ތަފާތު ލޯތްބެއް (31)

"ވޯ ދެޓްސް ކޯލްޑް. ފެންނައިރަށް އެޓޭކްވިއްޔަ ތިކުރީ. އެހާވެސް ރުޅިއާދޭތަ " ނާޔަލް ހީލާފައި ހުއްޓުނީ ފާރަށް ލެނގިލައިގެންނެވެ. އަތްދިގު ޓީޝާޓަކާއި ގުޅޭ ޖިންސެކެވެ. ބޮލުގައި ބީނީ ތޮތްޕެއް އަޅާފައެވެ. އަޅި ދެލޮލާއި ގުޅޭކަހަލަ ގޮތަކަށް ހެދުން އަޅައިގެން ހުރުމުން ހިތްގައިމެވެ. އެތޫނު ނަޒަރު ކެމީލާގެ މޫނަށް ހުއްޓުނުގޮތަށް އެހެން ތަނަކަށް ނުބެލުނެވެ. އެވަރަށް ބަލަންޏާ މީހަކު ލަދުން ހަލާކުވާނެ ނޫންހެއްޔެވެ.

ކެމީލާއަށް އަނގަމަތީ އަތް އަޅާލައިގެން ފަހަތަށް ޖެހިލެވުނެވެ. ހައިރާންވިވަރުން މިފެންނަނީ ހަގީގީ މަންޒަރެއް ބާވައޭ ހިތަށް އެރިއެވެ. ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީ ބާވައެވެ. ގަބޫލުކުރިޔަސް ނުކުރިޔަސް ކުރިމަތީ މިހިރީ ނާޔަލްއެވެ. މިހާވަރުގެ ސަޕްރައިޒެއް މީހަކަށް ލިބޭނެކަމެއް ނޭގެއެވެ. އެތައް ދުވަހެއްފަހުން ނާޔަލް އައުމުން ނަފްރަތުގެ ހުޅުގަނޑު ފަޅައިގެން ދާނެކަމަށް ހީކުރިޔަސް ވީ އެހެނެއްނޫނެވެ. ނަފްރަތުގެ ބަދަލުގައި ނާޔަލް އައުމުން އެކަނިވެރިކަން ފިލައިފިކަމުގެ އިހުސާސް ކުރެވުނެވެ. ދެލޯވެސް ވިދައިލިއެވެ.

ނަމަވެސް ހިނދުކޮޅަކަށެވެ. ނާޔަލްއަށް އޭނަގެ ހިތުގައިވާ އެއްޗެއް އެނގިގެން ނުވާނެއެވެ. ދައްކަންޖެހޭނީ ކުރީގެ ރުޅިވެރިކަމެވެ. ކުޑަކޮށް ބުމަ ގޮށްޖަހާލާފައި އެސްފިޔަތައް ތިރިކޮށްލިއެވެ.

"ހޭއި އައި މިސްޑް ޔޫ ބޭބީ...މިސްޑް ޔޫ އެލޮޓް..." ނުދެނެ ހުއްޓާ ނާޔަލް އެއައިގޮތަށް އަތުތެރޭ ބޮނޑިކޮށްލިގޮތަށް ދޫކޮށްލާކަށް ނޫޅުނެވެ. ހިތްފުރޭ ވަރަށް ބައްދާލެވުމުން ދެއަތުން މޫނުގައި ހިފަހައްޓާލަމުން ބަލަން ހުރީ ހިތް ބަންޑުންކޮށްލާފަދަ ލޯބީގެ ނަޒަރަކުންނެވެ. ނިތްކުރިއާއި ލޮލުގައިވެސް ބޮސްދިނީ ނިކަން ލޯބިންނެވެ. އެތަންމިތަނުގައި ބޮސްދީފައި އުޅުނުއިރު ކެމީލާ ހައިރާންވީ ނާޔަލްގެ ލޮލުން ވެއްޓުނު ކަރުނަތިކި އޭނަގެ ކޯތާފަތް މައްޗަށް ފޭބުމުންނެވެ. ނާޔަލް ރޮނީ ކޮންކަމަކާހެއްޔެވެ. އޭނަ ފެނިފާ ލިބުނު އުފަލެއްގެ ބޮޑުކަމުން ހެއްޔެވެ. އެހާވެސް އޭނަދެކެ ލޯބިވަނީހެއްޔެވެ. އެ ސުވާލުތަކަށް ޖަވާބެއް ނުލިބުނަސް އެކަމުން ކެމީލާގެ ހިތަށް ތަފާތު އަސަރެއްކުރުވިއެވެ. ނާޔަލްގެ ހިތަށް އަނިޔާ ދެވިއްޖެކަމުގެ އިހުސާސްކުރެވުނެވެ. ކައިޒާންގެ ލޯތްބަށްޓަކާ އޭނަ ނާޔަލް ދޫކޮށްލަން ޖެހުމުން ނާޔަލް ކުރާނެ ހިތާމަ އެނގި ނާޔަލްއާއިމެދު ފުރަތަމަ ފަހަރަށް ކުލުނު އުފެދިއްޖެއެވެ.

ގޭގައި ގެންގުޅޭ ބުޅާގަނޑަށްވެސް ކުލުނު ޖެހޭކަމުގައި ބުނެއުޅެވޭ ނޫންހެއްޔެވެ. ތިމާދެކެ އެހާ ލޯބިވާ އިންސާނަކަށްޓަކާ ކޮންމެވެސް އިހުސާސްތަކެއް އުފެދުނީއެވެ.

"ސިޓް ހިއާ...." ނާޔަލް އެ ފުޅާ ފެންޑާގެ އެއްފަރާތުގައި ހުރި ކައުޗެއްގައި ކެމީލާ ބޭންދިއެވެ. ކެމީލާ އިނީ އިސްޖެހިފައެވެ. ނާޔަލް މިގޮތަށް ރުއިމުން އޭނަ ކަންބޮޑުވިއެވެ. ނަމަވެސް ހަމަ މިހެން ކައިޒާންވެސް ކަރުނަ އޮއްސާނެ ތާއެވެ. ނާޔަލްއަށްޓަކާ ޒޯއީފަދަ ކިތަންމެ ސްޓައިލިޝް ރީތި އަންހެންކުދިންނެއް ފިދާވެއެވެ. ނާޔަލްވެސް ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. މިހާ ރީތި އިންސާނުން ދުނިޔޭގައި މަދުވާނެއެވެ. މަދީ ކޯންޗެއް ހެއްޔެވެ. ބިލިއަނަރަކަށް ނުލިބޭނެ އަންހެންކުއްޖެއް ވާނެހެން ހިޔެއްނުވެއެވެ. ނާޔަލްއަށްޓަކާ ދީވާނާވާ އަންހެންކުއްޖަކާއި ގުޅި އޭނަ ދޫކޮށްލައިފިއްޔާ ހުރިހާ އެންމެނަށް ހަމަޖެހުމާއިއެކު ދިރިއުޅުމުގެ ރާސްތާ ކަޑައްތުކުރަން ފަސޭހަވާނެއެވެ. ވީއިރު އެންމެ ރަގަޅުވާނީ ދެމީހުން ދުރުވުމެވެ.

"ފޫހިވެފައިތަ؟" ނާޔަލް އެހިއެވެ.

"ވާހަކަދައްކަބަލަ. ކޯންޗެއް ތިވިސްނަނީ......" ދެންވެސް ވާހަކަދެއްކީ ނާޔަލްއެވެ.

"ނަތިން." ކެމީލާ ފިނިވެފައިވާ އަތްތިލަ އުނގުޅައިލިއެވެ. ކޮންމެވެސް ސަބަބަކާއިހުރެ ވަރިއަށް އެދޭކަށް ނުކެރުނެވެ. ނާޔަލް ނޭހިޔަސް އޭނައަށް އެގެންވާނެ ނުންހެއްޔެވެ. ކެމީލާ ދޫކޮށްލާނެ ވާހަކަ ފުރިއިރު ބުނެފައި ހަދާން ނެތެންވީ ސަބަބެއް ނެތެވެ. އޭނަ ނުބުންޏަސް ނާޔަލް ދެނެގަންނަން ޖެހޭނެއެވެ.

"ހޫމް ކެމް ބޭނުންވަނީ ޑިވޯސް. އަހަރެން އޮތީ ބުނެފައި ދޯ އެކަން ކުރާނަމޭ. ނަމަވެސް އަހަންނަށް އެހާ ފަސޭހައިން ކެމް ދޫކޮށްލެވޭނެ ބާވައޭ ހިތަށް އަރަނީ. ވައުދެއް ވިއްޔާ އެވައުދު ފުއްދުމަކީ ވާޖިބެއްކަމަށް ގަބޫލުކުރަން އެކަމަކު......." ނާޔަލް މަޑުމަޑުން ބުނެލިއެވެ.

