ތަފާތު ލޯތްބެއް (34)

"ދެނެއް މިބޭސްނުކާނަން. މިއީ ރަގަޅުކަމަކަށް ނުވާނެ. ނާޔަލްގެ މަންމަ ކުރުވާކަމެއް ކުރާކަށް މަޖުބޫރެއްނޫން. ނާޔަލްވެސް ރުހޭނެކަމެއް ނޭގޭ. އެހެންނޫނަސް މިހާރު ހިތަށް އަރާ ޖޫލްއަށް ކޮއްކޮއެއް ހޯދަދޭނީއޭ. އޭރުންކަން ނޭގޭ ލައިފް ހަމަޔަކަށް އެޅޭނީ. ކައިޒާންގެ ހަނދާންތައް ހިތުން އެއްކޮށް ފިލުވައިލާފާ ނާޔަލްއާއިއެކު ދިރިއުޅުމަށްވުރެ ރަގަޅުގޮތެއް ނެތް. ނާޔަލްހާ ރަގަޅު އަހަރެންދެކެ ލޯބިވާ މީހެއް މިދުނިޔެއަކު ނެތް.........." ކެމީލާ ވިސްނަން ހުރެފައި ލޮލަށް ކަރުނަ ޖަމާވީ އޭނަ ނާޔަލްއަށް ކޮށްފައިވާ ބަދު ދުޢާތައް ހަދާންވެފައެވެ. ނަމަވެސް އަދި ކުއްޖެއް ހޯދޭނީ ނާޔަލް އަމިއްލައަށް އިސްވެ ބުނިއްޔާއެވެ. ކުރިން އެގޮތް ބޭނުންވިޔަސް ނާޔަލް ދެވަނަފަހަރަށް ކެމީލާ ކައިރީ އެކަމާއި ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މަޑުކޮށްލާނީއެވެ.

ކެމީލާ ހުރިހާ ބޭސްކާޑެއް ވަށިގަނޑަށް އެޅިއެވެ.

ފޯނު ރިންގުވާން ފެށުމުން ކެމީލާ ފޯނުނެގިއެވެ.

އެއީ އޭނަގެ މަންމައެވެ. މަންމައާއި ބައްޕަވެސް އެމެރިކާއަށް ގެންނަން އެދި މަންމަ އާދޭސްކުރަންފެށިއެވެ. ތަމަންނާ ޒާދީއާއި ރުޅިވެ ޔާސިރުއާއި ގުޅެން މަސައްކަތްކުރާއިރު ޔާސިރު ހުރީ ތަމަންނާއަށް މާފުދޭ ގޮތަކަށް ނޫނެވެ. ތަމަންނާ ގަނެފައިވާ ގަނޑު އޭނައަށް އެނގެއެވެ. އޭނަވެސް ދުނިޔޭގައި އުޅެނީ ދެލޯ މަރާލައިގެނެއް ނޫނެވެ. ތަމަންނާ ހުރީ ކަންބޮޑުވެސް ވެފައެވެ. އޭނަވަނީ އުލާ ދިން އެޑްރެސްތައް އަރީންއަށް ދީފައެވެ. ޒާދީ ބުނިގޮތުން އަރީން އުޅެނީ އެމެރިކާއަށް ފުރާށެވެ. ރިޒޯޓަށް އައި ތިރީހަކަށް އަހަރުގެ އެމެރިކަން އަންހެނަކާއި ރައްޓެހިވެގެން ވިސާ ހެއްދުމުގައި އޭނަ އެބައުޅެއެވެ. ތަމަންނާވެސް މިހާރު ބޭނުމީ ދެދަރިން ކައިރިއަށް އެމެރިކާއަށްގޮސް އެތަނުގައި ވަޒަންވެރިވުމަށެވެ. އަރީން ކެމީލާގެ ފަރާތުން ބަދަލުހިފަން އުޅެފާނެތީ އޭނަ ކަންބޮޑުވިއެވެ. ހާސްވިވަރުން އޭނަވަނީ އަރީން ގާތު އެމީހުން އެހެން ތަނަކަށް ބަދަލުވެއްޖެކަމަށްވެސް ބުނެފައެވެ. އަރީން ބުނީ އޭނަ ކެމީލާއަށް ފެންނަން ބޭނުން ނުވާކަމަށާއި ކެމީލާއަށްވުރެ މާރަގަޅު ލޯބިވެރިޔެއް ހޯދާފައިވާ ކަމުގައެވެ. އެވަރުންވެސް ތަމަންނާގެ ހިތުގައި އަރީންއާއި މެދު ޝައްކު އުފެދިފައިވިއެވެ.

