ދެމީހަކު ގޮވާލާ އިރަށް އިސްތިއުފާދޭ ވެރިއެއް ހުރިއްޔާ ގައުމަށް ވާނީ ގެއްލުން: ޑރ. ޝަހީމް

ޑރ. ޝަހީމް ލ. މާބައިދޫގައި ވާހަކަފުޅު ދައްކަވަނީ---

ގައުމަށް ބޭނުން ވަނީ ތަޖުރިބާ ހުރި އިލްމީ ވެރިއެއް ކަމަށާއި ދެ މީހަކު އެއްވެ ގޮވާލާ އިރަށް އިސްތިއުފާ ދޭ ފަދަ ވެރިއެއް ނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ރަނިންމޭޓޫ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީމް ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާބައިދޫއަށް ވަޑައިގެން މިއަދު ވިދާޅުވީ މިހާރު ރާއްޖޭގެ މަސްރަހު އޮތް ހާލަތުގައި ވެރިކަމުގައި ހުންނަވަން ޖެހޭނީ ނުގުޑާ ފަދަ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށާއި އެ ޝަހުއްސިއްޔަތަކީ ރައީސް ޔާމީން ކަމަށެވެ.

"މިހާރު ރާއްޖެ ކަނޑައްތު ކުރަމުންދާ މަރުހަލާގައި ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް. ހަމަ ދެމީހަކު އެއްވަލާފައި ވެރިކަން ވައްޓާލަން ގޮވާލާ އިރަށް ފުންމާލައިގެން ވެރިކަމުގެ ގޮނޑި ދޫކޮށްލާފައި ދާ ފަދަ މީހަކު ވެރިކަމުގައި ހުންނަވަންޏާ އެއީ ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް." ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ އިގްތިސާދީ އަދި އުމްރާނީ ގޮތުން ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ. ނަމަވެސް މިއަދު އެ ހާލަތު އެމަނިކުފާނު ވަނީ ބަދަލު ކުރައްވާފައި ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރަކީ މިހާތަނަށް އެންމެ ގޮންޖެހުންތައް ކުރިމަތިވި ސަރުކާރު ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ. އެގޮތުން ގައިރު ގާނޫނީ ގޮތްތަކަށް ވެރިކަން ބަދަލު ކުރަން އެތައް ފަހަރެއްގެ މަތިން ބައެއް ފަރާތްތަކުން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރައީސް ޔާމީން ވަނީ، ރައްޔިތުންނަށް ތަކުލީފު ނުޖައްސަވައ،ި އަމިއްލަފުޅަށް ސިޔާސީ ހަނގުރާމައެއް ކުރައްވައި ނަސްރު ހޯއްދަވައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓުމަށް ދެވަނަ ބުރަކަށް ރައީސް ޔާމީން އިންތިހާބު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީން ދެވަނަ ބުރަކަށް އިންތިހާބުވެ، އެ މަޝްރޫއުތައް ނިމި، ގައުމަށް އިތުރަށް ތަރައްގީ އަންނަތަން ފެނުމުން ރައްޔިތުން ހިތްހަމަޖެހިގެންދާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމް ވިދާޅުވީ މާބައިދޫއަށް ވަޑައިގަތުމުން އެ ރަށުގައި ރައީސް ޔާމީންއަށް އޮތް ތާޢީދު ފެނިވަޑައިގަތް ކަމަށާއި އެހެން ކަމުން ކެމްޕެއިންކުރުމަށް އެހާ ބޮޑު މަސައްކަތެއް ކުރައްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގެ އެކި ފިކުރުގެ ރައްޔިތުންނާ ބައްދަލުކުރެވުމުން އެނގިވަޑައިގެންނެވީ މިފަހަރު އެހެން ފިކުރުތަކުގެ މީހުން ވެސް ރައީސް ޔާމީނަށް ވޯޓު ދެއްވާނެ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދަންނަވަންތޯ، އެމްޑީޕީ މީހާ ވެސް މިފަހަރު ވޯޓު ދޭނީ ރައީސް ޔާމީނަށް. އެހެންވީމާ އަޅުގަނޑުމެން އެއްގޮތަކަށް ވެސް މާޔޫސްވެ ފަހަތަށް ފިޔަވަޅު އަޅާނެ ކަމެއް ނެތް. އެންމެން ހިތްމަތާއި އަޒުމާ އެކު ކުރިއަށް ދާންވީ." ޝަހީމް ވިދާޅުވި އެވެ.

ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑރ. ޝަހީމް މިއަދު އެ އަތޮޅު ދަނބިދޫއަށާއި މުންޑޫއަށް ވެސް ޒިޔާރަތް ކުރެއްވި އެވެ.

comment ކޮމެންޓް