"އަހަރެމެން ދެމީހުންވެސް ސެޕެރޭޓްވެގެން ދެމަންޒިލަށް ދަތުރުކުރީމަ ދެން އެންމެ ރަގަޅުވާނީ. ނާޔަލް މަންމަ އެހެރީ ގޮތްދޫނުކުރަން. އަހަރެން ނާޔަލްގެ ވައިފްގެ ގޮތުގައި ހުރެގެން އަމިއްލަ ފިރިހެންދަރިފުޅާއި އަނގައިން ބުނަން ބޭނުންނުވާ މަންމައެއް. އަހަންނަށް ދަރިއަކު ލިބިދާނެތީ އެކަމާއި މަންމަ އެހާ ވިސްނާ. ވީމަ މަންމަގެ ހިތުގައި ޖައްސައިގެން ދެމީހުންނަށްވެސް ދިރިއުޅުމެއް ނުހޯދޭނެ. ވަރަށް ދުވަހަށް ކެތްކުރެވިއްޖެ. މިހާރު ބޭނުމެއްނުވޭ މިގޮތަށް އުޅެން. އެޓްލީސްޓް މީހަކާއި ނީދެ ރާއްޖޭގައި އުޅުނަސް މިއަށްވުރެ ހިތަށް ފަސޭހަވާނެކަން ނޭގޭ. އައިމް ފެޑްއަޕް . އައި ރިއަލީ ވޯންޓް ޓު ގޯ ބެކް........." ކެމީލާ އަވަސްއަވަހަށް ހިތުގައިވާ އެއްޗެހި ކިޔާލިޔަސް މިހާރު ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކައިޒާންއާއިމެދު ވިސްނާފަދައިން ނާޔަލްގެ ހިތަށް އަސަރުކުރާނެ ވަރު އަންދާޒާކުރެވެނީއެވެ. ނާޔަލްއަށް ހަމްދަރުދީވާނެ ތަންކޮޅެއް ހިތުގެ ކަނެއްގައި ވެއްޖެއެވެ.

ނާޔަލް އެކަނިކޮށްލާފައި ދާން ހިތެއް ނުރުހުނެވެ. ނާޔަލްއަށް މީރުކޮށް ކައްކާފައި ކާންދޭން ފެށިތަނާހެން ނާޔަލް ފުރައިގެން ދިޔައީއެވެ. ނާޔަލް ދިޔުމުން ބޭނުންނުވިކަމުގައި ވިޔަސް ނާޔަލް ނެތުމުގެ އުނިކަން އިހުސާސްވިއެވެ. ނާޔަލްގެ އަޅާލުމާއި ލޯބި އަދި ކުރާ ގޯނާތަކާއި ސަމާސާތަކާއި ވަކިވާން ޖެހުމުން ޔަގީނުންވެސް ކެމީލާއަށް އެކަމާއި ވިސްނުނެވެ. އުދަގޫކޮށް ޖެއްސުންކުރާ މީހަކު ހަޔާތުން ވަކިވެ ދިޔަސް ފަހުން އެމީހެއްގެ މަތިންވެސް ހަދާންވަނީހެއްޔެވެ. ކެމީލާގެ ތަޖުރިބާ ތަފާތެވެ. ހީނުކުރާފަދަ ގޮތަކަށް ނާޔަލްގެ މަތިން އެދުވަސްކޮޅު ހަނދާންވިއެވެ.

"ކެމް. ބީ ވިތް މީ........" ނާޔަލް އަތުގެ އިނގިލިތައް މަހާލައިގެން އިނދެފައި ކެމީލާއާއި ދިމާލަށް ބަލައިލިއެވެ. ކެމީލާއަށްވެސް އެދެލޮލަށް ބަލައިލެވުނެވެ. މިހާރު ލޮލުގައި ކަރުނައިގެ އަސަރެއްނެތެވެ. ކަނޑެއްފަދަ ފުން ދެލޮލުގައިވާ ޝުއޫރުތައް ކެމީލާއަކަށް ކިޔާކަށް ނޭގުނެވެ. ހަތަރުކަޅި ހަމަވުމުން ކެމީލާއަށް އުދަގޫވެގެން ވަގުތުން އިސްޖަހައިލިއެވެ. އެލޮލުގައިވާ ބާރަކުން ބަލަހައްޓައިގެން އިންނާކަށް ފަސޭހައެއް ނޫނެވެ. ތޫނު ރީތި ދެލޮލެވެ.

"ކީއްވެ؟ " ކެމީލާ ހިންދިރުވައިލިއެވެ.

"ދުވަސްކޮޅަކަށް........"

"އެކަމަކު......." ކެމީލާ ދެލޯ މަރައިލިއެވެ.

"އައި ޕްރޮމިސް. ވަންޑޭ ޔޫ ވިލް ބީ ފްރީ ކެމް......އެކަމަކު އަހަންނާއިއެކު އަދި ހުރެދީ..." ނާޔަލް އާދޭސް ނުކުރިޔަސް އެވަރަށް ބުނުމުން ދެކޮޅުހަދާކަށް ނުކެރުނެވެ. ނާޔަލް ދުވަސްކޮޅަކަށޭ އެބުނަނީ ކިއްވެހެއްޔެވެ. އެހެން އަންހެންކުއްޖަކު އަންނަންދެން ނާޔަލްގެ ތަންމަތި ފަޅުފިލުވައިދޭނެ ބައިވެރިޔަކަށް ބޭނުންވަނީކަން ނޭގެއެވެ. ނާޔަލްއަށް އޭނަ ކައްކާ އެއްޗެހި މީރުވީމަ އޭނަ އަތުން ކާހިތުންނެވެ. ޝަކުވާއަކާއި ނުލާ ބުނި ކޮންމެ ގަޑިއެއްގައި އޭނަ ނާޔަލް ބުނާ ކަންތައް ކޮށްދޭތީ ކަމަށްވެސް ވެދާނެއެވެ. ނަފްރަތުކުރިޔަސް އަންބެއްގެ ވާޖިބު އަދާކުރަންޏާ ދޫކޮށްލަން ބޭނުންނުވަނީ ކަން ނޭގެއެވެ.

ކާކޮޓަރިއަށް ވަދެ ރޭގަނޑަށް ކައްކަން ފެށިތަނާހެން ކައިޒާން މެސެޖެއްކޮށްލައިފިއެވެ. ނާޔަލް އެނބުރި އައިކަން އެނގޭކަމަށާއި އޭނަ ނުތަޅުވާ އަވަހަށް އައުމަށް އެދި ފޮނުވާފައިވާ މެސެޖެކެވެ. ނޫނީ އޭނައަށްވެސް އިތުރަށް ކެތްނުކުރެވޭނެ ކަމަށާއި އަތުންފައިން ގޯހެއް ހެދިދާނެކަމުގައި ބުނުމުން ކެމީލާގެ ގައިން ހީބިހިނެގިއެވެ. ކައިޒާން އެބުނީ ކޮން މާނައެއްގައި ހެއްޔެވެ. އޭނަ ސީރިޔަސްކޮސް ނާޔަލްއާއި ވާހަކަދައްކަން އެބަޖެހެއެވެ. ނާޔަލް ފެނުމުން ކުރެވުނުހާ އިހުސާސްތައް ފެނަށްވެ ކައިޒާންގެ ހަނދާންތައް ކެމީލާގެ ހިތް ހިސާރުކޮށްލައިފިއެވެ.

ނާޔަލްއަށްޓަކާ އެހާވަރުން ތައްޔާރުކުރި ރޭގަނޑުގެ ކެއުން އިސްރާފުވުމުން ކެމީލާ ހިތްހަމަނުޖެހޭގޮތްވިއެވެ. ނާޔަލް ކެއީ މޭވާކޮޅެކެވެ. ކެމީލާ ހިތްހަމަނުޖެހުނު ވަރުން ބަނޑުފުރިގެން އުދަގޫވާންދެން ކެއެވެ. އެމަންޒަރު ބަލަން ނާޔަލް އިނީ މަޖާވެފައެވެ. ކެމީލާގެ ހިތުގެ އިހުސާސްތައް ބަންޑުންކޮށްލަނީ އެހެން ގޮތަކަށް ތާއެވެ. އޭނަ ނުކެއީމަ ކެމީލާ ހިތްހަމަނުޖެހުނީއެވެ. ނުކެވެނީ ކީއްވެކަން ކެމީލާއަށް އެނގޭނެނަމައެވެ. އޭނަގެ ހަށިގަނޑަށް ވާ އުދަގޫތައް އިހުސާސްކުރެވޭނެ ނަމައެވެ. އޮޕަރޭޝަނަށްފަހު އިމިއުނޯތެރަޕީ ނަގަންފެށީމަ އެތައް އުދަގޫތަކެއް އުފުލާންޖެހުނެވެ. ޑޮކްޓަރުން ބާރު އަޅަނީ ކީމޯ ޕިލްސްތައް ނެގުމަށެވެ. ނަމަވެސް ނާޔަލް އަދިވެސް އެބޭސްކާކަށް އެއްބަހެއްނުވެއެވެ. އޭގެ ނުގުޅޭ އަސަރުތައް ކިޔާލާފައިވެސް ނުބައިގޮތެއްވިއެވެ. އެއަށްވުރެ މަރުވިޔަސް މާ ފަސޭހަވާނެއޭ ހިތަށް އަރާފައި ފަރުވާ ނަގަން އިންކާރުކުރީއެވެ. ނަމަވެސް ބައެއްފަހަރު އެއީ އޭނައަށް އެންމެ ރަގަޅުގޮތް ބާވައޭ ހިތަށް އަރައެވެ. ލޯބިވާ އާއިލާއަށް ލިބޭނެ ހިތާމަ އަންދާޒާކުރެވި ދުވަސްކޮޅަކަށްނަމަވެސް އިތުރަށް ދުނިޔޭގައި ހުންނަން ކުރަން އޮތްހާ ފަރުވާއެއް ހޯދަން ޖެހޭނެކަމަށްވެސް ގަބޫލުކުރެވުނެވެ.

