ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އަޅާ ނުކިޔޭނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ތ. ގުރައިދޫގައި ޕީޕީއެމްއިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިލްމީ ގޮތުންނާއި ތަޖްރިބާއާ ހިންގުންތެރިކަމާއި މުރާލިކަމާ ހިތްވަރުގެ ގޮތުން ބެލިނަމަވެސް ރައީސް ޔާމީނާއި އިބޫ އަޅާނުކިޔޭނެ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްއަކީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެއްދެވީ ރައީސް ޔާމީން ކަމަށެވެ. ކުރީގެ ރައީސް މައުމޫނަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ލިބުމަކީ ރައީސް މައުމޫނު ބޭނުންފުޅުވިގޮތް ނޫން ކަމަށެވެ.
"އެހެން ނޫންނަމަ ރައީސް ޔާމީންގެ މި ކާމިޔާބު ވެރިކަން މިހާ ބާރު ސްޕީޑާއެކު ކުރިއަށް ދަނިކޮށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީއާ ކުރިއެރުން ހޯދާދެމުން ދަނިކޮށް މި ރާއްޖޭގެ އަމާންކަން ގާއިމުކުރަމުން ދަނިކޮށް، ރައްޔިތުންގެ މެދުގައި ސުލްހަވެރިކަން އޮއްވަ ކީއްވެތޯ ރައީސް ޔާމީނާ ދެކޮޅަށް ނިކުމެވަޑައިގަންނަވަން ޖެހެނީ؟" އަދުރޭ ސުވާލު ކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމް ދޫކޮށްލައިފި ކަމަށާއި ނަމަވެސް ޕީޕީއެމުން ރައީސް މައުމޫން ދޫކޮށްނުލާ ކަމަށެވެ.