ތަފާތު ލޯތްބެއް (33)

"ހުރިހާ އެއްޗަކަށްވުރެ އަގުބޮޑީ ކެމް....އެހެންވީމަ އެކަމާ ހިތާމައެއް ނުކުރަން. އެހުރިހާ އެއްޗެއް ކަށްވަޅަށް ނުވެސް ގެންދެވޭނެ. މިދުނިޔެއަށް އަހަރެމެން އަންނަނީ ދުވަސްކޮޅަކަށް. ދާއިމީ ތަނެއްނޫން. އެހެން ކަންތައްތަކާއި ވިސްނާކަށް ވަގުތެއްނެތް. އަހަރެންނާއިއެކު އެދުނިޔެއަށް ގެންދަން އެދޭ ހަމައެކަނި ޕާސަންއަކީ ކެމް. ކެމް ހިނިތުންވާތަން ދެކެން އަހަރެން ހުރިހާ ކުރެހުމަކާއި މުދަލެއް ދޫކޮށްފާނަން........" ނާޔަލްގެ އެ ޖުމްލައިން ކެމީލާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ތަފާތު އަސަރެއްކުރުވިއެވެ. ނާޔަލް އޭނަދެކެ ލޯބިވާވަރު އަންދާޒާކޮށްލެވުނެވެ.

"އެކަމަކު އަހަންނަށް ރަގަޅީ އަހަރެމެންގެ ދެމީހުންގެ ގުޅުން މިހިސާބުގައި އޮތިއްޔާ. ލައިކް ފްރެންޑްސް. ކެމް އަހަރެންދެކެ ލޯބިނުވިޔަސް މިވަރު އެންމެ ރަގަޅު. ނޫނީ އަހަރެމެން ވަކިވާން ޖެހޭ ދުވަހަކުން ރޯން ޖެހިދާނެ......" ނާޔަލް ބުނަނީ ކިހިނެއް ވަކިވާ ވާހަކަކަމެއް ކެމީލާއަކަށް ނޭގުނެވެ.

"މިހާރު ވަކިވާކަށް ނުޖެހޭ...." ކެމީލާ ހިތުގައިވާ އެއްޗެއް ބުނެލިއެވެ.

"ތިއީ ކެމް ބޭނުންވާ ގޮތް. އެކަމަކު ބޭނުންވާގޮތެއް ނުވެ ހިގައިދާނެ. ޑޯންޓް ފޯލް އިން ލަވް ވިތް މީ. ދެޓްސް މައި ރޫލް އަހަރެން ކެމްއަށް ވާވަރަށް ލޯބި ދީފާނަން. ކެމް ލޯބިނުވިޔަސް އެކީގައި ހުރީމަ ފުދޭ. ތޭންކްސް ބޭބީ ...." ނާޔަލް ކެމީލާ ގެނެސް ގަޔާލާ ފިތައިލިއެވެ.

އެއީ ދެމީހުންގެ ގުޅުން އެހެން ފަތްތަރަކަށް ދިޔަ ދުވަސްކޮޅެކެވެ. ކެމީލާ ނާޔަލްދެކެ ރުޅިއަންނަން އުޅުނަސް ހިތުން ރުޅި ނާދެވެއެވެ. ހިތުގައިވަނީ އެހެން އިހުސާސްތަކެވެ. ނަމަވެސް ރުޅިއަންނަކަމަށް ހެދެއެވެ. ކައިޒާންއާއި ނޯޔާގެ ގުޅުން ނުދެކެން އިންސްޓަގްރާމްއަށް ނުވަންނަން ހިތާހިތުން ހުވާކުރިޔަސް ހިތަކީ އެހެން ކަހަލަ އެއްޗެކެވެ. ހަސަދަވެރިނުވާން ހިތަށް ވިސްނައިދީފައި ސިއްރުން ބެލުނެވެ. ބްރޫކްލިން ބްރިޖް މަތީ ކައިޒާންއާއި ނޯޔާ މޫނު ޖައްސާލައިގެން ނަގާފައި ހުރި ސެލްފީ ފެނިފައި ހިތަށް އެތައް ހާސް ކަށްޓެއް ހެރުނުހެން ހީވިއެވެ. ދެލޮލުން ދިލަ ނަގަން ފެށިއެވެ. މޭ އަނދާގޮތްވިއެވެ. ކިތަންމެ ފަހަރަކު އެދެމީހުން އުޅޭގޮތް ނުދެކޭނަމޭ ހިތަށް އަރާފައިވެސް ކެތް ނުވެގެން ބަލައިލެވެނީއެވެ. އެހެންމީހުންގެ އުފާތަކުން ހަސަދަވާ ކުއްޖެއްވެސް ނޫނެވެ. ނަމަވެސް ނޯޔާއަށްޓަކާ ކޮންމެވެސް ކަހަލަ ހަސަދައެއް ހިގައިލިއެވެ. ކައިޒާންއާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ނަމަވެސް އޭނަ އެކަން ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދާންވީއެވެ.

ހަފްތާއެއްހާ ދުވަސްފަހުން ނޯޔާ އެގެއަށް އައީ ޗޮކްލެޓްކޭކެއް ހިފައިގެންނެވެ. ބަލާލާފައިވެސް އެކޭކުގެ މީރުކަން އެނގެއެވެ. އޭނައަށް ކައިޒާން ޕްރޮޕޯސްކުރުމުން އެކަމުގެ އުފަލުގައި ކަމަށް ބުނެފައި ކެމީލާގެ ގައިގާ ބައްދައިގަތެވެ. ކެމީލާގެ މޫނަށް އެވަގުތު ވެރިވީ ކުލަވަރު ފެނި ނޯޔާއަށް މަޖާވިއެވެ. ރަތް ލޯ ލާފައި ހުރި އިފްރީތެއް ތިރިކޮށްލިނަމަވެސް ކެމީލާއަށްވާނީ އެވަރެވެ. އޭނައަށް އެހާ ބޮޑު ޝޮކެއްލިބިއްޖެއެވެ. ދެލޯ ބޮޑުކޮށްލައިގެން އެއް ދިމާލަކަށް ބަލަން ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް އޭނަ އަވަސް އަވަހަށް ފޮހެލިއެވެ. ނަމަވެސް ބޯ އެސްފިޔަތަކުގައި ތެތްކަމެއް ހުއްޓެވެ.

"ކަންމި. ފައިނަލީ ކައިގެ ހިތް މިލްކުވެއްޖެ. އަހަންނަށް އެނގޭ ކެމްވެސް ކައި ދެކެ ލޯބިވިކަން އެކަމަކު ކައި ބުނީ މިހާރު ކެމް ބޭނުމެއްނޫނޭ. މީހަކާއި އިނުމަށްފަހު ވަރިވުމަކީ ކައި ގަބޫލުކުރާކަމެއް ނޫނޭ ބުނީ. ޑިވޯސީއަކާއި ނީންނާނަމޭ........." ނޯޔާ ވާހަކަދައްކަމުން ދިޔައިރު ކެމީލާގެ ހިތުގެ ހާލަތު އެނގުނެވެ.

"އައިމް ސޯ ހެޕީ ފޯ ޔޫ ނަންނި. އެކަމަކު އައި ތޯޓް ޔޫ ހޭޓް ހިމް...." ކެމީލާ ނޯޔާ ގަޔާއި ދުރުކޮށްލާފައި ނިތްކުރީގައި ބޮސްދިނެވެ.

"ކެމް އުފަލުން ރޮނީ......ހެހެ.." ނޯޔާއަށް ވިސްނުނެވެ. އަދިވެސް ކެމިލާގެ ހިތުގައިވަނީ ކައިޒާންއެވެ. ނަމަވެސް ކައިޒާންއަށްވުރެ އޭނަ ބޭނުމީ ކެމީލާއާއި ދޮންބެ ގުޅުމެވެ. އޭނަގެ މަންމަ ކިތަންމެ ދެކޮޅުވިޔަސް ކެމީލާދެކެ ދޮންބެ ލޯބިވާއިރު ދޮންބެއަށްވެސް ލޯބިވާމީހަކާއިއެކީ އުޅުމުގެ ހައްގު ލިބެންވާނެއެވެ. އަދި ކެމީލާއަށް ނާޔަލްދެކެ ލޯބިވެވޭނެއެވެ.

"އަހަރެމެން ކުޑައިރު ވަރަށް މަޖާކޮށް އުޅުނީ. ކައިދެކެ އޭރުއްސުރެ ވަރަށް ލޯބިވޭ އެހެންނޫނަސް ކަޒިންއެއްވީމަވެސް ވާނީ އެހެން. މައްސަލައަކީ ކައި ގެ މިޒާޖު ހުންނަގޮތުން ދެމީހުން އަބަދު ފައިޓްކުރަން ޖެހޭތީ. އެކަމަކު ކުއްލިއަކަށް ކައި އެއްކޮށް ޗޭންޖުވެއްޖެ. އަބަދު ގުޅައިގެން ލޯބިވާ ވާހަކަ ބުނޭ އޫ ހީޒް ސޯ ރޮމެންޓިކް....އައި ކާންޓް ވެއިޓް ޓު މެރީ ހިމް........." ނޯޔާ ސީރިޔަސްވެފައި ވާހަކަދެއްކިއެވެ. ކައިޒާންގެ ސަބަބުން މިއޮތީ އޭނަ ބޭނުންގޮތަށް ވާހަކަދައްކައިލާނެ ފުރުސަތު ހުޅުވިފައެވެ. ކައިޒާންގެ މަންމަވެސް އޭނައާއި ކައިޒާންގެ ގުޅުމާއި ނިކަން ގަބޫލެވެ. މިހާރުއްސުރެ އުޅެނީ ކައިވެނިކުރުވަން ކައިޒާން އަށް ބާރު އަޅަމުންނެވެ. ހަގީގަތް އެނގުމުން މަންމަމެންނަށް ވާނެގޮތެއްވެސް ނޭގެއެވެ.

