އޮސްލޯ (އޮގަސްޓު 30): މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީގެ ނޮބެލް ސުލްހައިގެ އިނާމު އަތުނުލާނެ ކަމަށް ނޯވޭގެ ނޮބެލް ކޮމިޓީން ބުނެފިއެވެ.
ނޮބެލް ކޮމިޓީން އެފަދައިން ބުނެފައި ވަނީ، މިދިޔަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންގާ ދަރިކޮޅުގެ ގިނަ އަދަދެއްގެ މީހުން މަރައި، އަނިޔާކޮށް، ރޭޕް ކުރި ކަމަށް އދ. އިން ތުހުމަތު ކުރި ފަހުންނެވެ.
އަދި އެގައުމުގެ ސިފައިންގެ އަނިޔާވެރި އަމަލުތައް ސޫޗީ ހުއްޓުވާފައި ނުވާ ކަމަށް ބުނެ، އޭނާއަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ފާޑުކިޔާފައި ވަނިކޮށެވެ.
ނޮބެލް ކޮމިޓީން ބުނި ގޮތުގައި ސޫޗީއަށް 1991 ވަނަ އަހަރު ސުލްހައިގެ އިނާމު ދީފައި ވަނީ، އެއަހަރާ ހަމައަށް އޭނާ ޑިމޮކްރަސީއަށާއި މިނިވަންކަމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުންނެވެ. އެހެންކަމުން އެއިނާމު ދިން ފަހުން ސޫޗީ އަމަލު ކުރި ގޮތަކުން އިނާމު އަތުނުލެވޭނެ ކަމަށެވެ.
"ފިޒިކްސް، އަދަބިއްޔާތު ނުވަތަ ސުލްހައަށް ވެސް ނޮބެލް އިނާމު ދެނީ އެއިނާމު ހައްގުވާ ފަދަ ކަމެއް މީގެ ކުރިން ކުރުމުން ކަން ހަނދާން ކުރަން ޖެހޭ. އަންގް ސަން ސޫޗީއަށް 1991 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ދިނީ، އެއަހަރާ ހަމަޔަށް އޭނާ ޑިމޮކްރަސީއަށާއި މިނިވަން ކަމަށް ކުރި މަސައްކަތަށް،" ނޯވޭގެ ނޮބެލް ކޮމިޓީން ބުންޏެވެ.
އަދި ނޮބެލް އިނާމު ދިނުމުގެ ގަވާއިދުގެ ދަށުން، އެއިނާމު ދީފައިވާ ފަރާތެއްގެ އިނާމު އަތުލުމަކީ މަނާކަމެއް ކަންވެސް އެކޮމިޓީން ފާހަގަ ކުރި އެވެ.
މިޔަންމާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންގެ މައްޗަށް ގަތުލްއާންމު ހިންގުމުގެ ދައުވާ ކުރަން ޖެހޭ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ނެރުނު ރިޕޯޓު އެގައުމުގެ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. (ރޮއިޓާސް)