ޔަންގޮން (އޮގަސްޓު 29): މިޔަންމާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންގެ މައްޗަށް ގަތުލްއާންމު ހިންގުމުގެ ދައުވާ ކުރުމަށް ގޮވާލައި އދ.އިން ނެރުނު ރިޕޯޓު އެގައުމުން ދޮގުކޮށްފި އެވެެ.
މިދިޔަ އަހަރު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އުފެއްދި އިންޓަނޭޝަނަލް ފެކްޓް-ފައިންޑިން މިޝަން (އެފްއެފްއެމް) އިން ނެރުނު ރިޕޯޓުގައި ވަނީ މިޔަންމާގެ ސިފައިންގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި ގަތުލްއާންމު ހިންގުމުގެ ތުހުމަތުކޮށްފަ އެވެ.
މިޔަންމާގެ ދައުލަތުގެ މީޑިއާއާ ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު ޒޯ ޓޭ ވިދާޅުވި ގޮތުގައި، އެގައުމަށް ވަނުމަށް އެފްއެފްއެމްއަށް ހުއްދަ ދީފައެއް ނުވެ އެވެ. އެހެންކަމުން އެމިޝަންއިން ނިންމާ ނިންމުމެއް މިޔަންމާއިން ގަބޫލެއް ނުކުރާނެ އެވެ.
"އެފްއެފްއެމްއަށް މިިޔަންމާއަށް ވަނުމުގެ ހުއްދައެއް އަހަރުމެން ނުދެން، ވީމާ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ނިންމާ ނިންމުމަކަށް އަހަރެމެން އެއްބަސްނުވާނަން އަދި ގަބޫލެއްވެސް ނުކުރާނަން،" ޒޯ ޓޭ ވިދާޅުވި އެވެ.
މީގެ އިތުރުން އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ މިޔަންމާއިން ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށާއި، އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ފަތުރާ "ދޮގު ތުހުމަތުތައް" ތަހުގީގު ކުރުމަށް އެގައުމުން ހާއްސަ ކޮމިޝަނެއް ހަދާފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މީގެ ކުރިން މިޔަންމާގެ އަސްކަރިއްޔާއިން ވަނީ މިދިޔަ އަހަރު ރާހިން ސްޓޭޓުގައި ހިނގި ހަމަނުޖެހުންތައް ތަހުގީގުކޮށް، އެގައުމުގެ އަސްކަރިއްޔާ އިން ރޮހިންގާ މުސްލިމުން މަރައި އެމީހުންގެ ގެތަކުގައި ރޯކޮށް، އަންހެނުން ރޭޕްކުރި ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރީ ފައުޖުތަކުން ރާހިން ސްޓޭޓުގައި ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ފެށި އަނިޔާވެރި އޮޕަރޭޝަނުގެ ސަބަބުން އެގައުމު ދޫކޮށް ދާން ޖެހުނު މީހުންގެ އަަދަދު ވަނީ 700،000 އަށް ވުރެ އިތުރުވެފަ އެވެ. (ރޮއިޓާސް)