"ކޮބާ ދޮންބެ. މައި ލަވިން ދޮންބެ އައީމަ ކޭކު ކަނޑާލާނީ..ދޮންބެ ނެތި ސެލެބްރޭޓްކޮށްގެނެއް ނުވާނެ..." ނޯޔާ އުފަލުން މޮޔަވަނީއެވެ. ދޭތެރެއަކުން ނަށާލާފައި ލަވައެއް ކިޔައިލައެވެ. ނޯޔާގެ އުފާވެރިކަން ދެކެ ގަދަކަމުންވެސް އެއުފަލާއި ބައިވެރިވާން އޭނަ ހިތަށް ވިސްނައިދިނެވެ.

ނޯޔާ ފިޔޮއްސެއް ނަގަން ގެއަށް ވަނުމުން ކެމީލާ އިނީ ކޭކަށް ބަލަހައްޓައިގެން ރޮވިފައެވެ. ސޯފާގައި އިށީންގޮތަށް ތެދުވެލާނެ ހިތްވަރެއްވެސް ނެތެވެ. މުޅިން ހިތްވަރު ބަލިކޮށްލައިފިއެވެ. ނާޔަލް ގެއަށް ވަނުމުން ކެމީލާ ކުޑަކޮށް ހިނިތުންވެލިއެވެ. ނާޔަލް އައިސް އޭނައައި ކައިރީގައި އިށީނެވެ.

"ކޮންކަމެއް ސެލެބްރޭޓްކުރަނީ؟ އަހަރެމެންގެ އެނިވާސަރީތަ؟ " ނާޔަލް ކެމީލާގެ ކޯތާފަތުގައި ބޮސްދިނެވެ. ހިތްގައިމު ނަޒަރަކުން ބަލައިލުމުން ކެމީލާ ދެރަވިއެވެ.

"ނޫން ނޯޔާ ގެނައި ކޭކެއް. އެއީ..." ކެމީލާ އެއްޗެކެ ބުނަން އުޅެނިކޮށް ނޯޔާ ދުވަމުން އައިސް ނާޔަލްގެ ގައިގާ ހިފައިގަތެވެ.

"ދޮންބެ. ކައިޒާން ޕްރޮޕޯސްޑް ޓު މީ. އެހެންވެ ކުޑަކޮށް ސެލެބްރޭޓްކޮށްލާ ހިތުން މިއުޅެނީ......" ނޯޔާ އުފާވެފައި ހުރި ވަރު ފެނުނަސް ނާޔަލްއަށް ލިބުނީ ޝޮކެކެވެ. ކައިޒާންއާއި ދެމީހުން ދެ ދުޝްމަނުންހެން ތޮޅޭއިރު ކުއްލިއަކަށް ކައިޒާންގެ ހިތް ބަދަލުވާނެކަމަށް ގަބޫލުނުކުރެވުނީއެވެ. އަނެއްކާ ޖޯންގެ ނުލަފާކަން ނޯޔާއަށް ނޭގެނީއެވެ. ކައިޒާން އެވައްތަރަށް ނޫޅޭނެއެވެ. ނޯޔާ އޭނަގެ ފޯނުގައި ހުރި ފޮޓޯތައް ދެއްކިއެވެ.

"ދޮންބެއަށް ކަމުނުދިޔައީތަ. " ނޯޔާ ދެލޯ ބޮޑުކޮށްލިއިރު ނުހެވި ހުރީ ހަމަ ކިރިޔާއެވެ. އަމިއްލަ އަށް އެވޯޑެއް ދޭވަރަށް އެކްޓްކުރެވިއްޖެއެވެ.

"ކެމް އަހަރެމެންގެ ގުޅުމާއި އޯކޭ މިހާރު. ދޯ ކެމް...." ނޯޔާ ހަމަޖެހިލައިގެން ކިޔާލައިފިއެވެ. ދޫ ނެރެލިއެވެ. ކެމީލާ ވިސްނީ ކައިޒާން އެހާވަރުން އުޅެފައި ބަދަލުވީގޮތަކާއި މެދުގައެވެ. އަނެއްކާ ނާޔަލް އެއްޗެކޭ ބުނީހެއްޔެވެ. އެދެމީހުން ދޭތެރޭ އޮތް ގުޅުން އެނގިއްޖެއްޔާ ކައިޒާން ރުޅިއަތުވެދާނެއެވެ. ބަދަލުހިފަން ނޯޔާއާއި އިންނަންއުޅޭ ސަބަބަކީ ނާޔަލްގެ ސަބަބުން ހެއްޔެވެ. ކެމީލާ ހިންދިރުވައިލިއެވެ. ދެރަވެގެންގޮސް ކިރިޔާ ނުރޮވިއިނަސް އޭނަ ނަފުސް ހަމަޔަކަށް އެޅުވިއެވެ.

ނާޔަލް ނޯޔާއަށް މަރުހަބާ ކިޔެވެ.

ނޯޔާ ކޭކުކޮޅުން އެތިކޮޅެއް ކަނޑާލާފައި ނާޔަލްއަދި ކެމިލާގެ އަނގައިގާ ލައްވާދިނެވެ. ޗޮކްލެޓްގެ ކަޅުކުލަ ގަދަކަމާއިއެކު އޭނަގެ ދަތުގައި ހަރުލާފައި ހުރުމުން އަދި މަޖާވެގެން ސެލްފީއެއް ނެގިއެވެ. ކައިޒާންއަށް ވައިބާ ކޮށްފައި އަދި ނޯޔާ ދެއްކީ ކެމީލާއަށެވެ. ކައިޒާން ވަގުތުން ޖަވާބުވެސް ދިނެވެ. ދަތް ނޫގުޅާ ކުއްޖަކާއި ކިސްނުކުރާނެ ކަމުގައެވެ. ދެން ރުޅިވެރި އިމޯއެއް ފޮނުވާފައެވެ. ކެމީލާއަށް އުދަގޫ ވިއެވެ. ރައްޓެހިވެގެން އުޅޭއިރުވެސް އަރައިރުންވީމަ އަދި ލޯބި އިތުރުވާނީއެވެ. ނޯޔާވެސް އޭނަގެ އެންމެ ހަޑިކޮށް ހުންނަ ފޮޓޯ ފޮނުވަންވެސް ޖެހިލުމެއްނުވެއެވެ. އޭނައާއި ކައިޒާންއަށްވުރެ ނޯޔާއާއި ކައިޒާންގެ ގުޅުން މާ ކޫލްއެވެ. ނޯޔާ ކެމީލާއާއި ނާޔަލްގެ މުނުގައި ކޭކު އުނގުޅިއެވެ. ޅަކުއްޖެއްފަދައިން މަޖާ ނަގާފައި ދިޔަތަނާހެން ޖޫލް ހޭލިއެވެ. ކެމީލާ ޖޫލް ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ކޭކު ކާންދިނެވެ. އެއަށްފަހު ޖޫލް ކުޑަ ބައިސްކަލުގައި ލޯވްންގައި ދުއްވާލަން އުޅޭ ތަން ބަލަން ކެމީލާ އިނީ ފެންޑާގެ ސޯފާއެއްގައެވެ. ނާޔަލްވެސް ކޮފީއެއް ހިފައިގެން އައިސް އިށީނެވެ.

"ޖޫލްދެކެ ވަރަށް ލޯބިވަންތަ؟ " ނާޔަލް އެހިއެވެ.

"ތިހެން ބުނީ މިހާރު ޖޫލް އާއި ވަކިވާން ޖެހޭތީތަ...." ކެމީލާ ދެރަވިއެވެ. ކައިޒާންގެ ނަން ކިޔާކަށްވެސް އޭނަ ބޭނުމެއްނޫނެވެ. ކައިޒާން ނޯޔާއާއި އިނީމަ އޭނަ ކައިރިއަށް ޖޫލް ނުފޮނުވާނެތީ ނާޔަލް އެހި އެއްޗެއްކަން އޭނައަށް އެނގުނެވެ.

"ސިއްރެއް ބުނެފާނަން އެކަމަކު ދެރަނުވައްޗޭ އިނގޭ.." ނާޔަލް ކައިރީގައި އިށީނެވެ.

"ކޮންކަހަލަ ސިއްރެއް...." ކެމީލާ ނާޔަލްގެ މޫނަށް ބަލައިލިއެވެ.

