ލީގަށް ވާދަކުރަން ބޭނުން ނަމަ ޓޮޓެންހަމް ބަލި ކުރުން މުހިންމު: ފްރެޑް

މި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑާ ގުޅުނު ފްރެޑް---

މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގެ ޕްރިމިއާ ލީގު ހޯދަން ކުރާ މަސައްކަތްތަކުގެ ތެރެއިން އަންގާރަ ދުވަހު ޓޮޓެންހަމް ބަލި ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ޓީމު ބްރެޒިލް މިޑްފީލްޑަރު ފްރެޑް ބުނެފިއެވެ.

ލީގުގެ ފުރަތަމަ މެޗުން 2-1ގެ ނަތީޖާއިން ލެސްޓާ އަތުން މޮޅުވި ނަމަވެސް، އެންމެ ފަހުން މެންޗެސްޓާ ޔުނައިޓެޑު ލީގުގައި ކުޅުނު މެޗުގައި ވަނީ ބްރައިޓަން އަތުން 3-2ގެ ނަތީޖާއިން ބަލިވެފައެވެ. އެހެން ކަމުން ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެ ނަމަ، ލީގަށް ވާދަ ކުރާ ބޮޑެތި ޓީމުތައް ކަމަށްވާ ލިވަޕޫލް، ސިޓީ ޗެލްސީ އަދި ޓޮޓެންހަމްއާ ޔުނައިޓެޑާ ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު ހަ ޕޮއިންޓަށް އިތުރުވެގެން ދާނެއެވެ.

"ސްކައި ސްޕޯޓްސް" އާ ވާހަކަ ދައްކަމުން މި ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔުނައިޓެޑާ ގުޅުނު ފްރެޑް ބުނ،ީ ޓޮޓެންހަމް އަކީ މޮޅު ޓީމެއް ކަން އެނގޭ ކަމަށާއި، ޔުނައިޓެޑުން މިފަހަރު ލީގު ހޯދަން ބޭނުން ނަމަ، ކުރިއަށް އޮތް މެޗުގައި ޓޮޓެންހަމް ބަލި ކުރަން ޖެހޭނެ ކަމަށެވެ.

"ކުރިއަށް އޮތް މެޗަށް އަހަރެމެން ނުކުންނާނީ ވަރަށް ސަމާލުވެގެން. އަހަރެމެން ބޭނުން ވަނީ މޮޅުވެ ލީގަށް ވާދަ ކުރުމުގައި ދެމި ހުންނަން،" ފްރެޑް ބުންޏެވެ.

ސީޒަންގެ މިހާ ކުރީ ކޮޅު ފްރެޑް މިހެން ބުނެފައި ވުމުން އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އޭނާއަށް ދަނީ ފާޑުވެސް ކިޔަމުންނެވެ. އެ ފަރާތްތަކުން ބުުނަމުން ދަނީ ލީގު ގެއްލޭ ހާލަތަށް ދާ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.

ސީޒަނުގެ ފެށުން ޔުނައިޓެޑަށް ރަނގަޅު ކުރެވިފައި ނުވާ އިރު، އެ ޓީމުގެ ކޯޗް ހޯޒޭ މޮރީނިއޯއަށް އޭނާ ބޭނުންވާ ކުޅުންތެރިން ނުގަނެވުމުން، އޭނާ ކްލަބުގެ މެނޭޖްމެންޓާ މެދު ހިތްހަމަ ނުޖެހިފައިވާ ކަމަށް ރިޕޯޓުތައް ދަނީ ބުނަމުންނެވެ. އޭގެ އިތުރުން ޓީމުގެ ބައެއް ކުޅުންތެރިން މޮރީނިއޯއާ މެދު ހިތްހަމަ ނުޖެހިފައިވާ ކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.

comment ކޮމެންޓް