ފަރެސްމާތޮޑާ އެއާޕޯޓު ނިންމާނީ އިދިކޮޅު ވެރިކަމުގައި: އިބޫ

އިބޫ ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

ގދ. ފަރެސްމާތޮޑާ އެއާޕޯޓު ނިންމާނީ އިދިކޮޅު ކޯލިޝަނުގެ ވެރިކަމުގައި ކަމަށް އިދިކޮޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި މިހާރު ގދ. އަތޮޅަށް ވަޑައިގެން އުޅުއްވާ އިބޫ ފަރެސްމާތޮޑާއަށް ވަޑައިގެން ވިދާޅުވީ ގައުމެއް ތަރައްގީވުމަށް ދަތުރުފަތުރު ނިޒާމު މުހިއްމު ކަމަށެވެ.

އިދިކޮޅު ވެރިކަމެއްގައި އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންގޮސް، ވަރަށް އަވަހަށް އެއާޕޯޓުގެ ހިދުމަތް ލިބޭނެ ގޮތް ހަދައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ފަރެސްމާތޮޑާގެ އެއާޕޯޓުއެޅުމަށް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ވަނީ ސަރުކާރަށް 61 މިލިއަން ރުފިޔާގެ ލޯނެއް ދީފައެވެ. މިހާރު ކުރިއަށްދަނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާއާއެވެ. މި މަސައްކަތަށް 2.5 މިލިއަން ޑޮލަރު ހަރަދު ކުރާނެއެވެ.

ދައުލަތަށް ލިބޭ އާމްދަނީ 18 ބިލިއަނަށް އަރައިގެން ދިޔަ އިރު، ރަނގަޅު ތައުލީމީ ނިޒާމަކާއި ސިއްހީ ނިޒާމެއް ގާއިމުކޮށްދީފައި ނުވާ ކަމަށް އިބޫ ވިދާޅުވިއެވެ. ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އާއިލާއާ އެކު އުޅެވޭނެ ގޮތް ފަހި ކޮށްދިނުން ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

comment ކޮމެންޓް