ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކަށް މެޕްސް، އަންހެން ޑިވިޝަނުން ކްލިކްއަށް!

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ2018ގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2018ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެޕްސް ކޮލެޖުން އަދި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލިކް ކޮލެޖުން ހޯދައިފި އެވެ.

އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ކްލިކް ނުކުތީ އެވިޑް ކޮލެޖާ ދެކޮޅަށެވެ. އެ މެޗުން 2-0ގެ ނަތީޖާއިން ކްލިކް މޮޅުވި އިރު އެ ޓީމުގެ ދެ ގޯލު ވެސް ޖަހައި ދިނީ ޖާޒީ ނަމްބަރު ހައެއް ފަރާ އަހްމަދު އެވެ.

ފައިނަލް މެޗުގެ ވޮމަން އޮފް ދަ މެޗު ކަމަށް ވެސް ހޮވުނީ ފަރާ އެވެ. ފަރާއަށް ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ވެސް ލިބިފަ އެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކްލިކް ކޮލެޖުގެ ކޯޗެެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވިލާ ކޮލެޖެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިންނަށް ހޮވުނީ:

  • އަސްމާ އަލީ (އެވިޑް ކޮލެޖު)
  • ފާތިމަތު ޝަޒްރާ (ކްލިކް ކޮލެޖު)
  • ފިރުޝާނާ ނަސީރު (ވިލާ ކޮލެޖު)
  • އާއިޝަތު އީމާން އަހްމަދު (ވިލާ ކޮލެޖު)
  • މަރިޔަމް ވަފާ (ސައިރިކްސް ކޮލެޖު)

އަންހެން ޑިިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ކްލިކްގެ ފަރާ އަހްމަދު އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން މެޕްސް އިން ހޯދީ ފައިނަލްގައި 2-1ގެ ނަތީޖާ އިން ގައުމީ ޔުނިވާސިޓީގެ އެފްއެޗްޓީއެސް ބަލިކޮށްގެންނެވެ. އެ މެޗުގެ މޭން އޮފް ދަ މެޗްކަން ލިބިފައި ވަނީ މެޕްސްގެ އަަފްރާހު މުހައްމަދު އަށެވެ.

ފިރިހެން ޑިވިޝަންގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އެވޯޑު ދެ ކުޅުންތެރިއަކަށް ލިބިފައިވެ އެވެ. އެއީ ސައިރިކްސްގެ އަހްމަދު ސާމިހު އާއި އެފްއެޗްޓީއެސްގެ މުހައްމަދު ހުނެއިފު އެވެ.

ފިރިހެން ޑިވިޝަންގެ ފެއާ ޕްލޭ ޓީމުކަން ލިބުނީ ސައިރިކްސް އަށެވެ. އެންމެ މޮޅު ކޯޗު ކަން ލިބުނީ އެވިޑް ކޮލެޖުގެ ކޯޗަށެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ފިރިހެން ކުޅުންތެރިން:

  • ރިޝްވާން އަބްދުލްރަހްމާން (އެފްއެޗްޓީއެސް)
  • އަބްދުލްވާހިދު އިބްރާހިމް (އެފްއެޗްޓީއެސް)
  • އަހްމަދު ހުނެއިފު (އެފްއެޗްޓީއެސް)
  • ސަމަހް ޝަރީފު (މެޕްސް)
  • މުހައްމަދު ރިލްވާން (އެމްއެންޔޫ ބިޒްނަސް ސްކޫލް)

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ މެޕްސްގެ އަފްރާހު މުހައްމަދު އެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފު އެވެ. އަދި އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފައްނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެންޔޫއެސްޔޫ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް ފިއެސްޓާގެ މި އަހަރުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

comment ކޮމެންޓް