ކެމީލާ ފާޚާނާއިން ނުކުތްއިރު ނާޔަލްއިނީ ސޯފާގައި ކުޝަންތަކަށް ލެނގިލައިގެން ފޯނާއި ކުޅޭށެވެ. ތަންކޮޅެއް އަލި ފަނޑުކަމުން ނާޔަލްއާއި ކުރިމަތިލާނެ ހިތްވަރު ލިބި ސޯފާގެ އަނެއްކޮޅުގައި އިށީދެއްޖެއެވެ.

"އަދިވެސް ހިތަށް އަރާ ނާޔަލް ކީއްވެހެއްޔޭ ދެން މިގޮތަށް މަޖުބޫރުން ކައިވެނި ކުރީ؟ އަދި މިހާރުވެސް ދޫނުކުރަން ތިހިރީ............އިޒް ދިސް ފެއާ؟ ނާޔަލްއަށް ރަގަޅަށް އެނގޭ އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެކަން. ދެން ކީއްވެ މިގޮތަށް ކަންތައްކުރީ؟ އަހަންނަށްވެސް ހައްތަހާ ފާފަ ކުރެވޭގޮތަށް މިވަނީ. މީހަކާއި އިނދެގެން ހުރެ އެހެންމީހަކާއި ހެދި އުޅުނީމަ ކިހާ ނުބައިކަމެއް. ނާޔަލްގެ ކަންތަކޭ ކީއްވެ ޖަވާބު ދީބަލަ. ކީއްވެ ދޫނުކުރަން ތިއުޅެނީ...." ކެމީލާ ރުޅިވެރިކަމާއިއެކު ސުވާލުތައް ކުރަންފެށިއެވެ.

"ލޯބިވާތީ....." ނާޔަލް ކުރު ޖަވާބެއް ދިނެވެ.

"ނޫން ތިއަކަށް ލޯތްބެކޭ ނުކިޔޭނެ. ލޯތްބަކީ ކިހާ މަތިވެރި އިހުސާސެއްކަން އެނގޭނަމަ ތިހެނެއް ނުބުނާނެ. ލޯބިވާނަމަ ލޯބިވާ މީހާގެ ދިރިއުޅުން ނަރަކައަކަށް ނަހަދާނެ. ގަދަކަމުން ނުފޭރޭނެ. މިއަކަށް ލޯތްބެކޭ ނުކިޔޭނެ. ލޯތްބަކީ ގުރުބާނީ. އެމީހާގެ އުފަލަކީ ތިމާގެ އުފާކަމުގައި ދެކުން. ތިމާ ކިތަންމެ ލޯބިވިޔަސް ލޯބިވާ އަންހެންކުއްޖާއަށްޓަކާ ތިމާގެ އުފާތައް ގުރުބާން ކުރުމަށް ލޯތްބޭ ކިޔިދާނެ. އެކަމަކު ދެލޯބިވެރިއެއްގެ ދެމެދަށް ވަދެ ފޭރިގަތީމަވެސް ލޯބިވެއޭ ތިބުނީ؟ އަހަންނަކަށް ތިކަހަލަ ލޯބި ގަބޫލެއްނުކުރެވޭނެ. ނާޔަލްހާ އަމިއްލަ އެދުން ބޮޑު މީހަކު ނުދެކެން. އެޓްލީސްޓް މިވަރަށް ބުނީމަ ދެން ގަބޫލުކުރިނަމަ. އައިމް ޕްރެކްޓިކަލީ ބެގިން ޔޫ ..........." ކެމީލާ ވާހަކަދައްކަމުން ގޮސް ލޯ ކަރުނުން ފުރިއްޖެއެވެ.

ނާޔަލް ވަކި އެއްޗެކޭ ނުބުނެ ދެފައި ދަމާލައިގެން ސޯފާގެ އަތްގަނޑަށް ލެނގިލައިގެން އިނީއެވެ. ވިސްނުމެއްގެ ތެރޭ އިންކަހަލައެވެ.

"ޑޯންޓް އެކްޓް ލައިކް ޔޫ އާ ދަ ވިކްޓިމް......"

"ތިކަމާ މާދަން ވާހަކަދައްކާނީ؟ އައިމް ސްލީޕީ...." ނާޔަލް ކުޝަންތައް ދުރުކޮށްލާފައި ގޮސް އެނދަށް ވެއްޓިގަތްގޮތަށް ބޯމަތީ ބާލީސްއަޅާ ބާރުކޮށްލިއެވެ. އެހިތަށް ކޮށްފައިވާ އަސަރުތައް ކެމީލާއަކަށް އިހުސާސެއްނުކުރެވޭނެއެވެ. އެގޮތަށް ކެމީލާ އެއްޗެހި ކިޔާލުމުން ހިތަށް ތަދުވީ ދުވަހަކު ނުވާވަރަށެވެ. އޭނަ ލޯބިވާ މިންވަރު އެނގިހުރެވެސް ކެމީލާ އޭނަގެ ލޯބީގައި ކޮޅުފައިން ޖެހުމުން އޭނަގެ ހިތް ހަލާކުވެ ކުދިކުދިވާއިރުވެސް އޭނަ ދުނިޔެއާއި ކުރިމަތިލަނީ އެހެންގޮތަކަށެވެ. ހިތް ބަލިކަށިވެ ހަލާކުވެފައިވާއިރުވެސް އޭނަ ދުނިޔެއަށް ދައްކަނީ އެހެން ކުލައެކެވެ. ބަލީގެ ސަބަބުން ހާލު ދެރަވަނީވެސް ފިކުރުކުރާ ވަރުންނޭވެސް ހިތަށް އަރައެވެ.

ކެމީލާއަށްވެސް ނާޔަލްގެ އަމަލުން އުދަގޫތަކެއްވިއެވެ. ނާޔަލް އޭނައަށް ގޯނާކޮށްނުލާ ގޮސް ނިދަން އެރީ ތަބީއަތު ކިހާ ގޯސްވީމަހެއްޔެވެ. އެހާ ދުވަސްކޮށްފައި ދިމާވުމުންވެސް ނާޔަލް އޭނައާއި ގާތްވާކަށް މަސައްކަތެއްނުކުރިއެވެ. މިހުރިހާ ދުވަހު ނަފްރަތުކުރާކަން އެނގޭއިރުވެސް ނާޔަލް މިގޮތަށް ދުރަކުން ނޫޅެއެވެ. ނާޔަލް އަށް އެހާ އަސަރުކުރީހެއްޔެވެ. އެހާވެސް ދެރަވެ ހިތުގައި ޖެހުނީހެއްޔެވެ. ކުއްލިއަކަށް ކެމީލާ ބިރުގަނެއްޖެއެވެ. އޭނަ މިހާ ފަރުވާކުޑަކޮށް އިހުތިރާމެއްނެތި ވާހަކަ މިދައްކަނީ ފިރިމީހާއާއެވެ. ދީނުގައި އިހުތިރާމްކޮށް ގަދަރުކުރަން ޖެހޭ ފަރާތެކެވެ. ފިރިމީހާގެ ހިތުގައި ޖެއްސުމަކީ ކޮންފަދަ ނުބައިކަމެއް ހެއްޔެވެ. އޭނަގެ ކެތްތެރިކަން ދިޔައީ ކޮންތާކަށްހެއްޔެވެ. އެގޮތަށް ޒުވާބުކޮށް ވަރިއަށް އެދުމަކީ ހުއްދަކަމެއްވެސް ނޫނެވެ. ރުޅިވެރިކަމާއިއެކު ޖަދަލުކުރުމަކީ އޭނަގެ މިޒާޖާއި ގުޅޭކަމެއް ނޫނެވެ.

ކެމީލާ ފާފަ ފުއްސެވުމަށް އެދި ހިތާ ހިތުން ދުޢާކުރިއެވެ. ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރިއެވެ.

ކެމީލާ އެނދުގެ މަގަތުގައި އިށީދެ ނާޔަލްގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ. ފުރަތަމަ ފަހަރަށް އިސްވެ އޭނަ ނާޔަލްގެ ގައިގާ ބީހިލި ފުރަތަމަ ފަހަރެވެ. ކެމީލާ އެނދަށް އަރާ ނާޔަލްއާއި ދާދި ކައިރީ އޮށޯވެލިއެވެ. ކިރިޔާ ނާޔަލް ފުރޮޅިލިޔަސް އެދޭތެރޭ ވާ ހުރަހެއް ނެތިގެންދާނެއެވެ.