"ކީޕް އިޓް ބިޓްވީން އަސް އޯކޭ......ޖޫލްއަކީ ކައިޒާންގެ އެއް ނޫން. މާކަސްއާއި ލީސާގެ ދަރިފުޅު........" ނާޔަލް ގެ ޖުމްލައިން ކެމީލާ ސިހުނީ އެތަނުގައި ބޮމެއް ގޮއްވާލިޔަސް ސިހޭނެހާ ބޮޑަށެވެ. ދެލޯ ބޮޑުވިއެވެ. ކައިޒާން އެހާ ބޮޑަށް އޮޅުވައިލަންވީ ކީއްވެއްހެޔެވެ. ނާޔަލްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

"ތީ ދޮގެއް...."

"އަހަރެން ކީއްވެ ދޮގުހަދަންވީ. މާކަސް ޖޫލް އުރާލާއިގެން އުޅޭއިރު ޝައްކެއްނުވޭތަ. މާކަސް ކައިއަށް އޮޅުވައިލީ. އޭނަގެ އެކަހަލަ ޑިސްއޯޑާއެއް ހުރީމައާއި ކައި މާކަސްއަށް ކުރި އިތުބާރުގެ އެޑްވާންޓޭޖް ނެގީ. މާކަސްއާއި ލިސާ ރައްޓެހިވެގެން އުޅެމުން ޖޫލް ލިބުނީމަ ފޯމްތައް ފުރާ ކައިގެ ދަރިއަކަށް ހަދަން މާކަސްއަށް ފަސޭހަވީވެސް އެ ޑިސްއޯޑާއާއިހެދި. އަހަންނަށް ކިޔައިދިނީ މާކަސް....." ނާޔަލް ދެން ކިޔައިދިނީ އެއްރެއަކު މާކަސްއާއި ލީސާ ބެންޗެއްގައި ގައިގޯޅިކޮށް ތިއްބާ ކައިޒާންއާއި ކެމީލާކަމުގައި ހީކުރެވިގެން ގޮސް މާކަސްގައި ޖެހި ރޭގެ ވާހަކައެވެ. މާކަސްވަނީ އޭނައާއި ލީސާ ރައްޓެހިކަމަށް އިއުތިރާފުވެފައެވެ. އޭނަގެ އާއިލާ އެހާ ހަމަޖެހޭ އާއިލާއަކަށް ނުވީމަ ޖޫލް ބޮޑުކުރާން ބޭނުންވީ ރަގަޅު އާއިލާއެއްގެ ތެރޭގައެވެ. އެހެންވެ ކައިޒާންގެ ދަރިއަކަށް ހަދާފައި ކައިޒާންއަށްވެސް އޮޅުވައިލީއެވެ. ޑީއެން ހެދިއިރުވެސް އޭނަ ކައިޒާންގެ ބަދަލުގައި ދިނީ އޭނަގެ އެއްޗިއްސެވެ. ވީއިރު ދިމާވާނެ ނޫންހެއްޔެވެ. އެއިވުނު ވާހަކަތަކުން ކެމީލާ އަނގަ ހުޅުވުނެވެ. ވީއިރު ޖޫލްއަކީ އަނެއްހެން ބަލާއިރު އޭނައާއި އެއްވެސް ކަހަލަ ގުޅުމެއް އޮތްކުއްޖަކަށް ނުވި ނޫންހެއްޔެވެ. ނަމަވެސް ޖޫލްއަށްޓަކާ ހިތުގައި ޚާއްސަ ލޯތްބެއް އުފެދިއްޖެއެވެ. ކައިޒާންއަށްޓަކާ ޖޫލްދެކެ ވެވުނު ލޯބި ދެން ފޮހެވިގެން ނުދާނީކަން ނޭގެއެވެ.

ނާޔަލްގެ އެ ވާހަކަ ގަބޫލުކުރަން ކެމީލާއަށް ފަސޭހަވިއެވެ. މާކަސްއާއި ޖޫލް ކުރިން ގުޅުން ރަގަޅުކޮށް އޮވެފައި އެއްދުވަހު މާކަސް މަންމައަށް އަނިޔާކުރީއޭ ކިޔާފައި ޖޫލް ވާހަކަދެއްކިއެވެ. ނަމަވެސް އެފަހުން ޖޫލް އަބަދު ބުނާނީ މާކަސްދެކެ ލޯބިވާ ކަމުގައެވެ. މަންމައަށް އަނިޔާ ނުކުރާކަމަށެވެ.

"އަދި އަހަރެން ވާހަކައެއް ބުނާނަން. ކައި އާއި ނޯޔާ ގުޅިގެން އުޅުނަސް އަދި ހިޔެއްނުވޭ ކައިވެންޏާއި ހަމަޔަށް ދާނެހެނެއް. ކައި އާއި ކެމް ކޮންމެވެސް ދުވަހަކުން ގުޅެން ޖެހޭނީ. އަހަންނާއިއެކު ކެމްއަކަށް ނޫޅެވޭނެ. ޑޯންޓް ފޯލް އިން ލަވް ވިތް މީ އިނގޭ. ........" ނާޔަލްގެ ޖުމްލައިން ކުއްލިއަކަށް ކެމީލާ ހިތުގައި ޖެހި ރުޅިއަންނަގޮތްވިއެވެ. ނާޔަލް މިގޮތަށް ވާހަކަ މިދައްކަނީ ކޮންކަމަކާހެއްޔެވެ.

"ހާސްނުވޭ. އަހަރެން ދުވަހަކު ނާޔަލްދެކެ ލޯތްބެއް ނުވާނަން. ދުވަހެއްގެ ކޮޅުންވެސް އެއީ ވާނެކަމެއް ނުން އައި ޕްރޮމިސް. ދީނީގޮތުން ވާޖިބަކަށްވާތީ އެކީ އުޅެނީ. ލޯބިނުވާ ކިތަންމެ ދެމަފިރިންނަށް ދަރިންލިބި މާމަ ކާފަކިޔާނެ ދަރިން ލިބޭ މަރުވަންދެންވެސް އެކީ އުޅޭ...." ކެމީލާ ކުއްލިއަކަށް ތެދުވެގެން ދާން ހިނގައިގަތެވެ. ނަމަވެސް ހިތުގައި ޖެހުނެވެ. ނާޔަލް އެހެން ބުންޏަސް ހިތުގައި ޚާއްސަކަމެއްވެއެވެ. ލޯބިކަމެއް ނޫންކަމެއް ނޭގެއެވެ. ނާޔަލް އުޅަބޮށި ފައިގާ ވިއްދާލައިގެން ދެއަތުން މޫނު ފޮރުވާލައިގެން އިނެވެ. ކެމީލާއަށް އޭނަގެ ބައްޔާއި އެއީ މިވީހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ކެންސަރެއްކަން އަންގަންވީހެއްޔެވެ. ނޫނީ ކެމީލާ އާއި ވަކިވާންވީ ހެއްޔެވެ. ކައިޒާންއާއި ނޯޔާގެ އެންގޭޖްމެންޓް ރޫޅާލާފައި އޭނަ ދުނިޔޭގައި ހުރެގެން އެދެމީހުން ކައިވެނިކުރުވާނީއެވެ.

މާކަސްއާއި ނަތާލީ ހަވާއީ ޓްރިޕް ނިންމާލާފައި އައުމަށްފަހު މާކަސް ޖޫލްއާއި ބައްދަލުކޮށްލަން އެގެއަށް އައެވެ. ކެމީލާއާއި ޖޫލް ބޯޅަކުޅެން ތިބިތަން ފެނުމުން މާކަސް ކައިރިވެލިއެވެ.

"ސިސް. އަހަންނަށް އިސްލާމިކް މެސެޖް ސިސް ފޮނުވާއިރު އަހަންނަނީ މުސްލިމެއްނޫންކަން ސިސް ހަދާނެއް ނުހުރޭތަ. އެކަމަކު ތިގޮތަށް އެޑްވައިޒްދޭއިރު އައި ވޯންޓް ޓެލް ސަމްތިން. ސިސްވެސް ހަޒްބެންޑާއިއެކު ރަގަޅު ދިރިއުޅުމެއް ހޯދަބަލަ. ކައިޒާންއަކީ ހިލޭ މީހެއް....." މާކަސް ހީލާފައި ކިޔައިލިއެވެ." ޖޫލް ދެކެލާ ހިތުން މިއައީ. ކައި ނާދޭތަ؟ "

"ހީ ޑިޑްންޓް ވިޒިޓް..." ހުރިހާ އެއްޗެއް އެނގިފައިވާތީ މިއަދު މާކަސްއާއި ޖޫލް އެއްކޮށް ފެނުމުން ތަފާތު އިހުސާސެއްކުރެވުނެވެ. މާކަސް ޖޫލް އުފުލައިލިގޮތާއި ވާހަކަދެއްކިލެއް ގާތްކަމުން ނާޔަލްގެ ވާހަކަ ޔަގީންވިއެވެ. ނާޔަލް މިހަލަ ކަމަކާއި ދޮގުހެދުމުގެ މާނައެއްވެސް ނެތްތާއެވެ. މާކަސް އެގެއިން ދާންވެގެން ގޮސް ހިނގާފައިގޮސް ނިވާވެލިތަނާ ސޯފިއާ ގޭތެރެއިން ނުކުމެގެން އައެވެ. ކެމީލާ ވާހަކަދައްކަން ހުރީ ކާކާއިތޯ ސުވާލުކުރުމުން ކެމީލާ ބުނީ ކައިޒާންގެ ބޮޑީގާޑާއި ކަމަށެވެ. ޖޫލްގެ ހާލު ބަލައިލަން އައީކަމުގައިވެސް ބުނެލިއެވެ.