އާދައިގެ މަތިން ނާޔަލްއާއި ކެމީލާ ބައިސްކަލް ދުއްވާލަން ދަނިކޮށް ކެމީލާގެ ހިތަށް ލައްކިއެއް ޖެހިހެން ހީވިއެވެ. ހަޔެއްކަ ފަހަރުއެގޮތަށް މެޔަށް ވީއިރަށް އާދަޔާ ޚިލާފަށް ވަރުބަލިކަން އިހުސާސްކުރެވި މެޔަށް ތަދެއް އެރިއެވެ. އެގޮތަށް މެޔާއި ދިމާލުން ލައްކިޖަހާކަމުގެ އިހުސާސްކުރެވޭތާ ކިތަންމެ ދުވަހެކެވެ.

"ވެދާނެ ޕިލްސް ކާތީ ވާގޮތެއްކަމަށް..." ލޮލަށް ފުސްވާކަހަލަ ގޮތެއް ވުމުން ކެމީލާ ބައިސްކަލް މަޑުކޮށްލައިފިއެވެ. އޭރު އޭނަ ހުރީ ނޭވާކުރުވާގޮތްވެފައެވެ. އެކަން ނާޔަލްއަށް އަންގާކަށް ބޭނުމެއްނުވިއެވެ. ކެމީލާ އޭނަގެ ވައިލެޓްކުލައިގެ ބައިސްކަލް ގަހަށް ލައްގާފައި ހިނިތުންވެލިއެވެ. އޭރު ނާޔަލްވެސް ބެކްޕެކުން ފެންފުޅިއެއް ނަގައިގެން އެއްބައި ބޯލާފައި ކެމީލާއަށް ދިއްކޮށްލިއެވެ. އެ އޮމާން މޫނު ވިދާވަރުން ނާޔަލްއަށް ބަލަން ހުރެވުނީ އިޝްގީ ނަޒަރަކުންނެވެ. މޭކަޕެއް ނެތަސް ކޮންމެފަދަ ރީތިހެއްޔެވެ.

"މާ ގިނައިން ދުއްވީމަ ޓަޔަޑް..."

"ހޫމް ބޭބީ. ގޯސްޓެއް ފެނުނަސް މިހާ ޕޭލްވާނެ ކަމެއް ނެގޭ. ޓެސްޓްތަކެއް ހަދާލަން އެބަޖެހޭ..." ނާޔަލް ކެމީލާގެ ޝޯލްގައި ތަތްލަވާފައި އޮތް ވިނަކޮޅެއް ނަގާލަމުން މޫނުގައި ހިފައިލިއެވެ.

މަގުގެ އަނެއްފަޅީގައި އޮތީ ވިނަގަނޑެވެ. ތަފާތު ކުލަކުލައިގެ ޖަންގަލީ މާތަކުން މުޅި ސަރަހައްދަށް ދިރުން ގެނެސްފައިވާއިރު ރީތިކަމުގެ މިސާލެކެވެ. ނާޔަލްއާއި ކެމީލާ ވިނަގަނޑުމަތީ އޮށޯވެލައިގެން ވާހަކަދައްކާލަން ތިބިއިރު ކެމީލާގެ ހިތް ރޭހެއް ޖަހާފައިވާ ފަދައެވެ. އޮށޯވެލުމުންވެސް އެހާ ރަގަޅެއްނުވިއެވެ. ނާޔަލްއަށްވެސް އެކަން ފާހަގަނުވީ އޭނަވެސް އެހާ ގަދަޔަށް ބޮލުގައި ރިއްސައިގެންފައިވާތީއެވެ. ނާޔަލްވެސް އޭނަގެ ބަލި ކެމީލާއަށް ސިއްރުކުރިއެވެ. ކެމީލާ ޔަގީންކުރީ ބޭސްކާތީ ވާހާ ގޮތްތައް ކަމަށެވެ.