"އައިމް ސޮރީ......" ކެމީލާ މާފަށް އެދުނެވެ.

"އިޓްސް އޯކޭ....."

"އޯކޭ ނުވާނެއްނު. އައި ޑިޑްންޓް މީން ޓު ހާޓު ޔޫ. ބޮޑަށް މިހެންވަނީ ނާޔަލްގެ މަންމަ އަހަރެމެންގެ މެރިޖާއި އެހާ ދެކޮޅުކަން ހިތަށް އަރާފައޭ. ވަރަށް ވަރަށް ދެރަވޭ. އަހަރެމެން ދެމީހުންގެ ހުރި ފަރަގު ނާންގާ އެންމެފަހަރަކާވެސް ދިމާނުވޭ. ޝީ ހޭޓްސް މީ މޯދޭން އެނީ ތިންގް. މަންމަގެ ބްލެސިން ނެތި ކިހިނެއް މެރިޖް ވޯކްއައުޓް ކުރާނީ..އައިމް ސޮރީ. އަހަންނަށް އެނގޭ ރޫޑްކޮށް ވާހަކަ ދެއްކުނުކަން......" ކެމީލާ ވާހަކަދައްކަމުންގޮސް ނާޔަލްގެ އަތަށް ބާރުކޮށްލިއެވެ. ނާޔަލްގެ ފަރާތުން އިޝާރާތެއް ނުވުމުން އެއަތުން ދޫކޮށްލާފައި ނިދަން މަސައްކަތްކުރިއެވެ. ނާޔަލް އަނގައިން ނުބުނުމުން އެކަމާއި ދެރަވިއެވެ. މިއޮތް ފިނިރޭ ނާޔަލް ބައްދާލާކަށްވެސް ނޫޅުނެވެ.

އެންމެފަހުން ކެމީލާ ބޯ ރަޖާގެ ދަށަށްވަދެ ދެލޯ މަރައިލިއެވެ.

ހެނދުނުގެ އަލިކަން ފާއްދާލައިފިއެވެ. ކެމީލާ ފެންޑާގައި ހުރި ކައުޗްގައި އޮތީ ނިދީގެ ސަބަބުން ދެލޯ ހުޅުވަން އުދަގޫވެފައެވެ. މީހަކު ބެލްޖެހިއަޑަށް ތެދުވެގެންގޮސް ދޮރު ހުޅުވާލުމާއިއެކު ކެމީލާ އުފަލުން ހީލިއެވެ. ކުރިމަތީގައި މިހިރީ އެންމެ ލޯބިވާ ކައިޒާންއެވެ. ކަޅުފެހިކުލައިގެ ޓީޝާޓަކާއި ޑެނިމް ޖިންސެއްލައިގެން ހުރިއިރު ހިތްގައިމުކަމުން ކެމީލާ ފިދާވާގޮތްވިއެވެ. މޫނުގައި އަތް ޖައްސައިލެވުނެވެ. ކުއްލިއަކަށް ސްނޯ ވެހެންފެށިއެވެ.

"ބޭބީ ގާލް. އަހަންނާއިއެކު ފިލައިގެންދާން ހިނގާ...."ކައިޒާން ބުނެލިއެވެ.

"ކޮންތާކަށްތަ؟ " ކެމީލާ އަހައިލިއެވެ.

"ނާޔަލްއާއި ދުރަށް. މި ފެމިލީއާއިވެސް ދުރަށް. މެރީކޮށްގެން ހުއްޓަސް ކެމް ބުނަމެއްނު އޭނައާއިއެކު ސްލީޕްވެސް ނުކުރަމޭ. ކިރިޔާވެސް ހިތްހަމަޖެހެނީ އެހެން ހިތަށް އެރީމަ. ކެމްދެކެ ލޯބިވާރު ބުނެދޭކަށްވެސް ނޭގޭ. އައި ނީޑް ޔޫ. އައި ލަވް ޔޫ ސޯމަޗް ބޭބީ ގާލް. ކާންޓް ޔޫ ސީ ދެޓް؟ ޔޫ އާ މައި އެވްރީތިން ބޭބީ ގާލް. އައި ކާންޓް ލިވް ވިތްއައުޓް ޔޫ. އަހަރެންގެ ބޭބެއަށް ނާޔަލްވިޔަސް އަހަންނަށް އިތުރަށް ކެތެއްނުކުރެވޭނެ. ބުނީމެއްނު އަތުން ފައިން ގޯހެއް ނަހަދަނީސް އަންނާށޭ...ހިނގާ ދާން......." ކައިޒާން ކެމީލާ ގެނެސް މެޔާއި ޖައްސާ ބާރުކޮށްލިއެވެ. ކެމީލާ ކައިޒާންއާއި ދުރަށް ދާން މަސައްކަތްފެށިއެވެ.

"ނޫން. ކައި ނާޔަލް ދޫކޮށްލިއިރަކުން ނޫނީ ކައި އަކާއިއެކު ދާކަށް ނުކެރޭނެ. ފޮގިވް މީ. އަހަންނަކަށް އެހާ ބޮޑު ފާފައަކަށް އަރައިގަންނާކަށް ނުކެރޭނެ. ނާޔަލްއަށް ކޮންވިންސްކޮށްގެން ވަރިކުރުވަން އެއްބަސްކުރާނީ. އެނޫންގޮތެއް ނެތް...."

"ކީއްވެ؟ ކީއްވެ ކެމް. ޑޯންޓް ޔޫ ލަވް މީ އެނީ މޯ؟ " ކައިޒާން ކެމީލާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. އޭރު ސްނޯވެސް ބޯކޮށްލައިފިއެވެ.

"ބުނޭ. އަހަރެން ދެކެ ލޯބިނުވަނީތަ؟" ކައިޒާން ސުވާލުތައް ކުރަންފެށިއެވެ. ކެމީލާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރިއިރު އެ ދެލޮލުން ކަރުނަފައިބަނީއެވެ. އެތައް ފަހަރު ތަކުރާރުކޮށް އެ ސުވާލުކުރިއެވެ. ކެމީލާ ޖަވާބެއްނުދިނެވެ. ކުއްލިއަކަށް ފެނުނީ ނާޔަލް ނުކުތްތަނެވެ. އެއައި ބާރުމިނުގައި ކެމީލާގެ އަތުގައި ހިފާ ގާތަށް ދަމާލަން އުޅުމުން ކައިޒާން ޖެހުނީ ފަހަތަށެވެ. ފަރުބަދަމަތިކަމުން އެގޭގެ ފެންޑާއާއި ޖެހިގެން އަނެއް ފަރާތަށްވެސް އޮތީ ފުން ވާދީއެކެވެ. ކައިޒާން ވިސްނާނުލާ ފަހަތަށް ޖެހިލުމުން ސްނޯމަތިން ކައްސާލީއެވެ. ފުންވާދީގެ ތެރެއަށް ކައިޒާން ވެއްޓިގެން ދިޔަތަން ފެނުމުން ކެމީލާ ކައިޒާން ސަލާމަތްކުރަން ދުއްވައިގަތީ ނާޔަލް ދުރަށް ކޮށްޕާލާފައެވެ. ކިތަންމެ ބާރަށް އެދިމާލަށް ދިޔަސް ކައިޒާންގެ އެއްވެސް ހިލަމެއްނުވިއެވެ. ބޯ ދުންފިނީގެ ސަބަބުން އެއްވެސް ތަނެއް ދޮރެއް ނުފެނުނެވެ.

"ކައި..ކައި.....ނޫން ކައި................." ކެމީލާ އަޑުކޮޅަށް ކައިޒާންއަށް ގޮވަމުން ދުއްވައިގަންނަން އުޅުނަސް ދެފައި ހަރަކާތެއް ނުކުރެވުނެވެ. ދެފައި އައްސިވެ ގަނޑުވެފައިވާފަދައެވެ. ބިރުވެރިކަން ހައްދުން ނައްޓައިފިއެވެ. ހިތުގެ ތެޅުން ބާރުވެގެންގޮސް ނޭވާ ހުއްޓިދާނެހެން ހީވި ވަގުތެކެވެ. ފަހުން ހަޅޭއްލަވަން ވެގެން އަނގަ ހުޅުވާލީމަވެސް އަނގަ އައްސިވީއެވެ. ކައިޒާންއާއިއެކު އޭނަވެސް މަރުވަނީ ބާވައެވެ.

"ކެމް. ވޭކްއަޕް........" ކޮންމެވެސް މީހަކު އޭނަގެ ގައިގާ ހިފާ ތަޅުވަން ފެށުމުން މަރާ ބާރުކޮށްފައިވާ ލޯ ހުޅުވާލައިފިއެވެ. އޭނައާއި ދިމާލަށް ގުދުވެލައިގެން އޮތީ ނާޔަލްއެވެ. ނާޔަލް ފެނުމާއިއެކު އޭނައަށް ވަށައިގެން ނަޒަރު ހިންގައިލެވުނެވެ. އޭނަ މިއޮތީ ނާޔަލްގެ ގާތުގައެވެ. ނާޔަލްގެ އެނދުގައެވެ. ވަށައިގެން އެއްވެސް ބިރުވެރިކަމެއް ނުފެނެއެވެ. ފުންމައިގެން އެނދުގައި އިށީނުމާއެކު އަވަސްވެފައިވާ ހިތުގައި އަތް ޖައްސައިލެވުނެވެ.

"އިޓްސް އޯކޭ ބޭބީ. އެއީ ނައިޓްމެއާއެއް. ކެމް އެނދުގައި އަރާމުގައި އޮވުނަނުދޭން ޑެވިލް ސިކުނޑިއަށް ވައްދާހާ އެއްޗެހި..........."

ނާޔަލް އެހެން ބުނުމާއިއެކު ބިރުވެރި ހުވަފެނެއްކަން ވިސްނުމުން ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކުރެވުނެވެ. ހަގީގަތަކާއި ދާދި އެއްގޮތަކަށް ފެނުނު ހުވަފެނެކެވެ. ކައިޒާންއަށް ކަމެއްވާން އުޅެނީ ބާވައެވެ. ނޫނެކެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެއެވެ. ކައިޒާންގެ އުމުރު ދިގުވާނެއެވެ. އޭނަގެ ދުޢާއަކީ އެއީއެވެ.

ނާޔަލް ކެމީލާ ގެނެސް ގަޔާ ފިތާލިއިރު ދެމީހުންގެ މޫނުވަނީ ކިރިޔާ ނުޖެހިއެވެ. ރައްކާތެރިކަމުގެ އިހުސާސްކުރެވުނު އިރު ހީވެސް ފިލައިފިއެވެ. އެހެން ހުރިހާކަމެއް އިހަށް ހަދާން ނައްތާލާފައި ނާޔަލްގެ އަމަލާއި ބައިވެރިވެވުނެވެ. މިނޫނީ ދުވަހަކުވެސް ހިތް ރުހިގެން ނާޔަލްގެ ބީހުމަށް އިޖާބަދެވިފައެއް ނުވެއެވެ. މިރޭ މިހެން ވާންޖެހުނު ސަބަބެއް ކެމީލާއަކަށްވެސް ނުވިސްނުނެވެ. ބަހާރު މޫސުމުގެ ރީތި ރެއެއް ފިރިމިހާއާއިއެކު ހޭދަކުރެވުމުން އެރޭ އަރާމުގައި ނިދާލެވުނެވެ. ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ނާޔަލްއަށް ހެދުނު ނާސްތާ ތައްޔާރުނުކުރެވި ލަސްވުމުން ކަންބޮޑުވެފައި އަވަސްވެގަތީ ތައްޔާރުވެލައިގެން ބަދިގެއަށް ދާށެވެ. ކާކޮޓަރީގެ ދޮރާއި އަރާ ހަމަވީއިރު ކުޅުދިޔާވާފަދަ މީރުވަހެއް ނޭފަތުގައި ޖެހުނެވެ.

"ގުޑްމޯނިން ކެމް......" ނާޔަލް ފަހަތުން އައިސް ކެމީލާއާއި އަރާ ހަމަކުރިއެވެ. ނާޔަލް ބޭނުންކޮށްފައި ހުރި ސެންޓުގެ މީރުވަސް މުޅިތަނުގައި ހިފައިލިއެވެ. އެވެސް ނާޔަލްގެ ރީތިކަމުގެ އެއްބަޔެވެ.

"މޯނިން...." ކެމީލާވެސް ކުޑަކޮށް ހީލިއެވެ. "ތަންކޮޅެއް ލަހުން ހޭލެވުނީ. ބަނޑުހައިވެފައިތަ؟ "

"ނޮޕް.. ކެމް ނިދާފައި އޮތީމައޭ ކިޔާފައި އަހަރެން ބަނޑަށް މަރުވާކަށް ނުވާނެއްނު. އެއްޗެއް ކާލައިފިން......." ނާޔަލް ޖިންސްގެ ޖީބަށް އެއް އަތް ޖަހާލައިގެން ހުރިއިރު ވަރަށް ހިތްގައިމެވެ. ކޮންމެވެސް ވަރަކަށް ތުނބުޅީގެ އަސަރު ހުރުމުން ފިރިހެންވަންތަކަމާއި ޝަޚުސިއްޔަތު ވަރުގަދަވެފައިވިޔަސް "ޕްރިޓީ" އޭ ބުނެވޭފަދަ ގޮތެއްވެސް ހުރެއެވެ. ކެމީލާ ތަންކޮޅެއް ވިސްނާފަދަ ނަޒަރަކުން ބަލައިލުމުން ނާޔަލް އެއް ބުމަ އަރުވައިލިއެވެ. ކެމީލާ އޭނަދެކެ ގަޔާވާކަމަށް ހީކޮށް ފޮނިވީކަމަށް ވެދާނެއެވެ. ކެމިލާ އަވަހަށް ބުމަ ކައިރިކޮށްލާފައި ތުން ފިތައިލިއެވެ. ނާޔަލް ހީލިއެވެ.

"ކެމްއަށް އެހީވާން މެއިޑަކު ގެނެސްފައި ހުންނާނެ. މަންމަމެން އޭޖް މީހެއް. ސޯފީ ޔޫކޭގައި މަސައްކަތު އުޅޭތާ ވަރަށް ދުވަސްވެއްޖެ. ސޯފީ މިކޮޅަށް އަންނާންވެގެން އުޅުމުން ވަޒީފާއެއް ހޯދަދޭން އެދުނީ. އޭނަ ހީވާގިކަމުން ހިތަށް އެރީ ކެމްއަށް ފަސޭހަވާނެއޭ. އެހާ މީރުކޮށް ކައްކަން އެނގޭ. ކެމް ބޭނުން ގަޑިއެއްގައި އަމިއްލައަށް ކައްކާލިޔަސް އެންމެ ރަގަޅު. އެކަމަކު އޭނަ އެހީތެރިވާނެ ދޯ. ގޭގެ ތަންތަން ސާފުކޮށް ދޮވެ އިސްތިރިވެސް ކޮށްދޭނެ. އޭރުން ކެމްއަށް ކިޔެވުމާއިގެން އުޅެވޭނެއްނު...." ނާޔަލް ވާހަކަދައްކަމުންގޮސް ބަދިގެއާއި ހަމަޔަށް ދިޔައެވެ.

ސޯފިއާ އާއި ކެމީލާ ތައާރަފުކޮށްދިނުމަށްފަހު ނާޔަލް ދިޔައީއެވެ. ސޯފިއާ ހުރީ މެއިޑް ޔުނިފޯމްގައެވެ. ކަޅުކުލައިގެ އަތްދިގު މަތިކޮޅެއް ލާފައިވާއިރު ބޭރުން ހުރީ ޑަންގޭރީއެއްގޮތަށް ހުދު އެއްޗެއް ލާފައެވެ. ހެދުމާއި ގުޅޭކަހަލަ ފޮތިކޮޅެއް ބޮލުގައި އަޅާފައިވެއެވެ. ރަންމުށިކުލައަކަށްދާ އިސްތަށިގަނޑުގެ ހުޅި ބޮޑުކަމުން އިސްތަށިގަނޑު ވަރުގަދަކަން އެނގެއެވެ. ފެހި އަދި ނޫކުލަ އަރާ ދެލޮލެވެ. ޒުވާންއިރު ރީތިވާނެކަން އެ އޮމާން ހަމާއި ހަށިގަނޑުގެ ބައްޓަންވެސް ސާބިތުކޮށްދެއެވެ. ސޯފިއާ ކޮންމެވެސް ވަރަކަށް އޭނަގެ ވާހަކަތައް ކެމީލާއާއި ހިއްސާކުރިއެވެ. އޭނަ މަސައްކަތްކުރީ ފުދޭވަރަކަށް ޝާހީ ގޮތަށް އުޅުނު އާއިލާއެއްގައި ކަމުން އެގޭގައި އުޅޭ ހުރިހާ ނޯކަރުންވެސް ޔުނިފޯމްލައެވެ. އޭނައަކީ ހުރިހާ މެއިޑުންގެ ވެރިޔާއެވެ. ސޯފިއާ ބުނީ އޭނަ ހުރީ އެހާ ކިޔަވައިގެން ނޫން ކަމަށެވެ. ތަންކޮޅެއް ޒުވާންއިރު ލޮޓަރީއެއް ކާމިޔާބުވެގެން މިލިއަނަރަކަށްވެސް ވިކަމުގައެވެ. ނަމަވެސް ފިރިމީހާގެ ވިޔާނުދާކަމުން ޖުވާކުޅެ އެންމެފަހުން ޖަލަށްވެސް ލާންޖެހުނީއެވެ. އެގޮތަށް ކުއްލިއަކަށް ފައިސާ ލިބުމަކީވެސް ރަގަޅުކަމެއް ނޫންކަން އޭނައަށްވަނީ ތަޖުރިބާކުރެވިފައެވެ.

