ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހެލްތް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ހެލްތް މިނިސްޓްރީ

ވަޒީފާގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ނަރުހުންނަށް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގެ ސިއްހީ ޚިދުމަތުގެ ފެންވަރު އެއްހަމައަކަށް ގެނައުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑޮކްޓަރުންނެކޭ އެއްފަދައިން ނަރުހުން ވެސް މަސައްކަތުގެ މާހައުލުގައި ތައުލީމާއި ތަމްރީންގެ ގޮތުން ގާބިލް ބަޔަކަށް ހަދަން ޖެހޭ ކަމަށެވެ.

"އެންމެ ފަހުގެ ޒާމާނީ ވަސީލަތްތަކަށް އަހުލަވެރި ބަޔަކަށް ނަރުހުން ހެދުމަށް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގާނެގޮތާއި ގުޅޭގޮތުން މިހާރު މަޝްވަރާކޮށްފިން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަރުހުން ވަޒީފާގައި ތިބެގެން އިތުރު ތައުލީމާއި ތަމްރީން ހޯދުމުގެ ފުރުސަތު ހޯދުމާއި ގުޅޭ ގޮތުން މިނިސްޓްރީން އިން މަޝްވާރާކޮށްފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ނަރުހުންގެ އާ އޮނިގަނޑު ތަންފީޒް ކުރުމަށްޓަކައެވެ.

ހެލްތު މިނިސްޓްރީ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ނަރުހުންގެ މުސާރައިން 15 ޕަސެންޓް ބޮޑު ކުރުމުގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާއި ތައުލީމަށް ބަލައި ކޮންމެ ދެ އަހަރަކުން ޕްރޮމޯޝަން ދެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ނަރުހުންގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމުން އެދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ސްޕެޝަލައިޒްޑް ނަރުހުން ހިދުމަތަށް ތައާރަފް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް