައި ތިޔަ ތިއްބެވީ. އެހެންވެ ކޯލިޝަނަކީ ފުނޑުފުނޑުވާނެ އެއްޗެކޭ ވިދާޅުނުވެ، ބޭކާރު ވާހަކަތައް ނުދައްކަވާށޭ،" އިލްޔާސް ވިދާޅުވި އެވެ.
މިއަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ކޯލިޝަން ސަރުކާރުތަކަކީ ކާމިޔާބު ސަރުކާތުތަކެއް ނޫން ކަމަށެވެ.
"[ތަފާތު ފިކުރުތައް ހިމެނޭ] ކޯލިޝަން ސަރުކާރުތައް ކާމިޔާބެއް ނޫނޭ. ރޭގައި އިލްމުވެރިއަކު ވިދާޅުވި ކޯލިޝަން ސަރުކާރުތައް ކާމިޔާބޭ، އަދި ކާމިޔާބެއް ނޫނޭ ބުނަނީ ކޯލިޝަންތަކުން ވަޒީފާ ލިބިފައި ތިބި މީހުންނޭ،
"އަޅުގަނޑުމެންނަކީ ކޯލިޝަން ސަރުކާރުތަކުން ވަޒީފާ ލިބި، އެމީހުންގެ ޕްރެޝަރަށް ސަރުކާރުތަކުން ނުކުމެ ތިބި ބައެއް. މިހާރު ކޯލިޝަން ނުރޫޅޭނެއޭ ބުނާ މީހުންނަކީ އެއީ އެންމެ ފުރަތަމަ ކޯލިޝަން ރޫޅާލާނެ މީހުން. މާ ގިނަ ދުވަހެއް ވެސް ނުވާނެ،" ޝަހީމް ޝައިޚް އިލްޔާސަށް ހޫނުކޮށް ރައްދު ދެއްވި އެވެ.