އެދުވަސްކޮޅު ނާޔަލް ކެމީލާ ގޮވައިގެން އުމްރާ ދަތުރެއްކުރިއެވެ. ދިހަދުވަހުގެ އެ ދަތުރަކީ ކެމިލާއަށްޓަކާ ކޮށްދިން ދަތުރެއްކަމުގައި ބުނިއިރު ނާޔަލް ބޭނުންވަނީ ހަގީގަތް ކެމިލާއަށްވެސް ނާންގާށެވެ. އޭނަ އަޅުކަމާއި ކައިރިވެފައިވާވަރު އެކަކަށްވެސް އަންގާކަށް ނާޔަލް ބޭނުމެއްނުވިއެވެ. އޮޕަރޭޝަނުގެ ކުރިންވެސް އޭނަ އުމްރާއަށް ދިޔައެވެ. ޓިއުމަރު އޮޕަރޭޝަންކުރުވީ އޭގެ ފަހުންނެވެ. މިފަހަރު ކެމީލާއާއިއެކު ދެވުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ޒަމްޒަމްފެނަކީ ބަރަކާތް ލައްވާފައިވާ ފެނަކަށްވާތީކަން ނޭގެއެވެ. މައްކާއަށް ދެވުނުތަނާހެން ނާޔަލްއާއި ކެމީލާއަށް ވަމުން ދިޔަ އުދަގޫތައް ކެނޑުނެވެ. ދެމަފިރިން އުޅުނީ މުޅިންވެސް މަސްޖިދުލްހަރާމްގައި ނަމާދުކުރުމާއި އަޅުކަމުގައެވެ. ތަވާފުކުރުމުގައެވެ. ދަންވަރުވެސް ދުޢާކުރުމުގައި ގެފުޅުކައިރީގައެވެ. ޒަމްޒަމްފެން ބުއިމުން ބަނޑުހައިކަން ފިލާ ހަށިގަނޑަށް ލުއިވިއެވެ. މިވަރުގެ ރޫހާނީ ހިތްހަމަޖެހުމެއް ދުވަހަކު ނުލިބޭނެކަން ޔަގީނެވެ. އެހާ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ހިތަށް ލިބުނެވެ. އެދަތުރުން އެނބުރި އަންނަމުން އެންމެ ފުރަތަމަ މަޑުކޮށްލީ ކެނެޑާގައެވެ. ނިއާގްރާ ވޯޓަފޯލް ބަލައިލަން ދިޔައެވެ. ކެނެޑާގައި ދިރިއުޅޭ ނާޔަލްގެ އާއިލާގެ ޒުވާނުންނާއިއެކު އެދަތުރު ދެވުމުން އެވެސް ހަނދާނުން ފޮހެލަން ދަތި ދުވަސްކޮޅަކަށްވިއެވެ. އަދި ކެނެޑާގެ ފަޅިން ވޯޓާފޯލް ބަލައިލެވުމުން މާ ރީއްޗަށް ފެނުމުގެ ނަސީބު ލިބުނެވެ.

ފަނަރަދުވަސްފަހުން ކެމީލާމެން ނިއުޔޯކަށް އެނބުރި އައެވެ. ކެމީލާ ތާޒާވެލުމަށްފަހު ދަބަސް ހުޅުވާލާފައި ކޮތަޅަކަށް ބައެއް ސާމާނު ލައިގެންގޮސް ސޯފިއާގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ސޯފިއާ ދޮރުހުޅުވާލުމުން ކެމީލާ ބައްދައިލީ ސަލާމްކޮށްލީ އަރަބި ސްޓައިލަށް ބައްދާލާފައެވެ.

"އައި ގޮޓް ސަމްތިން ފޯ ޔޫ ސޯފީ......" ކެމީލާ ޒަމްޒަމް ފެންފުޅިއެއް ދިއްކޮށްލައިފިއެވެ." ދުނިޔޭގައިވާ އެންމެ ބަރަކާތްތެރި ފައިދާ ހުރި ފެން......" ކޮތަޅުގައި ދެން އޮތީ ގުރުއާނުގެ އިނގިރޭސި ތަރުޖަމާއަކާއި ތަސްބީހައެއް އަދި މުސައްލައެކެވެ. ދޯޕައްޓާހެދުމެކެވެ. ހުދުރަނުގެ އަނގޮޓީއަކާއި ގަޑިއެއްވެސް އޮތެވެ. އޭނަފަދަ ޚާދިމާއަކަށް އެހާ ހަދިޔާ ދިނުމުން ހައިރާންވެ ދެލޯ ފެންކަޅިވެ އަނގައިން ބަސް ހުސްވިއެވެ. ކެމީލާ ބުނީ ސޯފީ އިނގިރޭސިއަކަށް ވިޔަސް އެކަހަލަ ހެދުމެއް ލުމުން ގުޅޭނެ ކަމުގައެވެ. ސޯފިއާ ކެމީލާއަށް ހެޔޮ ދުޢާކުރިއެވެ. ނިތްކުރީގައި ބޮސްދިނެވެ. އެތައްފަހަރު ޝުކުރު އަދާކުރިއެވެ. މިހާ ހިތްހެޔޮ ވެރިޔެއް ލިބުނުކަމީ އޭނަހެ ނަސީބުރަގަޅުކަމޭ ސޯފިއާގެ ހިތަށް އެރިއެވެ. ރަގަޅު މުސްލިމެއް ވެއްޔެއްޖާ ދީނީވުމުގެ އިތުރުން ޚުލްގު ހެޔޮވާނެއެވެ.

