މިހާރު ކުރިއަށްދާ 18 ވަނަ އޭޝިއަން ގޭމްސްގައި ފުޓުބޯޅައިން ދެކުނު ކޮރެއާ ފައިނަލަށް ދަތުރުކުރުމުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްއަށް ކުޅޭ، ސޮން ހިއުން މިން އެގައުމުގެ އަސްކަރިއްޔާގައި ހިދުމަތް ކުރަން މަޖުބޫރުވުގެ ފުރުސަތު ހަނިވެއްޖެއެވެ.
ދެކުނު ކޮރެއާގެ ގާނޫނުގައިވާ ގޮތުން ކޮންމެ ފިރިހެނަކު ވެސް 28 އަހަރު ވުމުގެ ކުރިން އެގައުމުގެ އަސްކަރިއްޔާގައި ދެ އަހަރު މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް، އޮލިމްޕިކް ރަން މެޑަލެއް ނުވަތަ އޭޝިއަން ގޭމްސްގައި ރަން މެޑަލު ހޯދާ އެތްލީޓުން އެ ހިދުމަތް އަދާ ކުރަން ނުޖެހޭނެއެވެ.
މިހާރު ސޮންއަށް 26 އަހަރު ވެފައިވާ އިރު އޭނާ އަދި އަސްކަރިއްޔާގައި އެ ދެ އަހަރު އަދާކޮށްފައި ނުވެއެވެ. އޭޝިއަން ގޭމްސްގައި ފުޓުބޯޅައިން ކޮރެއާ ޓީމަށް ރަން މެޑަލު ލިބިއްޖެ ނަމަ، ސޮން ދެކުުނު ކޮރެއާގެ އަސްކަރިއްޔާގައި ދެ އަހަރު ދުވަހު ހިދުމަތް ކުރަން ނުޖެހޭނެއެވެ.
ޓޮޓެންހަމްގައި މުހިންމު ދައުރެއް އަދާ ކުރާ ފޯވަޑު މިހާރު ދަނީ އޭޝިއަން ގޭމްސްއިން ރަން މެޑަލު ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އޭނާ ވަނީ އޭނާގެ ޓީމު ފައިނަލާ ހިސާބަށް ގެންގޮސްދީފައެވެ. އެ ޓީމު ފައިނަލަށް ދަޔައީ ސެމީ ފައިނަލުގައި ވިއެޓްނާމުގެ މައްޗަށް 3-1 ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ދެކުނު ކޮރެއާ ފައިނަލުގައި ނުކުންނާނީ ސެމީގައި 1-0ގެ ނަތީޖާއިން ޔޫއޭއީ ބަލި ކުރި ޖަޕާނާ ދެކޮޅަށެވެ. ފައިނަލު މެޗު އޮންނާާނީ އަންނަ ހޮނިހިރު ދުވަހު އެވެ.