"އޭނަގެ ނަމަކީވެސް މާކް....."

"ވަޓް؟ " ސޯފިއާގެ މޫނުގެ ކުލަ ބަދަލުވިއެވެ. މޭގައި އަތް ޖައްސައިލެވިއްޖެއެވެ.

"ސޯފީ އެހާ ހާސްވީ ކޮންކަމަކާ. ސޯފީ ބުނީމެއްނު މާކް ވަނީ ގެއްލިފައޭ އަނެއްކާ މިއީ އެ މާކްތަ؟ " ކެމީލާ ސޯފިއާ އާއިމެދު ހަމްދަރުދީވިއެވެ. ކިތަންމެ ގިނަ މާކްއެއް މި އެމެރިކާގައި ދިރިއުޅޭނެއެވެ. ސޯފިއާ ބުނާގޮތުން އޭނައަކީ ޓެކްސަސްމީހެކެވެ. ސޭން އެންޓޯނިއޯގެ ރަށްވެއްސެކެވެ. ވީއިރު މިއީ އަދި އެ މާކްއަށް ވެއްޖެއްޔާ ގުދުރަތުގެ ކޮންމެފަދަ ވަރުގަދަ ސަމާސާއެއް ހެއްޔެވެ. ސޯފިއާ އެދުނީ މާކަސްއަށް ގުޅައިދިނުމަށެވެ. ނަމަވެސް މާކަސް ފޯނު ނުނެގުމުން ކުރާނެ ކަމެއް ނެތި އެވާހަކަ ބުނެލައިފިއެވެ. ސޯފިއާބުނީ އޭނަގެ ދަރިފުޅު މަރުވިކަން އެނގިފައި ނުވާކަމަށާއި އެކުއްޖާ ހަމަ ކުއްލިއަކަށް ގެއިން ދިޔައީ ކަމުގައެވެ. ސޯފިއާ މާކަސްދެކޭ ހިތުން ލޯ ބޭގަރާރުވިއެވެ. ކެމީލާ ބުނީ މާކަސް ދިރިއުޅޭ ގެއަށް ގެންގޮސްދޭނެ ކަމުގައެވެ. ފަހުން އެނގުނީ މާކަސް ދިރިއުޅެނީ ނަތާލީއާއިއެކު ވަކި އެޕާޓްމެންޓެއްގައި ކަމެވެ. އެދެމީހުން ރާއްޖެއަށް ފުރައިގެންގޮސްފައިވާ ކަން އެގުނީ ރާއްޖޭގެ ރިޒޯޓްތަކުގެ ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތައް ލާންފެށުމުންނެވެ.

މޫސުމް ގޯސްވެ "ހެއިލްސްޓޯމް" އެއްގެ އިންޒާރު ދީފައިވާތީ ނާޔަލްވަނީ ކެމީލާ ކައިރީ ތޫފާނެއް އަންނަ ވާހަކަ ބުނެފައެވެ. ކެމީލާ އުލާއަށް ގުޅާފައި ބޭރަށް ނުނިކުމެ ގޭގައި ތިބެން އިރުޝާދު ދިނެވެ. ހެއިލްސްޓޯމްއަކީ ކޯންޗެއްކަމެއް ކެމީލާއަކަށް ނެގުނެވެ. އެލަފުޒު އަޑުއެހީ އަލަށެވެ. ޓޯނޭޑޯއާއި ހަރިކޭން ބްލިޒާޑް ފަދަ ތޫފާންތައް އެމެރިކާއަށް އަރާކަމާއި ބޮޑެތި ގެއްލުންތަކެއް ލިބޭކަން އެނގެއެވެ. ނަމަވެސް ހެއިލްސްޓޯމްއާއި ބެހޭގޮތުން އަޑު ނާހާތީ ހީކުރީ އެ ތޫފާންގައިވެސް ބާރަށް ވައިޖެހެނީކަމުގައެވެ. ގެއިން ބޭރަށް ނުނިކުންނަން އެންގީ އެހެންވެ ކަމުގައެވެ. ތަންޑާ ސްޓޯމް ދެކެ ބިރުގަންނަ ބޮޑެތިމީހުންވެސް އުޅެއެވެ. އަސްޓްރަފޯބިއާއަކީ ގުގުރިއާއި ވިދުވަރަށް އިންތިހާއަށް ބިރުގަތުމެވެ. ހެއިލްސްޓޯމް އާއްމުކޮށް އަންނަނީ ބަހާރު މޫސުމް އަދި ހޫނު މޫސުމްގައި ކަމަށްވާތީ އެ ދުވަސްކޮޅު ބޭސްކެއުމަށް ނަފްސާނީ ޑޮކްޓަރުން އިރުޝާދުދެއެވެ. ކެމީލާވެސް ކުޑައިރުއްސުރެ ގުގުރިޖަހާ އަޑު އިވުމުން ބިރުގަނެއެވެ. ކަންފަތުގައި ބާލީސް އަޅާ ބާރުކޮށްގެން އޮވެއެވެ. ހެދުނު ފަތިހާ ނޯޔާއައިސް ޖޫލް ގޮވައިގެން ދިޔައީ ކައިޒާން ބުނެގެންނެވެ. ފުރަތަމަ ފަހަރަށް ކައިޒާންއާއި ދޭތެރޭ އެ މައްސަލައިގާ ހަމްދަރުދީ އުފެދުނެވެ. އެންމެ ގާތް އެކުވެރިޔާ އޮޅުވައިލިކަން އެނގުމުން ހާދަ ދެރަވާނެއެވެ. އެހާ ލޯބިން ގެންގުޅޭ ދަރިފުޅަކީ ތިމާގެ ލޭ ނޫންކަން އެނގޭހިދު އެހިތް ހަލާކުވާނެއެވެ. ނަމަވެސް ނާޔަލްގެ ސިއްރެއް ބޭޒާރުކޮށްލާނެ ހިތްވަރެއް ނުލިބުނެވެ.

މެންދުރު ކެއުމަށްފަހު ނާޔަލްއާއި ކެމީލާ ކޮފީ މަގެއް ހިފައިގެން ގޮސް ގޭގެ ފަހަތު ފެންޑާގައި ވާ އަރާމު ސޯފާއެއްގައި ޖައްސައިލިއެވެ. ދުރުދުރަށްދާންދެން ވިނަގަނޑު އޮތީ ފެހި ދޫލައެއް ހެން ފެތުރިފައެވެ. ކައިރީގައި ވާ ޖެކޫޒީއާއި ތަންކޮޅެއް ދުރުގައި އޮތް ފަތާ ފެންގަނޑުވަނީ ފެނުން ފުރިފައެވެ. ނާޔަލް ކެމެރާ ހަރުކޮށްލީ "ތޫފާން" ރިކޯޑްކޮށްލާށެވެ. ވިލާތައް ބޯވަމުންދާއިރު ރުޅިއައިސްގެން އެނބުރެމުންދާހެން ވެސް ހީވިއެވެ. އެންމެ ރީތީ ފެނުނު ވިލާ ދުންޏެވެ. ކަޅުކުލައިގެ ވިލާތަކުގެ ތެރެއިން ފެހިކުލަ ފެންނަހެންވެސް ހީވިއެވެ. ކެމިލާ އިނީ މަންޒަރުތައް ރީތިކަމުން ގެއްލިފައެވެ. ކުއްލިއަކަށް ފެންނާންފެށީ ހުދުކުލައިގެން ކުދި ބޯޅަތައްހެން މަތިން ތިރިއަށް އަންނާން ފެށި އެއްޗެހިތަކެކެވެ. ފުރާޅުމަތިން ބާރު އަޑެއް އިވެންފެށިއެވެ. ދަގަނޑުތަކެއްގެ މައްޗަށް މާބްލްގުޅަތައް އެއްލައިލީމަ ކިޔާފަދަ އަޑެކެވެ.

"ގަން ފަޔާގެ އަޑުތަ؟ އަސްތަޣުފިރުﷲ........." ބިރުންގޮސް ކެމީލާއަށް ހިފައިގަނެވުނީ ނާޔަލްގެ ގައިގައެވެ. އޭރު އެކިގޮތްގޮތަށް ހަމަޔެއް ނެތި ހިތް ތެޅެންފަށައިފިއެވެ. މޫނަށް އަނދިރިވާފަދަ ގޮތެއްވެސް ވިއެވެ. ހަމަ އެހާ ބޮޑަށް އޭނަ ބިރުގަތީހެއްޔެވެ. މިފަހަކަށް އައިސް ބޮލަށް އެނބުރުން އަރާ މޭ ތެޅޭގޮތްވަނީ ދޭތެރެ ދުރުކުރާ ބޭސް ކާތީ ބާވައޭ ހިތަށް އެރިއެވެ.

