އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހެދިކަމަށް ބުނެ ހަތަރު މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބައެއް މީހުން މުއްދަތު ޖަހަން ކޯޓަށް ގެންދަނީ.

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ މެންބަރަކު ވިދާޅުވީ، އެ ހަތަރު މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ރަށު ކައުންސިލުގެ ޒިންމާދާރު ވެރިޔާ އާއި އެޑްމިން އޮފިސަރެއްގެ އިތުރުން އާންމުންގެ ދެމީހަކު ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުން ހައްޔަރު ކުރަން، ހުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި މައްސަލައިގެ ތަފްސީލުގެ ގޮތުގައި ބުނެފައިވަނީ، އެމީހުން ހައްޔަރު ކުރަނީ "2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ގެނައުމަށް ސިހުރު ހާހޫރަ ހަދައި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލަ"ގައި ކަމަށެވެ.

މިއަދު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހައިފަ އެވެ. އެގޮތުން، ކައުންސިލުގެ ޒިންމާދާރު ވެރިޔާ އާއި އެޑްމިން އޮފިސަރުގެ ބަންދަށް އަށް ދުވަސް ޖެހި އިރު، އާންމު ދެމީހުންގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަސް ދުވަހެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅޭގޮތުން ވަކިއެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

comment ކޮމެންޓް