އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ބަތަލާ ސަނީ ލިއޯނީ 1.3 ޓަނުގެ ކާތަކެތި ހަދިޔާކޮށްފި އެވެ.
ސަނީ އާއި ފިރިމީހާ ޑެނިއަލް ވެބާގެ ފަރާތުން ކެރެލާގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ހަދިޔާކޮށްފައި ވަނީ 1200 ކިލޯގެ ހަނޑުލާއި މުގެވެ. ސަނީ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައި ވަނީ އެތައް ބަޔަކު ހާލުގައި ޖެހިފައި ތިބި އިރު، އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި އެއަށް ވުރެ ބޮޑަށް އެހީތެރިވާން ބޭނުން ކަމަށެވެ.
އޭނާގެ އިތުރުން ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން އަންނަނީ ކެރެލާ އަށް އެކި ގޮތްގޮތުން އެހީވަމުންނެވެ. އެގޮތުން އެކްޓަރު ޕްރަތީކް ބާބަރު އަދި ސިދާންތު ކަޕޫރު ވަނީ ކެރެލާ އަށް އެހީވުމަށް ފަންޑެއް ހުޅުވައިފަ އެވެ.
ސަނީ އާއި ޑެނިއަލް ކެރެލާއަށް އެހީވެފައި ވަނީ އެ ފަންޑު މެދުވެރިކޮށެވެ. ޕްރަތީކް ބުނީ އެ ފަންޑު މެދުވެރިކޮށް ލިބޭ އެހީ ހިފައިގެން ކެރެލާއަށް ދާނެ ކަމަށާއި، ހާލުގައި ޖެހިފައި ތިބި މީހުންނަށް އެ އެހީ ލިބޭނެކަން ޔަގީންކުރާނެ ކަމަށެވެ.
އަމީތާބް ބައްޗަން ވަނީ 5.1 މިލިޔަން ރުޕީސް (1.2 މިލިޔަން ރުފިޔާ)ގެ އިތުރުން އަންނައުނާއި ބޫޓު ފަދަ ތަކެތި ކެރެލާ ރިލީފް ފަންޑަށް ހަދިޔާކޮށްފަ އެވެ. ބަތަލާ އަނުޝްކާ ޝަރްމާ އަދި އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީ ވަނީ ބޭހާއި ކާބޯތަކެތި ހަދިޔާކޮށްފަ އެވެ.
ކެރެލާ އަށް ކުރަމުންދާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 324 އަށް ވުރެ މައްޗަށް އަރާފައިވާއިރު ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.