"ފަރަހިކި ޗެލެންޖް 2018"ގެ ނަމުގައި ލ. އަތޮޅުގައި ބޮޑު ރާޅާ އެޅުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
ހެވީލޯޑް މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުނި، މޯ ހޮޓެލްސް އެންޑް ރިސޯޓްސްއިން އިންތިޒާމުކުރާ އެ މުބާރާތް ބާއްވަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަަށެވެ.
އެ މުބާރާތުގެ މައިގަނޑު ބޭސް އަކަށް ވާނީ ލ. ގަމުގައި ހުންނަ "މޯ ހޮޓެލް ލާމު"އެވެ. އެހެން ނަމަވެސް އެ މުބާރާތް ކުރިއަށް ދާނީ ލ. މާބައިދޫގެ ރާޅުގަނޑުގައެވެ.
މާބައިދޫގެ ރާޅުގަނޑަކީ ރާއްޖޭގައި ހުންނަ، އެންމެ ބިޔަ ރާޅު ޖަހާ އެއް ސާފް ސްޕޮޓެވެ. މިހާރު ވެސް އެ ތަނުގައި ރާޅާ އަޅަން އެހެން ރަށްތުން މީހުން ދެ އެވެ. އެހެން ނަމަވެސް އެތަނުގައި އަދި ބޮޑު މުބާރާތެއް ބާއްވާފައި ނުވެއެވެ.
"ފަރަހިކި ޗެލެންޖް 2018"ގައި ރާއްޖޭގެ އެންމެ ހުނަރުވެރި ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމަށް މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ވަނީ ބުނެފައެވެ. އެ މުބާރާތުގައި ޖުމްލަ 46 ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނީ "ފަރަހިކި ޗެލެންޖް 2018" އަކީ ރާއްޖޭގައި ބާއްވާ އިޖުތިމާއީ ޒިންމާގެ އެންމެ ބޮޑު އެއް އިވެންޓަށް ވެގެންދާނެ ކަމަށެވެ. އަދި އެހެން ބޮޑެތި މުބާރާތްތައް މާލެ ސަރަހައްދުގައި ބޭއްވި ނަމަވެސް ލ. އަތޮޅުގައި އެ މުބާރާތް ބާއްވަން ނިންމީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އެފަދަ ފުރުސަތުތައް ފަހި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ.
"ފަރަހިކި ޗެލެންޖް 2018"ގެ ސްޕޮންސަރުންނަކީ މޯލްޑިވިއަން، ދިރާގު، އޭޑީކޭ ޖެނެރަލް ޓްރޭޑިން، ސީ ސްޕޯޓްސް އަދި ލިކުއިޑް ޑެސްޓިނޭޝަން އެވެ.