"ރިލެކްސް ބޭބީ އިޓްސް ނޮޓް ގަންފަޔާ. ބަލާލަބަލަ ހެއިލްސްޓޯމެއް މިއީ....." ނާޔަލްއަށްވެސް ވާހަކަދައްކަން ޖެހުނީ ބާރަށެވެ. އަޑުގަދަކަމުން ދައްކާ ވާހަކަ އިވެނީ ހަމަކިރިޔާއެވެ. އޭނަ ކެމީލާ ގެނެސް އުނގުގައި ބައިންދާފައި އިޝާރާތްކޮށްލިއެވެ. ތެދެކެވެ. ވެހެމުންދަނީ ސްނޯއެއްވެސް ނޫނެވެ. ސްލީޓެއްވެސް ނޫނެވެ. ވަށްކޮށް ބިލިއާޑް ބޯޅަ ސައިޒަށްވާ ކުދި ގަނޑުފެންގަޑުތަކެވެ. ހުދުކޮށްވާ އެ ގަނޑުފެންތައް ފުރާޅު އަދި އެހެން ތަންތާ ޖެހޭއިރު އިވޭ އަޑުފަށްގަނޑު ނިކަން ގަދައެވެ. ވިނަގަނޑުމަތީ އެބޯޅަތައް ޖެހިފައި މައްޗަށް އަރާފައި އަނެއްކާވެސް އެހެން ދިމާލެއްގައި ޖެހެނީ ޕިންޕޮން ބޯޅަތަކެއް ފަދައިންނެވެ. ހެއިލްއަކީ ސްނޯ ފަދައިން ލުއި އެއްޗެއް ނޫނެވެ. ޖެކޫޒީގައިވާ ފެންގަނޑަށް އެތައް ސަތޭކަ ބޯޅަތަކެއް އެއްފަހަރާ ހަމަލާދޭއިރު ފެންގަނޑުގައި އެތައް ބާނިތަކެއް ހެދި ކެކިގެން ފެން ބުރުއްސައިގެން ދާތަން ފެނެއެވެ. ބައެއް ދިމާލުން ދުން އަރާފަދަގޮތެއްވެސް ވެއެވެ. އެތައް ބޯޅަތަކެއް ވިނަގަނޑުމަތީގަޔާއި މާބްލް ޖަހާފައިވާ ތަޅުންމަތީގައި ފުންމާއިރު ހީވަނީ އެހެންކަމެއްހެންނެވެ. އިސްޕިރީނެއްހެން އަރައިގެންދަނީ އަންނަ ބާރުމިނުގެ ސަބަބުންނެވެ. މަޑުޖެހިލަނީ އެހެން ދިމާލެއްގައެވެ. ކެމީލާ އިނީ މި އަޖައިބު ވާފަދަ މަންޒަރުތައް ދެކެ ހަމަ ހައިރާންވެފައެވެ. އެހާ ރީއްޗެވެ. ގުދުރަތީ ތޫފާންތައްވެސް ހަމަ މޮޔަވާހާ ފުރިހަމައެވެ. ސްނޯފަދައިން ކެމިލާއަށް ހެއިލްސްޓޯމްވެސް ބަލައިލެވިއްޖެއެވެ. އެވެސް ނާޔަލްއާއިއެކުގައެވެ. ނާޔަލް ގެ އަތް ރައްކާތެރިކަން ދޭފަދަ ގޮތަކަށް އޭނަ ވަށާލާފައިވީއިރުވެސް ލިބުނު ފޯރިއާއިއެކު ހިތް އަވަސްވެފައިވިއެވެ. ކެމީލާ ނާޔަލްގެ މެއަށް ލެނގިލައިގެން ހަމަޖެހިލިއެވެ.

ދެމީހުން އެކީ އެ ރީތި މަންޒަރު ބެލިއެވެ. ގިނަވެގެން ވީ ފަނަރަވަރަކަށް މިނިޓެވެ. ހެއިލްސްޓޯމް އައިހާ އަވަހަށް އެދިޔައީއެވެ. ނަސީބަކުން އެގެއަކަށް އެހާ ގެއްލުމެއް ނުލިބެއެވެ. ތަޅުންމަތީގަޔާއި ވިނަތައްމަތީ އެ ގަނޑުފެން ބޯޅަތައް އުކިފައިވާއިރު ހިތްގައިމެވެ. އެ ވިލާތައް ކެހުމާއިއެކު އިރުގެ ރަންދޯދިތައް އެޅުމުން ގަނޑުފެންތައް ވިދަންފެށީ ހުދު ޖަވާހިރުފަދައިންނެވެ.

"ބިއުޓިފުލް...." ކެމިލާއަށް ބުނެވުނެވެ.

"އެންޑް ޑެންޖަރަސް. އޭގެ ބޮޑު ބޯޅައަކުން ޖެހި ހެޑް އިންޖަރީއެއްވެފަ މަރުވެސް ވެދާނެ. ކުރީ ޒަމާނުގައި ތޫފާން އަންނަން އުޅޭކަމުގެ ވޯނިންއެއް ނުލިބޭނެ ދޯ. އޭރު މަދުން ނަމަވެސް މީހުން މަރުވޭ. މިހާރު ދެން ވެދާ ފޯކާސްޓް ބަލައިލީމަ އެންމެނަށް ރައްކާތެރިވާން އެނގޭ. ބަޓް މީގެ ބޮޑެތި ސައިޒްގެ ގަނޑުފެންތަކުން ވެހިކަލްތަކުގައި ޑެންޓްތައް ހެދި ފުރާޅު ހަލާކުވެ އަދި ދޮރުތަކާއި ގަސްތައްވެސް ހަލާކުވޭ. މީހުންނަށް އަނިޔާވެސް ވޭ. އަދި ފާމްތަކަށް އެންމެ ނުބައި އަސަރުތައް ކުރާނީ......." ނާޔަލް ކިޔައިދިނެވެ.

"ހިނގާ ހެއިލްސްޓޯން އިން ބޯޅަކުޅެން. ކުޑައިރު މަތިން ހަދާންވީ............" ނާޔަލް ކެމިލާގެ އަތުގައި ހިފައިގެން ނުކުތެވެ. ކެމީލާވެސް ބިންމަތިން އެކި ސިފަތަކަށް ހުރި ގަނޑުފެންތައް ނަގާ ނާޔަލްއާއި ދިމާލަށް އެއްލަންފެށިއެވެ. އަތްތިލަވެސް ހެއިލް ހާ ފިނިވިއެވެ. މާ ގިނައިރެއް ނުވެ ގަނޑުފެންތައް ވިރާ ފެންގަނޑުތައް ހެދެންފެށިއެވެ. ނާޔަލްއާއި ކެމީލާ އެކަކު އަނެކަކަށް ފަހާ ދުވަން ހަދައިގެން ކައްސާލާގޮތްވެސް ވިއެވެ. ސަކަރާތްޖަހަމުންގޮސް އެންމެފަހުން ނާޔަލް ކެމީލާ އުފުލާލައިގެން ގޮސް ޖެކޫޒީއަށް ވައްޓާލުމުން ކެމީލާއަށް ހަޅޭއްލަވައިގަނެވުނެވެ. ގަނޑުފެންތަކުގެ ސަބަބުން ފިނިވެފައިވާ ފެނުގައި ހަށިގަނޑު ޖެހުމުން ފިނިވެ ރޫރޫއަޅާގޮތްވިއެވެ. ނަމަވެސް ހީފިލުވަދޭން ނާޔަލް ހުއްޓެވެ.

ރިވާ ނާޔަލްއާއިއެކު ދުއްވާލަން ގޮސް މަޑުކޮށްލީ ބްރޫކްލީން ބްރިޖްގައެވެ. ރިވާ ބާރުއަޅަނީ ނާޔަލް އިތުރު ފަރުވާ ފެއްޓުމަށެވެ. ނޫނީ ވަރަށް އަވަހަށް ހާލުދަށަށް ގޮސްދާނެކަމުގައެވެ. ރިވާއުމެންގެ ރިސާޗް ހަދާ ހޮސްޕިޓަލެއްހުރެއެވެ. އެތަނުން މިފަދަ ކެންސަރަށް ފަރުވާއެއް ހޯދަން ކެނޑިނޭޅި މަސައްކަތްކުރެއެވެ. ނާޔަލްއަށް މި ކެންސަރު ޖެހުމުން ރިވާ ބާރު އަޅައިގެން ސައިންޓިސްޓުންވަނީ ފަރުވާއެއް ހޯދަން ސައުވީސްގަޑިއިރު މަސައްކަތްފަށާފައެވެ. އާ ފަރުވާއެއް ޓެސްޓްކޮށް މާކެޓަށް ނުކުންނާން ދުވަސްނެގިޔަސް ނާޔަލްއަށް ޓެސްޓްވެސް ކުރެވިދާނެއެވެ. އެނޫން ގޮތެއް ނުވެސް ނެތް ނޫންހެއްޔެވެ. ރިވާގެ ދުޢާއަކީ ނާޔަލްއަށް އެތަނުން ކުރާ ފަރުވާއިން ރަގަޅުވުމެވެ.

