ފަސް އެއާލައިނަކުން، ކެރަލާ އަށް އެހީ ގެންގޮސްދިނުން ހިލޭ

ކޮޗިން އެއާޕޯޓު ބަންދު ކުރުމުން ކެރަލާ އަށް އެހީ ފޯރުކޮށްދިނުމަށް ވަނީ ދަތިވެފައި -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޮގަސްޓު 25): އިންޑިއާގެ ކެރަލާގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީ އެއްވެސް އަގަކާ ނުލައި ހިލޭ ގެންގޮސްދޭނެ ކަމަށް ފަސް އެއާލައިނަކުން ބުނެފި އެވެ.

ކެރެލާ އަށް އެހީ ގެންދިއުމުގައި އެއްވެސް އަގެއް ނުނަގާނެ ކަމަށް ބުނެފައިވަނީ އިންޑިއާގެ ތިން އެއާލައިން ކަމަށްވާ އެއާ އިންޑިއާ އާއި ޖެޓް އެއާވޭސް އަދި އެއާ ވިސްތާރާ އެވެ. އޭގެ އިތުރުން ކެރެލާ އަށް އެހީ ގެންދިއުމުގައި އަގު ނުނަގާނެ ކަމަށް ބުނެފައިވަނީ، މެދުއިރުމަތީގެ ދެ އެއާލައިން ކަމަށްވާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ސްކައިކާގޯ އެވެ.

ޖެޓް އެއާވޭސް އާއި ވިސްތާރާއިން ވަނީ ކެރަލާއަށް އެހީ ފޯރުކޮށްދިނުމަށްޓަކައި އެންޖީއޯތަކާ އެކު މަސައްކަތް ކުރުމަށް ނިންމާފައި އެވެ. އަދި ވިސްތާރާއިން ވަނީ ކެރަލާއަށް މުދަލުގެ އިތުރުން، ޑޮކްޓަރުންނާއި ނަރުހުންނާއި އެހީ ފޯރުކޮށްދޭ އެހެން ފަރާތްތައް ގެންގޮސްދޭނެ ކަމަށް ބުނެފައި އެވެ.

އޭގެ އިތުރުން، ގަތަރު އެއާވޭސްއިން ކެރަލާއަށް 50 ޓަނުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ އިރު، އެމިރޭޓްސްއިން ވަނީ 175 ޓަނުގެ އެހީ ފޯރުކޮށްދޭނެ ކަމަށް ބުނެފައި އެވެ.

އެމިރޭޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެއާލައިނުން ގެންދާ އެހީގެ ތެރޭގައި ލައިފް ބޯޓާއި، ރަޖާ އާއި ކާނާ ހިމެނޭނެ ކަމަށެވެ. އަދި އެތަކެތި ކެރަލާގެ ރައްޔިތުންނަށް ފޯރުކޮށްދޭނީ ކެރަލާގައި ހަރަކާތްތެރިވާ އެހީ ފޯރުކޮށްދޭ ޖަމިއްޔާ ތަކާއި ގުޅިގެން ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ކެރަލާގެ ކޮޗިން އެއާޕޯޓުގައި ފެންބޮޑުވެ ގެއްލުންތަކެއް ވުމުން، ވައިގެ މަގުން ކެރެލާ އަށް އެހީގެ ބާވަތްތައް ގެންދަން ހަމަޖެހިފައިވަނީ ޓްރިވެންޑްރަމް އެއާޕޯޓަށެވެ.

މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކެރަލާއަށް ކުރި ވިއްސާރައި ގައި 190 މީހަކު މަރުވެ، އެތައް ހާސް މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައި އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ކެރަލާ އަށް ލިބުނު ގެއްލުމުގެ އަގު ތިން ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ސްޓޭޓުގެ ސަރުކާރުން ލަފާ ކުރެ އެވެ.

ނަމަވެސް އިންޑިއާ އިން ވަނީ ކެރަލާ އަށް އެހީވުމަށް ބޭރުގެ ގައުމުތަކުން ދިން ފައިސާގެ އެހީ ގަބޫލު ކުރަން ދެކޮޅު ހަދާފައި އެވެ. އޭގެ ސަބަބުން ކެރަލާގެ ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުންފާޅުކޮށްފައި އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް