ވިލިމާލޭ 2 އަށް ބޭނުންވަނީ 86 މިލިޔަން ޑޮލަރު، ފައިސާ ހަމަޖެހޭނެ: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރައްވާފައިވާ ވިލިމާލެ 2 ނުވަތަ ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވަނީ 86 މިލިޔަން ޑޮލަރު ކަމަށާއި، އެ ފައިސާ ހަމަޖެއްސޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަންކަން ވެސް ކުރައްވާ މިނިސްޓަރު ޝައިނީ "ސަން" އަށް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާގެ ތަފާސްހިސާބުތައް ނިމި، ކެބިނެޓްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މި މަޝްރޫގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އެކީ ހައްލެއް އަންނާނެ. މިއީ ހަމަ ހުރެލާފަ ސަރުކާރުން ދެއްކި ވާހަކައެއް ނޫން. އެކަމާމެދު ޝައްކު ވެެސް އޮވެގެން ނުވާނެ، ނޭޅޭނޭ ބުނި ބުރިޖު ވެސް މިހާރު އެޅީ ނޫންތޯ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވިލިމާލެ 2 އަށް ހަރަދުކުރާނީ ސިނަމާލެ ބުރިޖަށް ހަރަދުކުރި ވަރަށްވުރެ ކުޑަ އަދަދެއް ކަަމަށެވެ. އަދި މިހާރު އެމްޓީސީސީގައި އޮތް މަހާޖައްރާފު ބޭނުންކޮށްގެން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް "މާ ރީއްޗަށް ވެސް ކުރެވޭނެ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލެ 2 މަޝްރޫއުގެ ދަށުން 1،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ އެވެ. އޭގެ ތެރެއިން 230 ހެކްޓަރު ހިއްކާނީ ވިލިމާލޭގެ ހުޅަނގަށް އޮންނަ ގުޅީ ފަޅުންނެވެ. އަދި 800 ހެކްޓަރުގެ ހިއްކުމަށް ހަމަޖެހިފައިވަނީ އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުންނެވެ.

ސަރުކާރުން ބުނެފައިވަނީ އެ ޕްރޮޖެކްޓް ނިމިގެން ދާއިރު، މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަރު ބްރިޖްތަކަކުން ގުޅާލާނެ އެވެ.

ރައީސް ޔާމީން، ވިލިމާލެ 2 މަޝްރޫއު އިއުލާނު ކުރައްވަމުން ވިދާޅުވީ އެ ޕްރޮޖެކްޓުން 300،000 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯތި ބޭނުންވާ މީހުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިހާރު އޮތީ ހުޅުވާލައިފަ އެވެ.

ވިލިމާލެ 2 އަކުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އޮތީ ދެ ޝަރުތެކެވެ. އެއީ އުމުރުން 18 އަހަރު ވުމާއި، ދިވެހި ރައްޔިތަކަށް ވުމެވެ.

ހައުސިން މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، ވިލިމާލެ 2 އަކުން ފްލެޓާއި ގޯތި ހޯދުމަށް 3،000 އަށް ވުރެ ގިނަ ފޯމު ދޫކޮށްފައި ވެއެވެ.

comment ކޮމެންޓް