ކެމީލާ ސޯފިއާއަށް އެ ގެ ދައްކާލަން ބުރެއް ޖަހައިލިއެވެ. މިގެއަކީ އަމިއްލަތަނެއްކަމުގެ އިހުސާސްކުރެވެނީ ކީއްވެހެއްޔެވެ. މިއީ އޭނަގެ އަމިއްލަ ގެއެއްވެސް ނޫނެވެ. ނަމަވެސް މިފަހަކަށް އައިސް އޭނަ އެންމެ އުޅެން ބޭނުންވާ ތަނަކީ މިއީއެވެ. އެންމެ ހިތްހަމަޖެހިގެން އުޅެވެނީވެސް މިތާގައެވެ. އެގޭގެ ވެރިމީހާއަކީ އޭނަ ކަމުގައި ހީނުކުރެވޭންވީ ސަބަބެއް ނެތެވެ. ކައްކަނީ އޭނަ ބޭނުންވާ އެއްޗެކެވެ. އޭނަ ބޭނުން ވާ ގޮތަށް އެގޭގެ ނާޔަލްގެ ސްޓޫޑިއޯ އާ އަރާ ހަމަވެފައި ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. ނާޔަލްގެ ހުރިހާ ކުރެހުންތަކެއް އޭނަ ހަލާކުކޮށްލީއެވެ.

"މިއޮތް ބޮޑުގެ ސާފުކުރުން ފަސޭހަކަމަކަށް ނުވެސް ވާނެއްނު ސޯފީ. ނާޔަލް މަސައްކަތްކުރާ މީހުން ގެނެސްފައި ގިނަގިނައިން ސާފުކުރުވާތީ މިހާ އޮފް އަރަނީ. އަހަރެންވެސް ބަލަން ވީހާވެސް ސާފުކޮށް މާބްލް ތައް ގެންގުޅެން. ވަރަށް އަރާމު ގެއެއް.........." ކެމީލާ ސޯފިއާއަށް ބަލައިލީ ޝައުގުވެރި ނަޒަރަކުންނެވެ.

"އެހެން މަސައްކަތެއް ނުކޮށް ގޭގައި ހުންނަ މީހަކަށް މިހުރިހާ ކަންތަކެއް ކުރުމަކީ އުދަގޫކަމަކަށް ނުވާނެ. އަންހެނުން ގެވެހި ވުމަކީ މިއީ ނޫންތަ؟ ކައްކާފައި ގެ ސާފުކޮށް ދޮވެ އިސްތިރިކުރުމަކީ ހަމަ އެންމެ އުފާވާކަންތައް. އޭރުން އިތުރު ކަމަކާއި ނުވިސްނާ މަސައްތަކާ މަޝްޢޫލުވެގެން އުޅެވޭނެ. މިގޭ ޕްރެޔަ ރޫމެއް ހުރޭތަ؟" ސޯފިއާގެ ސުވާލުން ކެމީލާ ސިހުނެވެ. މީނަ މިއުޅެނީ އަޅުކަންކުރަން ފައްޅިއެއް ނެތިގެން ހެއްޔެވެ.

"ނެތް...."

"މިހާ ބޮޑުގެއެއްގައި ޕްރެޔަ ރޫމެއް ހުންނަން ޖެހޭނެކަމަށް އަޅުގަނޑު ދެކެނީ. ކިތައް ކޮޓަރި މިހިރީ. ގިބުލަ އެނގޭތަ؟ "

"ސޯފީ ތިއީ މުސްލިމެއް؟ " ކެމީލާ ދެލޯ ބޮޑުވީ ސޯފިއާ ގިބުލަ އޮޅުން ފިލުވަން އެހުމުންނެވެ. މީހަކު ހެދުން އަޅާގޮތަކުން އެމީހެއްގެ ދީނެއް ނޭގޭނެއެވެ. ސޯފިއާ ކަކުލާއި ހަމަޔަށް އަރާ ހެދުމެއްގައި ހުރުމުން ހީކުރެވުނީ އެމެރިކާ ކްރިސްޓިއަނެއް ކަމުގައެވެ. މުސްލިމެއްކަން އެނގުމުން ހިތަށް ލުއިވެގެން ދިޔައެވެ.

"އުފަންވީ ކްރިސްޓިއަނެއްގެ ގޮތުގައި. މުސްލިމް އާއިލާއަކާއިއެކު އުޅުމުން ކޮންމެވެސް ވަރަކަށް ދީން އެނގޭ. އެންމެ ލޯބިން ގެންގުޅެވެނީވެސް މުސްހަފެއް. އެކަމަކު ނަމާދު ކޮށްލުން ފިޔަވާ އަދި މާ ބޮޑުކަމެއް ނޭގޭ. ކެމީލާ ދީން ދަސްކޮށްދީ....." ސޯފިއާ އެދުނެވެ. ކެމީލާގެ ދެލޯ ދިއްލުނެވެ. ސޯފިއާ މުސްލިމެއްކަން އެނގުމުން ބުނެދޭން ނޭގޭކަހަލަ ޖޯޝެއް ހިތުގައި ހިނގައިގަތެވެ. ސޯފިއާއަށް ދީން ދަސްކޮށްދޭން ބޭނުންވިއެވެ. އެމީހަކަށް އެނގޭ އެއްޗެއް އެހެން މީހުންނާއި ހިއްސާކުރެވެން ވާނެއެވެ. ސޯފިއާގެ ޚިޔާލު ކެމީލާއަށް ކަމުދިޔައެވެ. އަޅުކަންކޮށްލަން ޚާއްސަ ކޮޓަރިއެއް ހަދަން ވަގުތުން ކެމީލާ ނިންމާ ނާޔަލް ކައިރިން ކޮޓަރިއެއް ހޯދަން އެދުނެވެ. ނާޔަލް ބުނީ ހުހަށް ހުރި ކޮޓަރިތަކުން ކޮޓަރިއެއް ނަމާދުކުރަން ޚާއްސަކޮށްލުމަށެވެ. ސޯފިއާއާއި ދެމީހުންވެގެން އެދުވަހު އެ މަސައްކަތްކުރިއެވެ. މަޑުމަޑު ރަގްތައް ގެނެސް އެކޮޓަރީގައި އަޅާފައި މުސައްލާތައް އެޅިއެވެ. ކުޑަ ހަރުގަނޑުގައި ޚަތިމާއި ދީނީ ފޮތްތައް ބެހެއްޓިދާނެއެވެ. އޭނަ އަތުގައި ހުރި އެކަހަލަ ފޮތްތަކާއި ޚަތިމްތައް ގެނެސް އަތުރާލުމުން ކެމީލާގެ ދޮންމޫނު އުފަލުން ރަތްވިއެވެ.

"ތޭންކްސް ސޯފީ..." ކެމީލާ ވަރަށް ގާތްގޮތަކަށް ސޯފިއާގެ ގައިގާ ބައްދައިލިއެވެ. މިކުއްޖާގެ ހިތްހެޔޮކަމާއި އަޚުލާގު ރަގަޅުކަން ފެނި ސޯފިއާއަށް ތަފާތު އަސަރެއްކުރިއެވެ. އޭނަ އެތައް އަހަރެއްވާންދެން ޝާހީ އާއިލާއަކާއެކު އުޅުނުއިރު އެމީހުން އޭނައާއި މިގޮތަށް ގާތްކަން ބަހައްޓާފައެއް ނުވެއެވެ. ގޭގެ އިސް އަންހެންވެރިންވެސް ދައްކަންޖެހޭ ވާހަކައެއް ނޫނީ ނުދައްކައެވެ. މިއީވެސް އޭނަގެ ވެރިންނެވެ. ނަމަވެސް މި އަންހެންކުއްޖާ އުޅޭގޮތުން އެކަހަލަ ބޮޑާ ސިފައެއް ނެތްކަން އެނގެއެވެ. އާދައިގެ ކުއްޖެކޭ ތަފާތެއްނެތެވެ. މިހާ ރަގަޅު ބަޔަކަށް ޚިދުމަތްކުރަން ޖެހުމުން ސޯފިއާގެ ހަޔާތަށް ދުވަހަކު ނުލިބޭހާ އުފާތައް ލިބުނެވެ. މާޒީގެ ހިތި ހަދާންތަކުން އަރައިގަނެވި މި ސޯލިހު އަންހެންކުއްޖާގެ ޚާދިމާއެއްކަމުގައި އުމުރު ދުވަހުވެސް ހުންނަން އަޒުމް ކަނޑައެޅިއެވެ. ލިބުނު ކޮޓަރި އެހާ ތަނަވަސްވެފައި އަރާމެވެ. އޭނަ ބެހެއްޓީ ޚާދިމާއިންނަށް ޚާއްސަކޮށްފައިވާ ބަޔެއްގައެއް ނޫނެވެ. އެގޭ މެހުމާނުންނަށް ޚާއްސަ ކޮޓަރިއެއްގައެވެ. ސޯފިއާ އޭނަގެ ދަބަހުގައިވާ އެއްޗެހި އަތުރާލާފައި އަރާމުކޮށް އެނދުގައި ޖައްސާލުމާއިއެކު ދެލޮލަށް ނިދީގެ އަސަރުތައް ވެރިވެގެންފިއެވެ.