ނާޔަލް ބޭރަށް ދިޔުމުން ސޯފިއާއާއި ކެމީލާ ބަގީޗާތެރޭ ވަގުތު ހޭދަކުރިއެވެ. ކެމީލާ ޗެރީގަސްތަކުގެ ހިޔަލުގައި އިރުކޮޅެއްވާންދެން އޮވެލާފައި ގެއަށް ވަނީ ކަރު ހިއްކައިގަތީމައެވެ. މިއަދުވެސް މެޔަށް އުދަގޫވެ ބިރުގަންނަ ގޮތްތަކެއް ވެއެވެ. ގޫގުލްކޮށްލަން ހިތަށް އަރާފައިވެސް ފުރަތަމަ މިވާ ގޮތްތައް ނޭގެންޏާ ގޫގުލް ކުރާނީ ކީކޭ ކިޔާފައި ބާވައެވެ. ގެއަށް ވަދެފައި ބްލޫބެރީ ޖޫސްތަށްޓެއް ބޯލުމަށްފަހު މޭވާ ޓުކުރިން މޭވާކޮޅެއް ނެގިތަނާ ބެލް އަޅާލައިފިއެވެ. ކެމީލާ އަށް ނަތާލީކަން އެނގުމުން ދޮރުހުޅުވާލައިފިއެވެ. ފުލްކޮށް މޭކަޕްއިން ފަވާލާފައިވާ މޫނާއިއެކު ތުންފަތުގައި ޕްލާސްޓިކް ހިނިތުންވުމެއް ވެރިކޮށްލާފައިވިއެވެ. ދެން ހުރީ މާކަސްއެވެ. ހަށިފާރަވެރިއެއްކަމުން އޭނަ ހުންނަނީ ސީދާކޮށެވެ. އިސްތަށިގަނޑު އޮތީ އާމީ ކަޓެއްހެން ކުރުކޮށް ކޮށާލެވިފައެވެ. ލިބިފައިވާ އިސްކޮޅާއިއެކު ކަސްރަތީ ހަށިގަނޑެކެވެ. އަތުގެ މުލައްދަނޑިއަށް ޓީޝާޓު ހިފާލާފައިވާވެއެވެ. އެހާ ފޮނިގޮތެއްވެސް ހުރެއެވެ. ލޮލުގައިވާ އަވި އައިނު ނަގައިލީ އެހާ ފޮނިކޮށެވެ. މިހާ ހިތްގައިމު ޒުވާނަކަށްވެސް މިއޮތް ބޮޑު ދުނިޔެއިން އަންހެންކުއްޖަކު ނުވީހެއްޔެވެ. ހިތާވީ ތިމާގެ މަންމަގެ އުމުރުގެ މީހަކާއެވެ.

"ސްޓެޕް ފާދާ އިން ލޯ އަށް ވީމަ ދެން ރުޅި އަންނަން ނުޖެހޭނެ؟ " މާކަސް ހުރީ ފާޑެއްގެ ހިންޏެއް އައިސްފައެވެ. އޭނަ އެއް ލޯ މަރައިލިއެވެ. ކެމީލާއަށް އަނގަޔަށް ގޮތެއް ހަދައިލެވުނީ ރުޅިކަމެއް ނޫނީ ފޫހިވެގެންކަމެއް ނޭގުނެވެ. މާކަސް މިހާ ފޮނިވެގެން އުޅެނީ ހަމަ ނަތާލީ ލިބުނީމަހެއްޔެވެ. އޭނަ ތަން ދައްކަން އެއްފަރާތަށް ޖެހިލުމާއިއެކު ނަތާލީ އެތެރެއަށް ވަދެގެން ދިޔައިރު އެއީ ގޭގެވެރިޔާހެން ހީވިއެވެ.

