ފަސް އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ބޯފެނާއި ނަރުދަމާގެ ނިޒާާމު ގާއިމުކުރާނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރ. ރަސްގެތީމުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި، ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބޯފެނާއި ނަރުދަމާގ ނިޒާމު ގާއިމުކުރައްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްގެތީމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ނަރުދަމާއާއި ބޯފެނަކީ އެއީ އަސާސީ ހިދުމަތެއްގެ ގޮތުގައި އަޅުގަނޑުމެން ދެކޭ އެއް ކަންތައް. ކަރަންޓާ. އަޅުގަނޑުމެންގެ ވެރިކަމުގައި އެ ހިދުމަތް ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނެ ޕްލޭނެއް އަޅުގަނޑުމެންގެ އެބަ އޮތް." އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހިދުމަތް ހުރިހާ ރަށެއްގައި ގާއިމުކުރުމަކީ ދަތި އުނދަގޫ ކަމެއްގެ ގޮތުގައި އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިހާރު ރަށްރަށުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ހަރަދުކުރާ އަދަދަށް ވުރެ ކުޑަ އަގަކަށް އެ ނިޒާމުތައް ގާއިމުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ދައުރުގެ ތެރޭގައި، ފަސް އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި އިރާދަކުރެއްވިއްޔާ، ބޯފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރެވިގެންދާނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން." އިބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ ރަސްގެތީމުގެ ބަނދަރު ހުރި ހާލަތު ފެނިވަޑައިގެންފައިވާ ކަމަށެވެ. އަދި އެރަށުގެ ބަނދަރު އޭނާގެ ސަރުކާރުގައި ފެންވަރު ރަނގަޅުކޮށް ހަދާނެ ކަމަށް ވިދާޅުވި އެވެ.

"މިހެން ހުރި ރަށްރަށުގެ ލިސްޓެއް އަޅުގަނޑުމެންގެ އަތުގައި އެބަ އޮތް. އަރައި ފޭބުމުގެ ދަތިކަން އޮތް ރަށްތަކުގެ ލިސްޓެއް އެބަ އޮތް ވަކިން އަޅުގަނޑުމެންގެ އަތުގައި ލިސްޓު ކުރެވިފައި. އެ ލިސްޓުގައި ހުރި ރަށްތަށް އެގޮތަށް ބަދަލުކުރެވިގެންދާ އިރު މި ރަށް ވެސް އޭގެ ތެރޭގައި ހިމެނި، މި ރަށުގެ ބަނދަރުގެ މަސައްކަތް ވެސް އިސްލާހުކުރެވި ރަނގަޅު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަޅުގަނޑު މި ފުރުސަތުގައި އަރުވަން." ރަސްގެތީމުގައި އިބޫ ވިދާޅުވި އެވެ.

ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުފުޅުގައި އިބޫ ވަނީ ރަސްގެތީމުގައި އިދިކޮޅު އިއްތިހާދުގެ ޖަގައެއް ވެސް މިއަދު ހުޅުއްވައިދެއްވާފަ އެވެ.

comment ކޮމެންޓް