ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

ގެފުޅުގެ ކިސްވާ ބަދަލުކުރުން ---- ފޮޓޯ: އެސްޕީއޭ

ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ. ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ކޮންމެ ހައްޖު ދުވަހެއްގެ ފަތިސް ނަމާދަށް ފަހު އެވެ.

ކިސްވާ ބަދަލުކުރުމުގެ މަސައްކަތް ފަށަނީ ހައްޖުގެ އެންމެ މާތް އަޅުކަން އަދާކުރުމަށް ހައްޖުވެރިން އަރަފާތަށް ދަތުރުފެށުމުންނެވެ. ގެފުޅުގެ ކިސްވާ ނުވަތަ އުރަކޮޅު ބަދަލުކުރަނީ އެކަމަށް ކަނޑައަޅާފައިވަ ޚާއްސަ ޓެކްނިކަލް ޓީމަކުންނެވެ.

ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރަނީ ފަށުވިންނެވެ. އަދި އުރަކޮޅުގައި ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ އިސްމުފުޅުތަކާއި ތަސްބީހަތައް ލިޔެފައި ވަނީ ރަނާއި ރިހީގެ އަސްލާކުންނެވެ. ގެފުޅުގެ ކިސްވާ އެކުލެވިގެންވަނީ ހަތަރު ބައެއްގެ މައްޗަށެވެ. އެއީ ގެފުޅުގެ ހަތަރު ފާރުގެ ތެރެއިން ކޮންމެ ފާރެއް ނިވައި ކުރުމަށް ވެސް ބައެއް ހިމެނޭ ގޮތަށެވެ.

އުރަކޮޅުގެ އިތުރުން ގެފުޅުގެ ދޮރުކޮޅަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ދޮރުފޮތިގަނޑެއް ވެސް ހިމެނެ އެވެ. އުރަކޮޅު ބަދަލުކުރާއިރު ކޮންމެ އަހަރަކު ވެސް މި ފޮތިކޮޅު ބަދަލު ކުރެ އެވެ. އުރަކޮޅު ބަދަލުކުރާ ގޮތަކީ އައު އުރަކޮޅު އޮޅާލައިގެން ގެފުޅުގެ މައްޗަށް ނެގުމަށް ފަހު އެ އުރަކޮޅު އައްސަން ޖެހޭ ތަންތަން ގެފުޅުގެ މަތީގައި އެއްސުމަށް ފަހު ތިރިއަށް ވައްޓާލައި ފަތުރާލުމަށް ފަހު ބައު އުރަކޮޅު މަތިން މޮހެލައި އައު އުރަކޮޅުގެ ދަށުން ވައްޓާލަނީ އެވެ.

އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 700 ކިލޯގެ ފަށުވި ބޭނުންކުރެ އެވެ. އުރަކޮޅު ތައްޔާރުކުރުމަށް ޚާއްސަ ފެކްޓްރީއެއް މިހާރު ސައުދީގައި ގާއިމްކޮށްފައި ހުންނައިރު ކިސްވާ ތައްޔާރުކުރުމަށް 17 މިލިއަން ސައުދީ ރިޔާލު ހޭދަކުރެ އެވެ. ގެފުޅުގެ އުރަކޮޅުގެ އުސްމިނުގައި 14 މީޓަރު އަދި ވަށަ މިނުގައި 47 މީޓަރު ހުރެ އެވެ.

ތަވާފް ކުރާ މީހުން ގިނަ ދުވަސްވަރު ގެފުޅުގެ އުރަކޮޅު ހުންނަނީ ތިން މީޓަރަށް އުފުލައިފަ އެވެ. އެއީ ކިސްވާ އަށް ދަމައި ހެދުމުން އުރަކޮޅަށް ގެއްލުންވާތީ އެވެ.

comment ކޮމެންޓް