"ބަލާބަލަ މިއޮތްހާ ހިރަފުހެއް. ނާޔަލް ގެއަށް މެއިޑަކު ގެނައުމުގެ ބޭނުމަކީ ކޮބާ؟ އައި ސްވިއާ އައިވް ނެވާ ސީން ދިސް ޕްލޭސް އިން ސަޗް އެ މެސް..." ނަތާލީ ރުޅިވެރިކަމާއިއެކު އަޑުގަދަކޮށްލިއެވެ. އަދި ފަރި ހިގުމެއްގައި ގޮސް ފަޔާ ޕްލޭސްގެ ވަށައިގެން ހުރި ދަގަނޑުބައިގާ އިނގިލިތައް ހިންގާލައިފިއެވެ.

"ކެމީލާ ކެން ޔޫ ގެޓް މީ އެ ޓިޝޫ ޑިއާ. ކުއިކް ޕްލީޒް." ނަތާލީ ހިނިތުންވެލިއެވެ. "ޕްލީޒް" އެލަފުޒު އިތުރުކޮށްލިޔަސް އޭނަ ކުރީ އަމުރެކެވެ. ކެމީލާ ޓިޝޫ ބޮނޑިއެއް ފޯރުކޮށްލަދިނުމުން ގަދަޔަށް އަތް ފޮހެންފެށިއެވެ. ކެމީލާވެސް އެތަނުގައި އިނގިލި ހިންގައިލިނަމަވެސް އެއްވެސްކަހަލަ ހިރަފުހުގެ އަސަރެއް ކަމެއްނެތެވެ."ހިރަފުހެއް ހުރީއެއްވެސް ނޫން. ނަތާލީ މިއުޅެނީ ހަޅޭއްލަވާނެ ކަމެއް ނުފެނިފައި..."

ކުއްލިއަކަށް ނަތާލީ ކިބިއްސެއް އެޅިއެވެ.

"ހައު ކެން މައި ބޯއި ލިވްސް އިން އެ ޕްލޭސް ލައިކް ދިސް؟ ހާދަ ޑަސްޓީއޭ. މާކް އެހެރަ ފްރޭމްތަކަށް ބަލާލަބަލަ. އެއީ އަހަރެން ނާޔަލްއަށް ދޭން ގަނެގެން ގެނެސްފައި ހުރި ރެއާ އެންޓީކްތައް. މިހާރު ހަޑިވެ ހިރަފުސް އަރާފައި ހުރިވަރު އެބަ ފެނެއެއްނު. ވެއާ ދަ ހެލް އިޒް ދެޓް މެއިޑް؟ ކާންޓް ޝީ ހެއާ މީ ކޯލިން؟ " ނަތާލީ ދެތިން ކިނބިހި އެއްފަހަރާއެޅިއެވެ.

"އޯލް ދިސް ޑަސްޓް އިޒް މޭކިން މީ ސްނީޒް..." އޭނައާއި ދިމާލަށް ކަޅި އަޅައިލަމުން ނަތާލީ ކުދި ކިޔާލިއެވެ. ކެމީލާ ހިނިގަނޑު މަތަކޮށްލީ އުދަގުލުންނެވެ. ނަތާލީ އެހާވަރަށް ކިބިހި އެޅެނީ އޭނަ ބޭނުންކޮށްފައި ހުރި ވަސްގަދަ ސެންޓުގެ ސަބަބުންކަން ކެމިލާއަށް ޔަގީންވިއެވެ. ކެމީލާ ސިޓިންރޫމްގެ ވަށައިގެން ނަޒަރު ހިންގާލައިފާ ހީލިއެވެ. "ސޯފީގެ މަސައްކަތް ވަރަށް ބަރާބަރަށް ފަރުވާތެރިކަމާއިއެކު ކުރޭ. މުޅި ގެ ގަނޑުފެންކޮޅެއްހާ ވިދާ. ސްޕާކްލިން. މިއަށްވުރެ އިތުރަށް މިގެ ސާފުވާނެ އެއްވެސް ގޮތެއް ނޯންނާނެ."

"ސޯފިއާ......" ހިމޭންކަމުގެ ސާލެއް އޮޅާލާފައިވާ ގޭގެ ހިމޭންކަން މުގުރައިލީ ނަތާލީގެ ބާރު އަޑުންނެވެ. "ކެމީލާ. އޭނަ ހުރިތަނަކުން ހޯދާ. ޓެލް ހާ ޓު ސާވް ދަ ފުޑް ރައިޓް ދިސް އިންސްޓެންޓް...އޭނަގެ މެނާސްތައް ކޮބާ؟ "