ކުއްލިއަކަށް އެދެމީހުންނަށް ހައިރާންކަން ލިބުނީ އަތު ގުޅުވާލައިގެން އައި ކައިޒާންއާއި ނޯޔާ ފެނިފައެވެ. ނޯޔާ ހުއްޓާނުލާ އަނގަތަޅާއިރު ކައިޒާން ހުރީ ފޯނަށް ގެއްލިފައެވެ. އިންސްޓަގްރާމްގައި ފޮނި ކަނޑާ ލޯބިން މޮޔަވާކަމަށް ހެދުނަސް ހަގީގީ ސޫރަ މިފެނުނިއެވެ. ކައިޒާން ކުޅެނީ ގޭމެއްކަން ވިސްނި ނާޔަލްއަށް އުދަގޫވިއެވެ. އެމީހުންނާއި އަރާ ހަމަވުމުން ރިވާ ކައިޒާންއާއި ވާހަކަދެއްކިއެވެ. ނޯޔާ ހުރީ އުފާވެފައެވެ. ކައިޒާންގެ އަތުން ދޫކޮށްލާކަށްވެސް ނޫޅުނެވެ. އެމަންޒަރު ފެނި އުދަގޫވެގެން އެންމެފަހުން ނާޔަލް ކައިޒާންއާއި ވާހަކަދައްކަން ބޭނުންކަމަށް ބުނެ ތަންކޮޅެއް ދުރަށް ދިޔައެވެ.

"ކައި. ނޯޔާގެ ހާޓް ބްރޭކް ކުރާންތަ ތިއުޅެނީ؟ އަހަންނަށް އެނގޭ ލޯބިން ނޫންކަން ތިއުޅެނީ؟ ޑޯންޓް ޕްލޭ ވިތް ހާ ފީލިންގްސް. ކައިޒާން ލޯބިވަނީ އެހެން މީހެއްދެކެ. އިތުރަށް ނޯޔާއަށް އޮޅުވާނުލާ ހަގީގަތް ކިޔައިދީ......" ނާޔަލް ބުމަ ގޮށްޖަހައިލިއެވެ.

"ކެމީލާދެކެ....އަހަރެން ނުވޭ ލޯތްބެއް. ނާޔަލްއާއި ކައިވެނިކުރިފަހުން ފޫހިވީ. އެކަހަލަ އަންހެނެއްދެކެ މަށަކަށް ލޯތްބެއް ނުވެވޭނެ........"

"އަހަރެން މޮޔަ ހައްދަން ނޫޅޭ ކައިޒާން. ޝީޒް ޔޯސް. ކެމީލާގެ ހިތަކީ ކައިޒާންގެ ހައްގެއް. އަހަންނަށް ހެދުނު ގޯހެއް އެއީ. އެކަމާ ރިގްރެޓްކުރަން ފޮގިވް މީ އެންޑް ކެމީލާއާއި މެރީކުރޭ....." ނާޔަލް ބުނެލިއެވެ.

"ހަހަ. ނާޔަލް ޓްރަސްޓްމީ. އަހަރެން ކެމީލާގެ މަތިން ހަދާން ނައްތާލައިފިން. ނާޔަލް ދޫކޮށްލިޔަސް އަހަންނަށް ބޭބެއެއްގެ އަންބަކާއި ކައިވެންޏެއް ނުކުރެވޭނެ. ދުނިޔެވެސް މަލާމާތްކުރާނެ ދޯ. މާޒީގައި ހިފަހައްޓައިގެން ދިރިއުޅުމާއިގެން ކުރިއަށް ނުދެވޭނެ. އަހަރެންވަނީ އިންނާނެކަމަށް ނޯޔާއަށް ޕްރޮމިސްކޮށްފައި. އައި ވިލް މެރީ ހާ....." ކައިޒާން ހިތުގެ މަތީ ހިލަ އަޅައިގެން ހުރެ ވާހަކަދެއްކިއެވެ. ކެމިލާއަށްޓަކާ ހިތް ރޮއެވެ. ނާޔަލްއަށްޓަކާ އެހާ ހިތާމަކުރެއެވެ. ނާޔަލްއަކީ ދުވަސްކޮޅެއްގެ މެހުމާނެއްކަން އެނގުނުފަހުން ކައިޒާންގެ ދުޢާއަކީ ނާޔަލްއަށް އުފާވެރި ދިރިއުޅުމެއް ކެމީލާއާއިއެކު ދެއްވުމެވެ. އޭނަ ލޯބިވެސް ގުރުބާން ކުރީ ނާޔަލްއަށްޓަކައެވެ.

ނާޔަލް ހުރީ ކިޔާނެ އެއްޗެއް ނޭގިފައެވެ. އޭނަގެ ސަބަބުން ކެމީލާގެ ހަޔާތް ބަރުބާދުވަނީއެވެ. ނަމަވެސް ކައިޒާން އެހާ ސާބިތުކަމާއިއެކު ދެއްކި ވާހަކަތަކުން އިތުރަށް އެއްޗެކޭ ނުބުނެވުނެވެ. އަނެއްކޮޅުން ލޯބިވާ ކޮއްކޮއެވެ. ނޯޔާ ކައިޒާންއާއިހެދި އެހާ އުޅެންޏާ އޭނައަށް އެކަންވެސް ހުއްޓުވޭކަށް ނެތެވެ. ފަހަރެއްގައި އޭނަ ދުނިޔެ ދޫކޮށް ދިޔުމުން ކައިޒާން ދެ އަންބަށްވެސް ކެމީލާއާއި ކައިވެނިކޮށްފާނެ ނޫންހެއްޔެވެ. އިރާދަކުރެއްވިއްޔާ ކެމީލާއަށް ދެރަގޮތެއް ނުވާނެއެވެ. ވަކީލުކުރުމަކީވެސް އޮތްކަމެކެވެ. ނަމަވެސް ހިތް ބުނަނީ ކައިޒާންއާއި ނޯޔާ ކުޅިގަނޑެއް ކުޅެނީކަމުގައެވެ. އެކަން އޭނަ ޔަގީންކުރާނެއެވެ.

ކެމީލާ މާމައާއި ބައްދަލުކޮށްލަން އެގެއަށް ގޮސްލާފައި ނުކުތީ އެހިސާބުގައި ހިނގާލަންވެގެންނެވެ. ބަހާރުމޫސުމްގެ ހިތްގައިމުކަމުން އުފާ ލިބިގަންނަމުން ތަންކޮޅަކަށް ހިނގައިލިތަނާ ފަހަތުން މީހަކު އަންނަހެން ހީވެގެން އެނބުރިލައިފިއެވެ. ފަހަތުގައި ހިޔަނިހެން ޖައްސާލާފައި ހުރި ކައިޒާން ފެނުމުން ކެމީލާ ސިހޭގޮތްވިއެވެ. މުޅި ހަށިގަނޑަށް ފިނިވިއެވެ.

"މޯނިން ލަވް...." ކައިޒާން ހިނިތުންވެލާފައި އަތުގައި ހިފާލަން އުޅުމުން ކެމީލާ ހާސްކަމާއިކު ފަހަތަށް ތިންފިޔަވަޅެއް އެޅިތަނުން ގަހެއްގައި ބުރަކަށިޖެހުނެވެ. ކައިޒާން ގަހުގެ ގޮފިގަނޑެއްގައި އަތް އަޅުވައިލަމުން ހީލިގޮތުން ކެމީލާ ކަންބޮޑުވިއެވެ. ނޯޔާއާއި ރައްޓެހިވީފަހުން ކައިޒާންގެ މިޒާޖަށް ހާދަ ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރިން މިވައްތަރަށް ދިމާކުރާގޮތެއް ކައިޒާންގެ ނުހުރެއެވެ.

"އަހަރެން ނޯ އާއި މެރީކުރަން އުޅޭކަން އެނގޭ ދޯ. ސަމާ ހޮލިޑޭއަށް ޕްލޭންކޮށްފައި މިއޮތީ. އެންމެ ހެއްވައީ ނާޔަލް އަހަރެން ކައިރީ އަދި ބުނެފި ކެމީލާއާއި އަލުން ގުޅޭށޭ ވަރިކޮށްދޭނަމޭ. ނާޔަލްއަށް އެވަރު ނޭގުނީތީ ހިތާމަކުރަން. އަހަރެން މިއުޅެނީ ބޭބެއަކު މެރީކުރިކުއްޖަކާއި އިންނަން ހެއްޔޭވެސް އެހިން. އިމްޕޮސިބަލް ދޯ. އަހަރެން މިހާރު ވީ ލޯބި ހިތުން ފޮހެލައިފިން. ޑޯންޓް ވެއިޓް ފޯ މީ........" ކައިޒާން ހުރިހާ ވާހަކަތަކެއް ދައްކާ ނިމުމަށްފަހު ނުލަފާގޮތަކަށް ހީލައިފިއެވެ.

