ސްޕެޝަލައިޒް ވުމަށް ހަ ޑޮކްޓަރަކަށް ލޯނު ދީފި

ސްޕެޝަލައިޒް ވުމަށް ހަ ޑޮކްޓަރުން ބޭރަށް ފުރަން ވަނީ ހަމަޖެހިފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިއްހީ ދާއިރާއިން ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ގޮތުން ހަ ޑޮކްޓަރަކަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ލޯނުދީފި އެވެ.

ސްޕެޝަލައިޒް ވުމަށް އެ ހަ ޑޮކަޓަރުންނަށް ލޯނު ދޫކޮށްފައިވަނީ ތަފާތު ދާއިރާތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެނެސްތީސިއާ، އީއެންޓީ، ޖެނެރަލް ސާޖަރީ، ޕީޑިއޭޓްރިކްސް، ސައިކޭޓްރީ އަދި ރޭޑިއޮލޮޖީ އެވެ.

ޑީއެޗްއީން ބުނީ، އެ ހަ ޑޮކްޓަރުންނަކީ، 11 ދާއިރާއަކުން ސްޕެޝަލިސްޓުން ތަމްރީން ކުރުމަށް، މިމަހު ކުރީކޮޅު ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން ދިން ލޯނުތަކެއް ކަމަށެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު "ސަން" އަށް ވިދާޅުވީ 11 ދާއިރާއަކުން ލޯނުގެ ފުރުސަތު ހުޅުވާލި ނަމަވެސް ފަސް ދާއިރާއަކަށް އެއްވެސް މީހަކު ކުރިމަތި ނުލާ ކަމަށެވެ.

އޭނާ ވިދާޅުވީ ލޯނު ދިން ފަސް ޑޮކްޓަރުން މިމަހުގެ 26 ވަނަ ދުވަހު ނޭޕާލަށް ފުރަން ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން، ބޭރުގެ ބައެއް މެޑިކަލް ކޮލެޖުތަކާއި އެކު، ދިވެހިންނަށް ފުުރުސަތުތައް ހޯދައިދިނުމަށް ވަނީ އެއްބަސްވުންތަކެއްގައި ސޮއި ކޮށްފަ އެވެ.

comment ކޮމެންޓް