އުންމީދާ ގުޅުނު ބްރިޖަށް ކުނިބުނި

އިއްޔެ ބްރިޖު މަތީގައި ބޭއްވި ހިނގާލުމަށް ފަހު ބްރިޖު ސަރަހައްދުގެ މަގުމަތީގައި ކުނި --- ފޮޓޯ/ ޓްވިޓާ

"ތަރައްގީއާއި ތަމައްދުނުގެ ރަން ޒަމާނު"ގެ ގޮތުގައި ސިފަ ކުރެވުނު ސިނަމާލެ ބްރިޖު ހުޅުވުމުގެ އުފާ ފާހަގަކުރަމުން ދާ އިރު، އާންމުންނަށް ބްރިޖަށް އަރައި އޭގެ މަތިން ކަނޑު ހުރަސްކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވެ އެވެ.

ހަފްތާއެއްހާ ދުވަސް ވަންދެން ދިގު ދެމިގެންދާ އުފާ ފާޅުކުރުންތަކުގެ ތެރެއިން ބްރިޖު މަތީގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ އެވެ. ހަވާ އެރުވުމާއި ކައިވެނިކޮށް ވެޑިންގް ބޭއްވުމާއި ހިނގާލުންތައް ބޭއްވިއްޖެ އެވެ. އާއިލީ ހަވީރާއި ބައިސްކަލު ބުރަކާއި ޕެރޭޑުވެސް ބޭއްވިއްޖެ އެވެ. މިހާރު ތައްޔާރުވަނީ ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ބޭއްވުމަށެވެ.

އިއްޔެ ފެނުނީ އުފާވެރި މަންޒަރެކެވެ. އެކި އުމުރުފުރާގެ ދެ ޖިންސުގެ ދިވެހީން އެކުގައި މާލެއިން ހުޅުލެއަށް ގާދޫކޯ ހުރަސްކޮށް، ފައިމަގުން ހިނގާފައި ދިޔައީ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންނާ އެކު މި ހިނގާލުމުގައި ބައިވެރިވި އެވެ.

އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އުޅަނދުފަހަރު ދުއްވުމަށް ހަދާ ހައިވޭތަކުގައި ހިނގާމީހުން ހިނގުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ކުރާ ކަމަކަށް ނުވި ނަމަވެސް ދިވެހީންނަށް ކަނޑުހުރަސްކޮށް ހައިވޭ މަތިން ހިނގާލުމުގެ ފުރުސަތު ލިބުނެވެ.

ނަމަވެސް މީހުން މަދުވުމުން ފެނުނީ ހިތްފަސޭހަ މަންޒަރެއް ނޫނެވެ. މުޅި ބްރިޖުގައި ކުނިބުންޏެވެ. ފެންފުޅިއާއި ޖޫސް ޕެކެޓާއި ސުޕާރީ ޕެކެޓާއި އޭތި މީތި ބްރިޖު މަތިންނާއި، މަގުތައް ވަކިކޮށްދޭ ދަގަނޑުތައް މަތީގައި ހުއްޓެވެ.

"އާންމުންނަށް މިއަދު މިތަން ހުޅުވާލީ. މި މަންޒަރު ބަލާލުމުން އެނގޭ ދިވެހީން ޒިޔާރަތްކޮށްފިކަން،" ބްރިޖަށް އަރާ މަގުގެ އެއްފަރާތުން އަތިރިމަތީގައި ހުރި ޕްލާސްޓިކް ފުޅިތަކެއްގެ ފޮޓޯއާ އެކު، ޒަޔާން އަހްމަދު ޓްވީޓުކުރި އެވެ.

ކުންޏަކީ ދިވެހީންގެ މެދުގައި ބޮޑު މައްސަލައެކެވެ. މަގުމައްޗަށް ކުނި އެޅުމަކީ އަހަރެމެންގެ ތެރޭގައި އަށަގެންފައިވާ ވަރަށް ނުރަނގަޅު އާދައެކެވެ. ޚާއްސަކޮށް މާލޭގެ މަގުތައް މަތިން މި މަންޒަރު ވަރަށް އާންމެވެ.

ޓްވިޓާގައި އެހެން މީހަކު ވެސް ބްރިޖުގެ މައްޗަށް ކުނި އަޅާފައި ހުރި ފޮޓޯއަކާ އެކު ބުނީ، "ތަރައްގީއަކީ އިންސާނާގެ ވިސްނުމާއި އުޅުމަށް އަންނަ ހެޔޮ ބަދަލެކޭ ބުނެވެނީ މިހެންވެ" ކަމަށެވެ.

ރާއްޖޭގައި ޕްލާސްޓިކް ކުންޏަކީ ވަރަށް ބޮޑު މައްސަލައެކެވެ. ޕްލާސްޓިކް ކުނި ކަނޑަށް އަޅާ މައްސަލައަކީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. އިއްޔެ ބްރިޖު މަތިން ފެނުނު މަންޒަރާ ހެދި މިކަމަށް ވެސް ގިނަ ބައެއްގެ ކަންބޮޑުވުން އަމާޒުވި އެވެ.

"މީހުން މި ކުނިތައް ބްރިޖު މައްޗަށް އެޅީތީ ދެރަވާންވީތޯ، ނުވަތަ ބްރިޖު މަތިން ކަނޑަށް ނޭޅީތީ އުފާވާންވީ ކަމެއް ނޭނގޭ،" ސޯޝަލް ޓްވިޓާގައި މީހަކު ޚިޔާލު ފާޅުކުރި އެވެ.

"ބްރިޖު މަތިން ދަތުރުކުރާ މީހުން މޫދަށް އަޅާ ކުންޏަށް ހަދާނީ ކިހިނެއް،" މީހަކު ޓްވިޓާގައި ސުވާލު އުފެއްދި އެވެ.

އިއްޔެ ބްރިޖު މަތީގައި ކުރިއަށް ދިޔަ ހަރަކާތްތަކުގައި ބައިވެރި މީހުންނަށް ބޯނެ ފެނާއި ކުނި އަޅާނެ ޑަސްބިންގެ އިންތިޒާމުތައް ވެސް ބްރިޖު މަތީގައި ގާއިމުކޮށްފައި ހުއްޓެއް ކަމަކު ފެނިގެން ދިޔަ މަންޒަރު ހިތްފަސޭހައެއް ނޫނެވެ.

ކުނި އެޅުމަކީ "ދިވެހީން، ދިވެހީންގެ ގޮތުގައި" ދެމިހުރުން ކަމަށް ބުނެވުނު ނަމަވެސް، މިއީ ހަގީގަތުގައި ވެސް ދިވެހީންގެ ގޮތް ބާވަ އެވެ.

މަގުމައްޗަށް ކުނި އެޅުމަކީ ކުށެކެވެ. މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމަށްޓަކައި އެންވާރަމެންޓަލް ޕޮލިސް ނުވަތަ ތިމާވެށި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފަށާފައިވާ އިރު، މަގުމައްޗަށް ކުނި އަޅާ މީހުން ޖޫރިމަނާކުރާނެ އަދަދުތައް ވަނީ ދާދި ފަހުން އިސްލާހުކޮށް، ކަނޑައަޅައިފަ އެވެ.

އެގޮތުން ގަވައިދާ ހިލާފަށް މަގުމައްޗަށް ކުނި އަޅާ ފަރާތްތައް، 300 ރުފިޔާއާ އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

comment ކޮމެންޓް