"އެކަމަކު އެހާ ބޭނުމިއްޔާ އަހަރެމެންނަށް ސިއްރުން އެފެއާ އެއް ހިންގިދާނެ. ނާޔަލް ޑިއުޓީއަށް ދިޔައީމަ އަހަރެން ކައިރިއަށް އާދޭ. ބޭނުންތަ؟ " ކައިޒާންގެ އެ ޖުމްލައާއިއެކު އޭނަގެ މޫނުމައްޗަށް ދިލަ އެތިފަހަރެއް އެރިއެވެ. ކެމީލާގެ ދެލޯ އޭރު ކަރުނުން ފުރިފައިވިޔަސް ރުޅިވެރިކަމުގެ އާވި އަރައަރާ ހުއްޓެވެ. ކައިޒާން އޭނަ ހީކުރިވަރަށްވުރެ މާ ގޯހެވެ. މާ ނުބަޔެވެ. ހާދަ ބަދަލުވެއްޖެއެވެ. ކައިޒާންދެކެ ލޯބިވިޔަސް ފޫހިވާގޮތްވިއެވެ. މޫނުމަތީ އެގޮތަށް ޖެހުމުން ކައިޒާންއަށްވެސް ޝޮކެއް ލިބުނެވެ. އެތެރެ އެތެރެއިން ރުއިކަމުގައިވިޔަސް ކައިޒާން އެކްޓްކުރަމުން ދިޔައެވެ. ހޭންފެށިއެވެ.

"ރުޅިއަޔަސް ދެމީހުންނަށް އެނޫންގޮތަކަށް ނުއެއް ގުޅެވޭނެ. ކެމީލާ އެހާ ލޯބިވަންޏާ އަހަންނަށް އެކަން ކޮށްދެވޭނީ......." ކައިޒާން ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ. އޭނަ ދުރަށް ބަލަންފެށިއެވެ.

"އައި ހޭޓް ޔޫ. ޑޯންޓް ކޯލް މީ އޯ ޝޯ މީ ޔޯ ފޭސް އެގެއިން. ގުޑްބައި......." ކެމީލާ ދެވަނަފަހަރަށް ކައިޒާންގެ މޫނަށް ބަލައިލުމެއްނެތި ދުއްވައިގަތެވެ. އޭނަ ބޭނުންވީ ދުރަށް ދުރަށް ދުވަމުންގޮސް މި ނިމުމެއްނެތް ގަސްތަކު ސިލްސިލާތަކުގެ ތެރެއަށް ގޮސް ގެއްލުމަށެވެ. އެހެން މީހުންގެ ލޯތަކަށް އަބަދަށްޓަކާ ގެއްލިގެން ދިޔުމަށެވެ. ގެއަށް ވަދެ ދޮރު ލައްޕައިލިގޮތަށް ފުން ނޭވާތަކެއް ލާންފެށިއެވެ. ދެމޯ މަރައިލުމުން އެސްފިޔަތަކުގެ ބޯ ފާރު ފޫ އަޅުވާފައި ކަރުނަތައް ތިރިއަށް ދެމިގަތެވެ. ނޫނެކެވެ. އޭނަ އެ ބެވަފާތެރިޔާއަށްޓަކައި ކަރުނަ އޮއްސައިގެން ނުވާނެއެވެ. ހިތްވަރުކުރަންވާނެއެވެ. އޭނަ ގަދަކަމުންވެސް ދެން ލޯބިވާނީ އޭނަގެ ފިރިމީހާދެކެއެވެ. މިހާރުވެސް އޭނަ ނާޔަލްއާއިއެކު އުޅެނީ އެކުވެރިއެއްފަދައިންނެވެ.

ބަހާރު މޫސުމްގެ ރީތި ކުލަތަކުން ނިއުޔޯކްގެ ޕާކުތައް ފަޅުފިލުވާލައިފިއެވެ. މާތަކުގެ ވާދަވެރިކަން އުފެދިފައިވިއެވެ. ތަފާތު ވައްތަރުގެ ޗެރީގަސް މެގްނޯލިއާ ކްރެބްއެޕްލް ކެލެރީޕެއާ ރެޑްބަޑް އަދި ރެޑްމޭޕްލް ފަދަ ގަސްތަކުގެ ރީތިކަމުން އާޝޯޚުވާވާހާ ފުރިހަމައެވެ. ކެމީލާއާއި ސޯފިއާވެސް ގޭގެ ބަގީޗާގައި ގަސްތައް އިންދުމަށް ފޯރިއާއިއެކު މަސައްކަތްކުރިއެވެ. ގަސްތައް އިންދާހިތުން މޮޔަވާ ކުއްޖެއްކަމުން އެފަދަ ފުރުސަތެއް ލިބުމުން ކެމީލާ ބަގީޗާ އެތައް ގުނަ ރީތިކޮށްލައިފިއެވެ. ފޮތްތަކުން ބަލައިގެން ގަސްތައް ހައްދާ އިންދާނެ ގޮތްތައް ދަސްކުރިއެވެ. އަޅާލާން ދަސްކުރިއެވެ. މާތައް ފަރިވެ ފޮޅެންފެށުމުން ކެމީލާއަށް އެހާ އުފާވެރިކަން ލިބުނީ ކުރި މަސައްކަތުގެ ފޮނިމީރުކަން ހާސިލްކުރެވުމުންނެވެ. ޕޮޓްތަކުގައި ވާ ގަސްތަކުގައި ތަފާތު ވައްތަރު ގެ މާތައް އަޅާ ބަރާވިއެވެ. ކައިޒާންގެ ގެ ހުންނަ ހިސާބުންފެށިގެން ނާޔަލްގެ ގެ ހުންނަ ސަރަހައްދުގައިވެސް ތަފާތު ވައްތަރުގެ ރީތި ގަސްތަކާއި މާ މެލާ މެއްޔެވެ. ޑެފޮޑިލް ސްނޯޑްރޮޕް އަޒާލިއާ ހައިޑްރެންޖިއާ ޓިއުލިޕް ލައިލެކް ލެންޓެން ރޯޒް ވިސްޓީރިއާ ބްލޫބެލް އަދި ފިނިފެންމާ ފަދަ މާތައް ފޮޅިލާއިރު ބަގީޗާތެރެ ދުނިޔެމަތީގެ ސުވަރުގެފަދައެވެ. އެހާ އަރާމެވެ. ގަހެއްގެ ދަށުގައި ނޫނީ ވިނަގަނޑު މަތީ ކުއިލްޓެއް އަޅާލައިގެން ފޮތެއް ކިޔާލަން އޮވެވުނަސް ނޫނީ ނާޔަލްއާއިއެކު "ވުޑް" ތެރޭ ހިނގާލަން ދެވުނަސް ކެމީލާގެ ހިތަށް ލިބޭ ފިނިކަމާއި އުފާވެރިކަން ބަޔާންކޮށެއް ނުދެވޭނެއެވެ. އަދި އެންމެ ރީތީ މުޅި ގޭގެ ވަށައިގެން އެކި ހިސާބުގައި ވާ އެމެރަލްޑް ކުލައަރާ ފެހި ވިނަގަނޑުގެ ސަބަބުންނެވެ.

އެދުވަސްކޮޅު ނާޔަލްއާއި ކެމީލާ ގެ ގުޅުން ރަގަޅުވެ ޕާކުތަކާއި މޯލްތަކަށްވެސް އެކީ ދާންފެށިއެވެ. ގިނަފަހަރު ޖޫލްވެސް ގޮވައިގެންނެވެ. ޖޫލް ކުޅެން ދޫކޮށްލާފައި ދެމަފިރިން ވާހަކަދައްކައިލަން ތިބޭއިރު ނާޔަލްގެ ނަޒަރު ގިނަފަހަރު ހުއްޓިފައިވަނީ ލޯބިވާ އަންހެނުންނަށެވެ. ކެމީލާއާއި ނާޔަލް އަޅާލާވަރު އެނގި ކެމީލާގެ ހިތް އުފަލުން ފުރެއެވެ. މެންހޭޓްން މޯލަށް ވަދެފައި އެސްކެލެޓާއިން އެރިއިރު ފަރުވާކުޑަވުމުގެ ސަބަބުން އަރިއަޅާނުލީ ކިރިޔާއެވެ. ނާޔަލް ހުޝިޔާރުކަމާއިއެކު ފަހަތުގައި ހުރެ ހިފެހެއްޓިއެވެ. އަބަދުވެސް ނާޔަލްއަރާނީ ކެމީލާގެ ފަހަތުގައި ހުރެއެވެ. ހެދުން ތާށިވެދާނެތީ ނާޔަލް އެކަން ހަދާންކޮށްލަދެއެވެ. އެއް ދުވަހަކު ހަމަ އެގޮތަށް ބަލާނުލާ މަގު ހުރަސްކުރަން އުޅުނުއިރު ނާޔަލް އަތުގައި ހިފެހެއްޓިއެވެ. އެފަހުން ދުވަހަކުވެސް ނާޔަލް ކެމީލާގެ އަތުން ވީއްލާނުލައެވެ. ލިފްޓަށް އަރާއިރުވެސް ނާޔަލް ކެމީލާއާއި ޖޫލްއާއިމެދުވެސް ވިސްނައެވެ. ނާޔަލް އަމިއްލަދަރިއެއްހެން ޖޫލްދެކެ ލޯބިވެއެވެ. ޖޫލްދެކެ އެވަރަށް ލޯބިވަންޏާ އަދި އަމިއްލަ ދަރިއަކުދެކެ ނާޔަލް ހާދަ ވަރެއްވާނެއެވެ. މުޅި ނިއުޔޯކް ކުޑަކޮށްލާފައި އެމީހުން އުޅޭއިރު ދެކޭ މީހުންގެ ހަސަދަވެރިކަމުގެ ނަޒަރު ހުއްޓޭފަހަރުވެސް އާދެއެވެ.