ކެމީލާ ދޮރު ހުޅުވައިލިއިރު މާކަސްއާއި ޖޫލް ދޮރުމަތީ ތިބިތަން ފެނިފައި ވަގުތުން ތިރިވެލާފައި ޖޫލް ގެނެސް އަތުތެރެއަށް ލިއެވެ. ކޯތާފަތުގައި ބޮސްދިނެވެ.

"އޯވަނައިޓަކަށްތަ ބޭގް ވެސް ރެޑީކޮށްލައިގެން ސްވީޓްހާޓް މިއައީ؟ " ކެމީލާ ހިނިތުންވެލާފައި ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"ނޮޕް. ދުވަސްކޮޅަކަށް ކެމް ސިސް ކައިރީ ބަހައްޓަންވެގެން ކައިޒާން ފޮނުވީ......" މާކަސް ކައިޒާންގެ ނަން ކިޔުމުން ކެމީލާގެ މޫނުރަތްވި ކަން މަކަސް ފާހަގަކުރިއެވެ. މާކަސް އެއްލޯ މަރައިލިއެވެ.

"ވަޓް....ކީއްވެ.." ކެމިލާ ކަންބޮޑުވިއެވެ.

"ކައި ޖޮބަށް ދާން ފަށައިފި. އިރުއޮއްސޭއިރަށް ގެއަށް އާދެވެނީ. އަހަންނަށްވެސް މިހާރު ކައިއަކަށް އެހާ ވަގުތެއް ނުދެވޭ. އެހެން ހުއްޓާ ހަވާއީއަށް ޓޫ ވީކްސް އަށް ދާން މިއުޅެނީ. ވީމަ ޖޫލް ބަހައްޓަން އެންމެ އެކަށީގެންވާ ތަނަކަށް ފެނުނީ މިގެ. ހޯމްސްކޫލިން ހަދާލީމަ ޖޫލްއަށް އޭގެ ބެނެފިޓް މާ ބޮޑަށް ކުރާނެ. ކައި ބުނި ތިރީސްހާސް ޑޮލަރަށް މުސާރަ ބޮޑުކުރާނަމޭ.. ޖޫލް ރަގަޅަށް ބަލާދޭށޭ. ކިޔަވާދޭށޭ. ކެމްހާ ރަގަޅު ޓީޗަރެއް ޖޫލްއަކަށް ނުލިބޭނެ........" މާކަސް ތައުރީފުކޮށްލިއެވެ. ކައިޒާން ދޭން ބުނި މުސާރަ ބޮޑުކަމުން އަނގަ ހުޅުވުނުގޮތަށް ލައްޕާލާކަށްވެސް ނޭގުނެވެ. ނަމަވެސް ދިރިއުޅުމަށްޓަކާ އެންމެ ޟަރޫރީ އެކައްޗަކީ ފައިސާއެވެ. މުސާރަ ބޮޑުކަމުން އެ އަގާއި އެއްވަރަށް ޖޫލްއަށް ކިޔަވާދީ ތަރުބިއްޔަތު ކުރެވިދާނެ ކަމާއިމެދު ޝައްކެވެ. ނާޔަލްގެ ހުއްދަ ހޯދަންޖެހޭނެއެވެ. ކައިޒާންގެ ދަރިއަކަށްޓަކާ ވަގުތު ދޭންފަށައިފިއްޔާ ނާޔަލް ހަސަދަވެރިވާނެއެވެ. ހުއްދަދޭނެ ކަމެއްވެސް ނޭގެއެވެ. ކޮފީއަކަށް ދައުވަތު ދިނުމުން މަޑުކުރެވެން މިހާރު ނެތްކަމަށް ބުނެފައި މާކަސް ދިޔުމުން ކެމީލާ ޖޫލް އުރައިލިއެވެ.

ނާޔަލް ހުއްދަ ދިނަސް ނުދިނަސް އޭނަ ވާޖިބުއަދާކުރާނެއެވެ. ޖޫލް އެގޭގައި ބަހައްޓަން ޚިޔާލެއް ހޯދާނެއެވެ. ނާޔަލް ގެއަށް އައިއިރު ޖޫލް އޮތީ ނިދާފައެވެ. ކެމީލާ ޖޫލް ދުވަސްކޮޅަކަށް އެގޭގައި ބަހައްޓަން ބޭނުންވާކަމަށާއި ތިރީސްހާސް ޑޮލަރު ލިބޭނެ ވާހަކަ ބުނުމުން ނާޔަލް ހޭންފެށިއެވެ. ކެމީލާ ބޭނުމިއްޔާ އެއްވެސް މަސައްކަތަކާއި ނުލާ އެއްލައްކަ ޑޮލަރުގެ މުސާރަ ދީފާނެކަމުގައި ބުނުމުން ކެމީލާއަށް މަޖާވިއެވެ.

"މިސްޓަރ އެރޮގަންޓް....އަޅުގަނޑު މުސާރަ ހޯދާހިތްވަނީ މަސައްކަތްކޮށްގެން. އެއްލައްކަޑޮލަރު ދޭން ބޭނުންނަމަ މަސައްކަތްކުރަން ސޯފީ ނުގެންނާނެއްނު ހެހެ...."

"ސްލީޕިން ވިތް އެނެމީއަށް ވުރެ ބުރަ މަސައްކަތެއް އޮންނާނެތަ؟ ފޯ ދެޓް..." ނާޔަލްގެ ދެލޮލުގައި ލާނެތްކަމެއްވިއެވެ.

"ޔޫ އާ ރައިޓް. އެކަމަކު އެއީ މުސާރައަށް ކުރާކަހަލަ ކަމެއް ނޫން. ދެޓްސް ޕާޓް އޮފް ބީން މެރީޑް..........." ނާޔަލްގެ ތޫނު ނަޒަރު ހުއްޓުމުން ކެމީލާ ލަދުގަންނަގޮތްވިއެވެ. މޫނަށް ފިޔާތޮށިކުލަ ވެރިވިއެވެ. އެގޮތަށް ބަލަނީ ގަސްތުގައި އޭނަ ލަދުގަންނަވާލަން ހެއްޔެވެ. އެހެންނޫނަސް ނާޔަލް ދެން މިގަޑީގައި މިފެށީވެސް ކޮން ވާހަކައެއްހެއްޔެވެ. އެކަމަކު ނާޔަލް އެކަހަލަ ކަމެއް ފަށާކަށް ވަގުތެއް ނޯވެއެވެ. އޭނަ ފެނުމުން ނާޔަލްއަށް ނަފުސް ކޮންޓްރޯލް ކުރަން އުދަގޫވާކަމުގައި ބުނުމުން އެއީ ތައުރީފެއް ބާވައޭ ކެމިލާގެ ހިތަށް އެރިއެވެ. ނަމަވެސް މިފަހަކަށް އައިސް ނާޔަލްގެ ގޯނާތަކާއި ފިރުމުންތަކާއި ގަޔާވެވެން ފަށައިފިއެވެ. އެގޮތަށް ބައްދާލުމުން ލިބޭ ހިތްހަމަޖެހުން އެހެން ކަމަކާއި އަޅާނުކިޔޭނެއެވެ. ހިތްތައް ފިދާވާ ފަދަ މޫނުގައި އެހުންނަ އަސަރުތައް ފެނުމުން ކެމިލާއަށް ނާޔަލްއާއިއެކު ގިނަވަގުތުތަކުގައި އުޅޭހިތްވާން ފެށިއެވެ. ނުފެނި އިރުކޮޅެއްވިޔަސް އުދަގޫވެއެވެ. އެކީގައި އުޅެންފެށުމުން އެކަހަލަ އިހުސާސްތައް ކުރެވެނީއެވެ.

"ހީޒް ހޮޓް ހީޒް އެޓްރެކްޓިވް. އެހާ ގޯޖަސް. މީހެއްގެ ހުރި ސިފައަކާއި ދެކޮޅެއް ނެހެދޭނެ. ރީތި މީހަކު ރީއްޗޭ ބުނެވޭނީ. ފިދާވާހާ ރީތިކަމެއް އޭނައަށް ދެއްވާފައިވަނީ. އެހެންވެކަން ނެގޭ ނާޔަލް އެކަހަލަ ކަންތައްކުރީމަ ލައިކްވެސް ވެވެނީ. އެހެންނޫނަސް ހީޒް މައި ހަޒްބެންޑް.." ކެމީލާ މެޔާއި ޖައްސާ ބާރުކޮށްލައިގެން އޮތްއިރު ނާޔަލްއާއިމެދު ވިސްނުނެވެ. ކައިޒާންއަށް އޭނައާއި ނާޔަލްގެ ގުޅުން އެނގިއްޖެއްޔާ ހިތްހަމަނުޖެހޭނެ ބާވައެވެ. މިހާރު ރުހިގެން ނާޔަލްއާއިއެކު އުޅޭކަން އެނގިއްޖެއްޔާ ކައިޒާން ހާދަ ދެރަވާނެއެވެ. ނާޔަލް އޭނަ ވަރިނުކޮށްގެން ދުވަސްކޮޅެއް ދޭށޭ އެބުނަނީ ކީއްވެ ހެއްޔެވެ. ނަމަވެސް ނާޔަލްއާއިއެކު އުޅެންޏާ އޭނަގެ ހުރިހާ އެދުމަކަށް ކޮންމެ ވަގުތަކުވެސް އިޖާބަދޭންވާނެ ނޫންހެއްޔެވެ. އޭގެ ކުރިންވެސް ނާޔަލްގެ ހިތްހެޔޮކަމާއި އޯގާތެރިކަން ކެމީލާގެ ހިތުން ކޮންމެވެސް ކަހަލަ ޖާގައެއް ހޯދާފައިވިއެވެ.

