ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2018 ގެ ފައިނަލް މެޗުތައް މާދަމާ ހަވީރު ކުޅޭނެ އެވެ.
އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ކުޅޭނީ އެވިޑް ކޮލެޖާއި ކްލިކް ކޮލެޖެވެ. އެ މެޗު އޮންނާނާ މާދަމާ ހަވީރު 15:45 ގައި އެކުވެނީގަ އެވެ.
ކްލިކް ކޮލެޖު ފައިނަލަށް ދިޔައީ، ސެމީގައިި އެމްއެންޔޫ ބިޒްނަސް ސްކޫލުގެ މައްޗަށް ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. އެ މެޗު ކްލިކް ކޮލެޖުން ކާމިޔާބު ކުރީ 6-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ވުމަން އޮފް ދަ މެޗަށް ހޮވުނީ ކްލިކް ކޮލެޖުގެ ހަ ނަންބަރު ޖާޒީގައި ކުޅުނު ފަރާ އަހްމަދެވެ.
އެވިޑް ކޮލެޖު ފައިނަލަށް ދަތުރު ކުރީ ސެމީގައި ވިލާއާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގެ ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ. ފުރިހަމަ ވަގުތުގައި 2-2 އަކުން ނިމުނު މެޗު އެވިޑް ކާމިޔާބު ކުރީ ޕެނަލްޓީގައި 5-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ ވުމަން އޮފް ދަ މެޗްކަން ލުބުނީ އެވިޑްގެ ޖާޒީ ނަމްބަރު ތިނެއް، ފާތިމަތު ރިޝްތާ އަށެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗުގައި ކުޅޭނީ މެޕްސް ކޮލެޖާާއި އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު 16:30 ގައި އެކުވެނި ދަނޑުގަ އެވެ.
މެޕްސް ފައިނަލަށް ދަތުރު ކުރީ ސެމީގައި ސައިރިކްސް ކޮލެޖުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗުު 5-1 ގެ ނަތީޖާއިން މެޕްސް ކާމިޔާބު ކުރި އިރު، މޭޭން އޮފް ދަ މެޗަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަމްބަރު ނުވައެއް، އަފްރާހު މުހައްމަދު އެވެ.
އެފްއެޗްޓީއެސް ފައިނަލަށް ދަތުރު ކުރި ސެމީގައި އައިޔޫއެމްގެ މައްޗަށް 4-0 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޭން އޮފް ދަ މެޗަށް ހޮވުނީ އެފްއެޗްޓީއެސްގެ ޖާޒީ ނަމްބަރު ހަތެއް، އަބްދުލް ވާހިދު އިބްރާހިމް އެވެ.
އެމްއެންޔޫއެސްޔޫ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް ފިއެސްޓާގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ ސްޕޮންސަރުންނަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.