ނަތާލީއާއި މާކަސް ގޮސް ޖައްސައިލީ ކާކޮޓަރީގައި ހުރި ކައުޗްތަކުގައެވެ. ފުޅާ ފްރެންޗް ދޮރުތަކުގެ ފަރުދާތައް ކަހާލާފައިވާއިރު ޗެރީ ބްލޮސޮމްތައް ފިޔާތޮށިކުލައިން މުޅި ހިސާބު ޖަރީކޮށްފައިވާފަދައެވެ. ތިރިކޮށް ހެދިފައިވާ ބަގީޗާ ގަސްތަކުގައި ފޮޅިފައިވާ އެތައް ސަތޭކަ މާތައްވެސް އެ މަލާއި ވާދަކުރަނީ ހިނިތުންވެލައިގެން ތިބެއެވެ. އިރުގެ ދޯދިތައް މާތަކަށް އެޅުމުން ހިތްގައިމުކަމުން ބަލާބަލާ ފޫހިނުވާނެއެވެ. ކާން ތިބޭއިރު އެންމެ ހިތްގައިމީ ބަގީޗާގެ ރީތިކަން ހާމައަށް ފެންނާތީއެވެ. އޭރު ސޯފިއާ އުޅުނީ ބަދިގޭގައި ސައި ތައްޔާރުކުރާށެވެ. ލަސްވާތީ ކެތްނުކުރެވިގެން ނަތާލީ ބަދިގެއާއި ދިމާލަށް ހިނގައިގަތްތަނާ ފެނުނީ ސޯފިއާ ސައި ތަބައް ހިފައިގެން ބަދިގެއިން ނުކުމެގެން އަންނަތަނެވެ. އޭނަ ހުރީ އިހުތިރާމް ކުރުމުގެ ގޮތުން ބޯ ގުދުކޮށްލައިގެންނެވެ.

"ސޮރީ ލޭޑީ ނަތާލީ. އައި ވޯޒް އައުޓް އިން ދަ ބެކްޔާޑް ގެދަރިން ވުޑް" ސޯފިއާ ފެންނަނީ ތާޒާކޮށެއް ނޫނެވެ. ބޭރުތެރޭ އުޅެފައި އައިކަން ސާބިތުކޮށްދެނީ އިސްތަށިގަނޑިގައި ތަތްލާފައިވާ ވިނަކޮޅުތަކާއި މަލުގެ ތަންތަންކޮޅުންނެވެ. ނަތާލީ ގޮވާ އަޑަށް އޭނަ އަވަސްއަރުވާލައިގެން ވަންއިރު ތާޒާވެލައިގެން އަންނާކަށް ހަދާނެއް ނެތެވެ. އަތްތިލަވެސްވަނީ ވަކަރުތަކުން މެށި ކޫރުންއެޅިފައެވެ. މަސައްކަތްތެރި އަތެކެވެ. ނަތާލީއަކީ ސޯފިއާގެ ދަރިއެއްގެ އުމުރުގެ މީހެކޭވެސް ބަލާމީހުން ހިތަށް އަރާފާނެއެވެ. ސަބަބަކީ ނަތާލީ ހެދުން އަޅާފައިވާ ޝާހީގޮތާއި އަދި ރީތިކޮށް ހަދާފައިވާ ނިޔަފަތިތަކާއި މޭކަޕްގެ ސަބަބުންނެވެ. ހަގީގަތަކީ ދެމީހުންގެ އުމުރު ދާދި އެއްވަރުކަމެވެ.

"ޔޫ ލުކް ލައިކް އެ ޑިޒާސްޓާ. މެއިޑުން ހެދުން އަޅާންޖެހޭ ގޮތަކީ ތިއީ؟ ނާޔަލްއަކީ މަގޭ ދަރިއަކަށްވިޔަސް ހިޒް ޓޭސްޓްސް އާ ސުޕާ ބޭޑް..." ނަތާލީ ތަލިކަނޑާލާފައި މޫނު ކުނިކޮށްލައިފިއެވެ. "ކެމީލާ ކަމް ވިތް މީ. އަހަރެން އެބަޖެހޭ ވާހަކައެއް ދައްކައިލަން.."

