ވެރިކަމުގެ ދައުރާމެދު އުފެދޭ ސުވާލަށް އިބޫ ސާފު ޖަވާބެއް ނުދެއްވި!

20 އޮގަސްޓް 2018: ކޯލިޝަން ކެންޑިޓޭޑް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަން ކުރައްވާނީ ފަސް އަހަރުތޯ ނުވަތަ 18 މަސް ދުވަހުތޯ އުފައްދާ ސުވާލަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ސާފު ޖަވާބެއް ނުދެއްވި އެވެ.

އެމްޑީޕީން އެންމެ ފުރަތަމަ އެކުލަވާލި މެނިފެސްޓޯގައި ވާގޮތުން އިބޫ ވެރިކަމަށް ވަޑައިގަންނަވާނީ 18 މަސް ދުވަހަށެވެ. އެކަމާއި ގުޅިގެން ޕީޕީއެމަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު ސޯލްޓްކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ އެކި ގޮތް ގޮތަށް އިބޫ އަށް، އެ ސުވާލު އަމާޒު ކޮށްފަ އެވެ. ނަމަވެސް އިބޫ އެ ސުވާލަށް ސާފު ޖަވާބެއް ނުދެއްވަ އެވެ.

"އެނގިވަޑައިގަންނަވާނެ ގާނޫނުގައި ވާގޮތުން ވެރިކަމަށް އިންތިހާބު ކުރެވޭނީ ފަސް އަހަރަށް. އެއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރެވޭ ގާނޫނަކުން. ގާނޫނުއަސާސީ އަށް ބަދަލު ގެނެސްގެން. އޭގެ ތަފްސީލުތައް އަޅުގަނޑުމެން އިރާދަކުރެއްވިޔާ ހާމަކުރާނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ އެހެން ވިދާޅުވުމުން ނޫސްވެރިން އަނެއްކާ ވެސް އެ ސުވާލު އަމާޒު ކުރި އެވެ. މިފަހަރު ނޫސްވެރިން އަހީ، ވެރިކަމުގެ ދައުރަށް ބަދަލު ގެނައުމަށް އިބޫ ތާއީދު ކުރައްވަންތޯ އެވެ. އަދި ވެރިކަމުގެ ދައުރު ކުޑަކުރަން މަޖިލީހަށް ހުށަހަޅާ ވާހަކަ މެނިފެސްޓޯގައި ހިމަނާފައި ވާނެތޯ އެވެ.

"ދައުރަށް ބަދަލެއް ގެންނަން، ފަސް އަހަރަށް ބަދަލެއް ގެންނަންޏާ އެކަން ކުރަން މި އޮންނަނީ ގާނޫނުއަސާސީގައި ރައްޔިތުންގެ ވޯޓަކުން. އެ ނޫން ގޮތަކަށެއް ދައުރެއް ކުރުކޮށް ދިގު ކުރެވޭ ކަށެއް ނޯވޭ. އެހެންވީމަ އެ ބަދަލުތައް ގެންނަ ކަމަށްވަންޏާ ގެންނަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން. އެކަންތައްތައް އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހާމަ ކުރެވިގެންދާނެ،" އިބޫ ވިދާޅުވި އެވެ.

އަށާރަ މަސް ދުވަހަށް ވެރިކަމަށް އަންނަ ފަރާތަކަށް ވެރިކަން ހަވާލު ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ވިދާޅުވެފަ އެވެ. އަދި ޕީޕީއެމުން ވެސް ބުނެފައިވަނީ އިބޫގެ ސަރުކާރު އެކުލަވާލަނީ ކިހާ ދުވަހަކަށް ކަން، ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

comment ކޮމެންޓް