ހަވީރު ވަގުތު ނާޔަލްއާއި ކެމީލާ ޖޫލްގެ އަތުގައި ހިފާލައިގެން ހިގާލަން ދިޔައެވެ. ކޯރުގެ އައްސޭރީގައި ކޮންމެވެސް ވަރަކަށް ވިނަތައް ފަޅާފައި ކުދިކުދި މާތައް ފޮޅެންފަށައިފިއެވެ. ފިނިމޫސުމް ނިމި ބަހާރުގެ ކުލަތަކުން މުޅި ހިސާބަށް ދިރުން ގެނެސްފިއެވެ. ސްވޭންތަކަށް ކާންދޭން އުޅުނުއިރު ޖޫލް އުފަލުން ފޮޅިފައެވެ. ނާޔަލް ދުރުގައި އެ މަންޒަރު ބަލަންހުރިއިރު އޭނަގެ ވެސް ދަރިއަކު ހުރިނަމަ ހާދަ ރަގަޅޭހިތަށް އެރިއެވެ. ކިތަންމެ ލޯބި ކުއްޖަކަށްވިޔަސް ޖޫލްއަކީ އޭނަގެ ހައްގެއް ނޫނެވެ. އެހެން މީހެއްގެ ދަރިއެކެވެ. މިހާރު އެކަމާއި ވިސްނުމުގެ ބޭނުމެއްވެސް ނެތެވެ. އޭނައަކީ ވަޔަށް ހުށަހެޅިފައިވާ ހުޅުކޮޅެކެވެ. ކިތަންމެ ދިރުން ހުއްޓަސް ދާދި އަވަހަށް ނިވިދާނެއެވެ. ނަމަވެސް ޖޫލް އައުމުން ކެމީލާ ކުރިއަށްވުރެ ތަބީއަތު ރަގަޅުވެ އުފާވެރިކޮށް ހީ އުޅޭތަން ފެނުމުން ނާޔަލްގެ ހިތާމައާއި އެކަނިވެރިކަން ފިލައެވެ. އެހިނިތުންވުމަކީވެސް ހިތަށް ލިބޭ ޝިފާއެކެވެ.

ކެމީލާ ގެއަށް އައިއިރު މައިދައިތަ ނަތާލީ އިންތިޒާރުގައި އިނެވެ. ނާޔަލް މަންމައަށް ގޮވުމުން އަޑު އިވުނުކަމަށްވެސް ނެހެދިއެވެ. އޭނަ ހަވާއީއަށް ދުވަސްކޮޅަކަށްދާން އުޅޭތީ ސަލާމްކުރަން އައިކަމުގައި ބުނީ ކެމީލާއަށް ބަލާފައެވެ. ސޯފިއާ އާއިމެދު ނަތާލީ ކަންތައްކުރީ ވަރަށް އިހާނެތިކޮށެވެ. އަމުރުވެރިކަމުގެ އިންތިހާއެވެ. ގެނައި ކޮފީވެސް ކަމު ނުގޮސްގެން ހަޅޭއްލެވިއެވެ. ނާޔަލްމެންނަށް ރަގަޅު ނޯކަރެއް ގެންނަން ނޭގެނީހެއްޔޭ ވެސް އަހައިލިއެވެ. ޝެފަކާއި އެންމެ މަޝްހޫރު ޑޮމެސްޓިކް މެއިޑުން ގެނެވެން ހުރިއިރު ނާޔަލްގެ ޗޮއިސްތައް ރަގަޅުނުވަނީ ކީއްވެހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. ނަތާލީ ހުރީ ވަރަށް ނަލަ ހެދިލައިގެންނެވެ. މޫނުމަތީގައި އެންމެ ރުލެއްވެސް ނެތެވެ. ނާޔަލްގެ މަންމައޭ ބުނެވޭވަރެއްވެސް ނޫނެވެ. ގަޔަށް ބާރު ހެދުމެއްލައިގެން ހުރިއިރު ހުރިހާ ވަނާތައް ހާމައަށެވެ.

ކެމީލާ އެކަނިވީ އިރަށް ދަބަހުން ނަގާފައި ދިނީ ދޭތެރެ ދުކުރާ ބޭހެވެ. ހަނދާންކޮށް ގަޑިން ބޭސްކާން އަމުރުކުރިއެވެ.

ކެމީލާ ހުރީ ހައިރާންވެފައެވެ. ނަތާލީއާއި މާކަސް އެކީގައި ހަވާއީއަށް އެދަނީ ކައިވެނިވެސް ނުކޮށް ތިބެއެވެ. މުސްލިމުން އެގޮތަށް އުޅެން ހެޔޮނުވާނެއެވެ. މުއްސަދިވުމުގެ އެންމެ ބޮޑު ބަދުނަސީބަކީ މިއީއެވެ. ހެއްދެވި ފަރާތާއި ދުރަށް ދެވޭކަމެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ހުރިހާ ފާފަތަކަށް އަރައިގަނެވެނީއެވެ. މަރުވާނެ އިރެއް އެނގެނީއެއް ނޫނެވެ. ގައިމު އެމީހާ ކުރާ ފާފަތަކަށް ތައުބާ ނުވަންޏާ ނަރަކައިގެ އަޒާބާއި ކުރިމަތިލާން ޖެހޭނެއެވެ. ނަތާލީއާއި މާކަސް ރައްޓެހިވެގެން އުޅޭ ވާހަކަދައްކާފައި ނޯޔާ އެކަމާއި ދެރަވެގެން ކެމިލާއަށް ގުޅާފައި ވާހަކަދައްކައެވެ. ބައްޕައާއި މަންމަ ގުޅެން ބޭނުންވާކަމުގައި ބުނެއެވެ. އަދި ނަތާލީ މާކަސްއާއިއެކު ހަވާއީއަށް ދާކަން އެނގިއްޖެއްޔާ އެކުއްޖާއަށް ވާނީ ކިހިނެއްހެއްޔެވެ.

ކެމީލާގެ އަތުގައި މާކަސްގެ ނަމްބަރު އޮވެއެވެ. ނަމަވެސް މިނޫނީ ދުވަހަކުވެސް އޭނަ މާކަސްއަށް ވައިބާ ކޮށްފައެއް ނުވެއެވެ. ކެމީލާ ވައިބާކުރީ ދީނީ މެސެޖެކެވެ. ވީޑިއޯއެކެވެ. ގުރުއާނުގެ އާޔަތްތަކެވެ.

"ތޭންކްސް ކެމް ސިސް. ލަވް ޔޫ...." މާކަސްގެ އެ ޖުމްލައިން ސިހިފައި ކެމީލާއަށް އިދެވުނެވެ. މައުސޫމްކަމާއިއެކު ހެޔޮ ނިޔަތެއްގައި ކުރި ކަމެއް މާކަސް އެގޮތަށް ބަލައިގެން ލޯބިވާ ވާހަކަ ބުނެގެން ނުވާނެއެވެ. ފިރިހެނުންގެ ފާޑެވެ. ލޯބިވުމާއި ފްލާޓްކުރުމަކީ ފެންފޮދެއް ބޯލުން ހާ ފަސޭހަކަމެކެވެ. ލޯބިވާ ވާހަކަ ބުނާނެ ފުރުސަތަކަށް ބަލަބަލާ ތިބޭފަދައެވެ. ތިމާގެ ހަލާލު ފިރިމީހާ ހުއްޓާ އެއްވެސް ނިޔަތެއްގައި އެއްވެސް ފިރިހެނަކާއި ވާހަކަދެއްކުން ހެޔޮނުވާނެއެވެ. އެއީ ދީނީ ކަމެއްގައި ވިނަމަވެސް ހެވެވެ. މާކަސްގެ ނިޔަތް ނުބައިވިޔަސް ހެޔޮ ވިޔަސް ހިލޭ އަންހެންކުއްޖަކަށް ލޯބިވެއޭ ބުނެވިގެން ނުވާނެއެވެ. އޭނަ ބޭބެއެއްގެ ނަޒަރުން ދެކުނަސް ދީނުގައި ހިލޭ މީހަކަށް ބޭބެއެއްގެ ނޫނީ އެކުވެރިއެއްގެ ގޮތުގައި ވާހަކަދެކެވިގެން ނުވާނެއެވެ. އޭނަ ދެކެފަދައިން މާކަސް ނުދެކި ހިނގައިދާނެއެވެ. ފިރިހެނުންގެ ހިތެއް ނޭނގޭނެއެވެ.

(ނުނިމޭ.... )

comment ކޮމެންޓް