ސޯފިއާ މާކަސްއަށް ޚިދުމަތްކުރަން ނަތާލީ ދޫކޮށްލާފައި ކެމިލާގާތު އަތުން އިޝާރާތްކުރީ އޭނައާއިއެކު އައުމަށެވެ. އޭރު މާކަސް އިނީ މަޖައްލާއެއްގެ ގަނޑުތައް އުކާލަ އުކާލައެވެ. ނަތާލީ ނިކުންނަން ވެގެން އެނބުރިލިއެވެ. އެއާއިއެކު ސޯފިއާގެ އަތުގައި ހުރި ސައިތަބައް އަތުން ދޫވެ ބިންމައްޗަށް ވެއްޓުމާއިއެކު ނަތާލީ ލައިގެން ހުރި ޑިޒައިނާ ހެދުމަށް ތިކިތައް ބުރައިގެން ދިޔައެވެ. އެއަޑުފަށްގަނޑުގެ ސަބަބުން މާކަސްގެ ސަމާލުކަންވެސް އަތުލިއެވެ. ނަތާލީގެ މޫނުން ފެނުނީ ބިރުވެރިކަމެވެ. ޝޮކެއްގައި ހުރިފަދައެވެ. ހެދުމުގައި ހުރި ލައްތަކަށް ބަލާލާފައި މިޒާޖު އެއްކޮށް ބަދަލުވިއެވެ. އޭނަ މޮޔަވާވަރުވިއެވެ. އެނބުރިލާފައި ސޯފިއާގެ މޫނުމަތީ އަތް ހިންގައިލަން އަތް މަޅާލާފައި ހުއްޓައިލެވުނީ ސޯފިއާގެ މޫނަށް ވެރިވެފައިވާ ކުލަވަރެއް ފެނިއެވެ. ސޯފިއާ ހުރީ މާކަސްގެ މޫނަށް ބަލަހައްޓައިގެން ދެލޯ ބޮޑުވެފައެވެ. މުޅި މޫނު ހުދު ކަފަކޮޅަކަށްވެ ތުންފަތް ތުރުތުރުލައެވެ. ކަރުނަތިކިތައް ކޯތާފަތުން ތިރިއަށް ދެމެމުންދެއެވެ.

"މާކް....." ސޯފިއާގެ އަޑު މަޑުކަމުން ކިރިޔާ އިވުނުކަމެވެ. ކެމީލާވެސް ސޯފިއާގެ މޫނަށް ދެން މާކަސްގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އަނެއްކާވެސް ސޯފިއާއިން މާކަސްގެ މޫނަށެވެ. ދެމޫނަށް ބެލިބެލިހެން މަޑުމަޑުންގޮސް ހަގީގަތުން ފަރުދާ ނެގުނެވެ. އޭނައަށް ހީކުރެވުނީ ހަމަ ރަގަޅަށެވެ. ސޯފިއާ ޚަޒާނާކޮށްގެން އެގެންގުޅޭ ފްރޭމްގައިވާ ކުޑަ ފިރިހެންކުއްޖާއަކީ މާކަސްއެވެ. ކޮންފަދަ އަގުހުރި ވަގުތުކޮޅެއްހެއްޔެވެ. ކެމީލާއަށް އިހުސާސްވީ ހިތަށް ފިތުނުހެންނެވެ. ދެން ލޮލުން ކަރުނަ ހިލެންފެށިއެވެ. ސޯފިއާ އޭނައަށް ބަލަހައްޓައިގެން ހުރެ ރޮނީ ކީއްވެހެއްޔެވެ. އެގޮތަށް އެބަލަނީ ކީއްވެހެއްޔެވެ. މާކަސްވެސް އިނީ އަޖައިބުވެފައި ސޯފިއާގެ މޫނަށް ބެލިގޮތަށް ހުއްޓުން އަރާފައެވެ. ދެން ހުރީ ނަތާލީއެވެ. އޭނައަށް ވާނުވާ ނޭގުނަސް ވަގުތުން އެއްޗެއް ވިސްނައިގަނެވިއްޖެއެވެ. ސޯފިއާގެ ހަރަކާތްތަކާއި މާކަސްއަށް ގޮވައިލި މައިވަންތަކަމުން ފުރިފައިވާ ގޮތަކުން ނަތާލީގެ ހިތަށް ބިރުވެރި ރާޅެއް ބިންދާލައިފިއެވެ. އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރަންފެށިއެވެ.

ކެމީލާގެ ވިސްނުންތޫނުކަމުން ވެގެން އުޅޭގޮތް ރޭކާ ލާ އޭނަ ކަންތައް ކުރަންވީގޮތް ހިތަށް ގެނެވުނެވެ. ދުވެފައި ދިޔަ ބާރުމިނުގައި ސޯފިއާގެ އެނދިކައިރީގައިވާ މޭޒުމަތީގައި ހުރި ފޮޓޯ ފްރޭމް ނެގިއެވެ. ކެމީލާ ފެނުމާއިއެކު ނަތާލީ އޭނަ ހުއްޓުވައިފިއެވެ.

