ބުރިޖު ދަތުރުތަކުގެ އަގުތައް އަދި ކަނޑައެއް ނާޅަން: ހައުސިން މިނިސްޓްރީ

ސިނަމާލެ ބުރިޖުގައި އެމްޕީއެލްގެ ބަހެއް ދުއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުމަތިން ދަތުރުކުރާ އުޅަނދުފަހަރުން ނަގަން ނިންމާފައިވާ އަގުތައްކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވެފައިވާ އަގުތަކަކީ އަސްލު އަގުތައް ނޫންކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ހުސައިން "ސަން" އަށް ވިދާޅުވީ، ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާނެ އަގުތައް ދަތުރުތައް ފެށުމުގެ ކުރިން އާންމު ކުރާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީއާއި ލޯން އެހީ އަދި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހަދާފައިވާ ބުރިޖުން ދަތުރުކުރާ ވެހިކަލް ތަކުން ނަގާނެ އަގާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/109970

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އަގުތަކަކީ އަސްލު އަގުތައް ނޫން ކަމަށް ފަޒާލް ވިދާޅުވި އިރު، އެ ލިސްޓުގައި ހުރި އަގުތައް ބޮޑުކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ސިނަމާލެ ބްރިޖުމަތިން އާންމު ދަތުރުފަތުރު ކުރެވޭނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ބުރިޖް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، ބުރިޖް ދަތުރުތަކުގެ އަގުތަކަކީ "އާންމުންނަށް ތަކުލީފަކަށް ނުވާވަރުގެ އަގުތަކެއް"ކަން ޔަގީން ކަމަށެވެ.

https://sun.mv/110052

ހުޅުލެއާއި މާލެ ގުޅާލާ ބްރިޖުގައި ދެ ކިލޯމީޓަރު ހުންނައިރު އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް އެމްޕީއެލް އިން ބަހުގެ ހިދުމަތް ދޭނެ އެވެ.

ބުރިޖު ބަލައިލަން ބޭނުންވާ މީހުންނަށް ބްރިޖު މަތީ ހިނގާލުމުގެ ފުރުސަތު އިއްޔެ ހުޅުވާލުމާއި އެކު އެތައް ހާސް ބަޔަކު ދަނީ ބްރިޖަށް އަރައި، ބުރިޖު ހުޅުވުމުގެ އުފަލުގައި ބައިވެރިވަމުންނެވެ.

comment ކޮމެންޓް