ނާޔަލް ކެމީލާއަށް ބައިސްކަލް ދުއްވަން ދަސްކޮށްދިނެވެ. ވެއްޓެން އުޅޭ ކޮންމެފަހަރަކު ނާޔަލް ހިމާޔަތްދޭން ކައިރީގައި ހުރެއެވެ. ކެމީލާއަށް ބައިސްކަލް ދުއްވަން ދަސްވުމުން ހަވީރު ބައިސްކަލް ދުއްވުން އާދަކުރިއެވެ. އެމީހުން ދާއިރު ޖޫލްވެސް ގެންދެއެވެ. ޖޫލްގެ ކުޑަ ކުޑަ ބައިސްކަލުގައެވެ.

ނާޔަލްއާއި ކެމީލާ ބަގީޗާތެރޭގައި ކުޑަ ޕިކްނިކެއް ހަދާލަންވެގެން އުޅުނުއިރު ޖޫލް ދުވެދުވެފައި އުޅެއެވެ. މާތަކުގައި ބަސްބަލަމުން ކޮކާތައް ފަހާ އުޅޭއިރު ޖޫލްވެސް ކޮކާލެއްހާ ލޯތްބެވެ. ރަތްކުލައިގެ ޓޮޕްކޮޅަކާއި ޖިންސެއްލައްވާފައި ހުރިއިރު ރަން އިސްތަށިގަނޑު ވިހުރެމުންދެއެވެ. ނާޔަލްއާއި ކެމީލާ ވިނަގަނޑުމަތީ ދެފައި ވަށްކޮށްލައިގެން އިށީދެފައި ކާންފެށިއެވެ. ކުއްލިއަކަށް ނާޔަލް ކެމިލާއަށް ބަލައިލިގޮތަށް ލޮލަށް އުދަގޫވެގެން ކަހަލަ ގޮތަކަށް އުޅެފައި ލޯ ފޮހެލިއެވެ.

"ވަޓް ހެޕެންޑް....." ކެމީލާ ކަންބޮޑުވިއެވެ.

"ޑަބަލް ވިޝަން.....އިޓްސް އޯކޭ..." ނާޔަލް އެހެން ބުނެފައި ތެދުވާން އުޅެފައި ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ކެމީލާ އަވަހަށްގޮސް ނާޔަލް ކައިރީ އިށީދެލާފައި މޫނުގައި ދެއަތުން ހިފެހެއްޓިއިރު ހިތް ތެޅިގަތީ ބިރުންގޮހެވެ. ނާޔަލްއަށް މިވީ ކިހިނެއްހެއްޔެވެ. އެހާ ގަދަޔަށް ބޮލުގައި ރިއްސައިގަތީ ކެވުނު އެއްޗަކުން ބާވައެވެ. ކާން އިނދެފައި އެހެންވުމުން ކާއެއްޗަކާއި ނުގުޅުނީހެންވެސް ހީވިއެވެ. ތަފާތު އެއްޗެއް ނުވެސް ނެތެވެ. ސޯފިއާ މިއަދު ތައްޔާރުކުރީ ފިހެފައި ހުރި މަސްތަކާއި މޭޝްޑް ޕޮޓޭޓޯ އަދި ސްޓީމްކޮށްފައި ހުރި ތަރުކާރީއާއި ބޭކަންކަހަލަ އެއްޗިއްސެވެ. އެއީ ނާޔަލްއަށް މީރުވެގެން އޭނަ ތައްޔާރުކުރަން ބުނި އެއްޗެއްސެވެ.

"އާ ޔޫ އޯކޭ....."ކެމީލާ ދެރަވިއެވެ. ނާޔަލްއަށް ކަމެއްވެދާނެތީ ފުރަތަމަފަހަރަށް ކަންބޮޑުވެއްޖެއެވެ.

"ބޮލުގައި ރިއްސަނީ. މިތާ އޮށޯވެލީމަ ރިލެކްސްވެދާނެކަން ނޭގޭ..." ނާޔަލް ވިނަގަނޑުމަތީ އޮށޯވެލިއެވެ. ފިނިވައިރޯޅިތައް ޖެހެމުން ދާތީ މާހައުލު ހިތްގައިމެވެ. މާތަކުގެ މީރުވަހާއިއެކު ނާޔަލް ޖަހާފައިހުރި ސެންޓުގެ މީރުވަހުން ސިކުނޑި ތާޒާވާހާވެއެވެ. ކެމީލާ މޮޅިވެރިވީވަރުން ދެލޯ ފެންކަޅިވެއްޖެއެވެ. ހުރިހާ އުފާވެރިކަމެއް ނެތިގެން ދިޔަފަދަ އިހުސާސެއްކުރެވުނެވެ. ކެމީލާ ނާޔަލްގެ ބޯ ނަގާ އުނގުގައި ބާއްވަމުން ބޯ މޮޑެދޭންފެށުމުން ޖޫލްވެސް ދުވަމުން އައިސް ކުޑަކަކޫމައްޗަށް ތިރިވިއެވެ. ނާޔަލް އަށް ކިހިނެއްވީހެއްޔޭ ކިޔާފައި ސުވާލުކުރަމުން އެ ކުޑަ ކުޑަ އަތްތިލައިން ނާޔަލްގެ ބޯމޮޑެދޭންފެށިއެވެ. ނާޔަލް ދެލޯ މަރާ ބާރުކޮށްލައިގެން އޮތްއިރު ވޭނެއްގައި އުޅޭކަން ކެމީލާއަށް އެނގުނެވެ. އޭނައަށް ނާޔަލްގެ ހާލު ފެނި ނުރޯން މަސައްކަތްކުރަމުން ދިޔައެވެ. ނާޔަލްއެދުނީ ތަދުކަނޑުވާ ބޭސްގުޅައެއް ގެނެސްދިނުމަށެވެ. ބޭސްކެއުމުން ލުއިވެ ތެދުވާވަރުވި ނަމަވެސް ނާޔަލްއަށް މިއީ ދެވަނަފަހަރަށް ޓިއުމާ އުފެދުނީކަން ޔަގީންވިއެވެ. ގްލިއޯބްލާސްޓޯމާގައި އެއީ ނުވުމަށްވުރެ ވުން ކައިރިކަމެކެވެ. އެހާ ފަސޭހައިން އެބަލި ރަގަޅެއްނުވާނެއެވެ. ކުރަންޖެހޭ ފަރުވާތަކަށް އެއްބަސް ނުވެވުނީއެވެ. އަލުން އެމްއާރުއައިއެއް ހަދަން ޖެހުނީއެވެ.

ޖެހިގެން އައި ދުވަހު ކެމީލާ ދޭތެރެދުރުކުރާ ބޭސްކާޑު ނެގިއެވެ. ބޭސް ކެއުމަށް މަޖުބޫރުކުރީ ނަތާލީއެވެ. ނަތާލީ އަށްވުރެ އޭނަ ބޭނުމީ ނާޔަލްގެ ހިތްހަމަޖެހުމެވެ.

"ދެނެއް މިބޭސްނުކާނަން. މިއީ ރަގަޅުކަމަކަށް ނުވާނެ. ހިތަށް ގޮތްގޮތް މިވަނީ ބޭސް ކާތީ ކަމަށް ވާނީ. ނާޔަލްގެ މަންމަ ކުރުވާކަމެއް ކުރާކަށް މަޖުބޫރެއްނޫން. ނާޔަލްވެސް ރުހޭނެކަމެއް ނޭގޭ. އެހެންނޫނަސް މިހާރު ހިތަށް އަރާ ޖޫލްއަށް ކޮއްކޮއެއް ހޯދަދޭނީއޭ. އޭރުންކަން ނޭގޭ ލައިފް ހަމަޔަކަށް އެޅޭނީ. ކައިޒާންގެ ހަނދާންތައް ހިތުން އެއްކޮށް ފިލުވައިލާފާ ނާޔަލްއާއިއެކު ދިރިއުޅުމަށްވުރެ ރަގަޅުގޮތެއް ނެތް. ނާޔަލްހާ ރަގަޅު އަހަރެންދެކެ ލޯބިވާ މީހެއް މިދުނިޔެއަކު ނެތް.........." ކެމީލާ ވިސްނަން ހުރެފައި ލޮލަށް ކަރުނަ ޖަމާވީ އޭނަ ނާޔަލްއަށް ކޮށްފައިވާ ބަދު ދުޢާތައް ހަދާންވެފައެވެ.

ކެމީލާ ހުރިހާ ބޭސްކާޑެއް ވަށިގަނޑަށް އެޅިއެވެ.

ފޯނު ރިންގުވާން ފެށުމުން ކެމީލާ ފޯނުނެގިއެވެ.

(ނުނިމޭ... )

comment ކޮމެންޓް