"ވަޓް އިޒް ދެޓް....." ނަތާލީ އެ ފޮޓޯ ފްރޭމް ފެނުމާއިއެކު ޖަހައިގަނެފައި ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ކިޔާލައިފިއެވެ. އެ ތަސްވީރަށް ބަލައިލުމާއިއެކު އޭނަގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އެއާއިއެކު އަތުކޮޅަށް ފްރޭމް ހޫރުވާލުމާއިއެކު ބާރު އަޑުފަށްގަނޑަކާއިއެކު އެ ފްރޭމް ތެޅުނެވެ. މާކަސްވެސް ކޮޅަށް ތެދުވެއްޖެއެވެ.

"ވަޓްސް ހެޕެނިން ކެމް ސިސް...."މާކަސް ބުމައަށް ހަދައިލިގޮތުން އޭނަގެ ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ.

"މާކް ކަމް ލެޓްސް ލީވް. ކެމީލާ ނިއާލް ކައިރީ ބުނޭ މި އަންހެންމީހާ މިތަނުން ނެރޭށޭ..ޝިޒް އިންސޭން...." ނަތާލީ މާކަސްގެ އަތުގައި ހިފާ ދެމިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް މާކަސް ނެރެން އުޅުނެވެ. އެމަންޒަރުތައް ފެނުމުންވެސް ކެމީލާގެ ހިތަށް ނުބައި އަސަރެއްކޮށް މޫނަށް އަނދިރިވާން އުޅުނެވެ. މޭގައި ރިއްސާލިއެވެ. ހިތް އެހާ ނުބައިކޮށް ތެޅިގަންނަނީ ހަމައެއް ލަމައެއް ނެތިއެވެ. މާ ސްޓްރެސްވަނީ ބާވައެވެ. ނޫނީ ބޭސްކާތީ އޭނަގެ ހިތުގައި މައްސަލައެއް ޖެހުނީހެއްޔެވެ. ވާނުވާ ނޭގި އިރުކޮޅަކު ހުރުމަށްފަހު ކެމީލާ ހަމަޔަކަށް އެޅުނެވެ. އޭރު ސޯފިއާ ކަރުނުން ފުރިފައިވާ ދެލޮލުން މާކަސްއަށް ބަލަމުން ދިޔައީ އަސަރާއެކުގައެވެ. ދަރިފުޅަށް އޭނަ ވަކިނުކުރެވުނީމަ އެހިތަށް ހާދަ އަސަރެއްކޮށްފިއެވެ. އޭނަ އުރާލައިގެން ގެންގުޅުނު ކުޑަ ފިރިހެންކުއްޖާ އޭނައަށްވުރެ އެތައް ތަނެއް އިސްކޮޅުން ދިގުވެ ބިޔަކަމުން އޭނަ މަންމަ ކައިރީ ފެންނަނީ ހައިބަތުހުރި ގޮތަކަށެވެ. މަންމަ ކުޑަވެއްޖެއެވެ. މަންމަ ނުވެސް އެނގުނެވެ. ހިތަށް ކުރި އަސަރުން ހަގީގަތް ކިޔައިދޭނެ ހިތްވަރު ނުލިބިފައި ހުރެފައިވެސް ގޮސް ހިފައިލެވުނީ މާކަސްގެ އަތުގެ މުލައްދަނޑީގައެވެ.

ތެޅިފައިވާ ބިއްލޫރިތަކުގެ ތެރެއިން ނެގި ތަސްވީރު މާކަސް އަތުގައި ލެއްވިއެވެ.

"މާކް.....ބުނެފީމެއްނު އަންނާށޭ. ތީ ކޮންކަމެއް. މޮޔައަކު ރޯންފަށާއިރަށް އަޅާލަން ވެއްޖެއްޔާ ސަލާމަތެއް ނުވާނެ........................" ނަތާލީ ތުންފިތައިލިއެވެ.

މާކަސްއަށް ނަތާލީގެ ޖުމްލަތައް އިވުނުކަމެއް ނޭގެއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ތަސްވީރަށެވެ. އޭނަ ކުޑައިރު މަންމައާއިއެކު ނަގާފައިވާ ތަސްވީރު ފެނުމުން ލޯ ފެންކަޅިވެއްޖެއެވެ. މާކަސް ސުވާލުގެ ނަޒަރަކުން ބަލައިލިއިރު މަންމަވެސް ރޮނީއެވެ.

(ނުނިމޭ... )

comment ކޮމެންޓް